ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ބަލައި ނުގަންނަން އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް، މައްސަލަ ކުރިއަށް ގެންދަން ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

ޝައްމާންގެ މައްސަލަ ހައިކޯޓަށް ހުށަހަޅެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ނިންމުމާއި ގުޅިގެން ޝައްމާންގެ ފަރާތުން އެ މައްސަލަ އަލުން ރިވިއުއަށް ވަނީ ހުށަހަޅާފައެވެ. އަދި ފަނޑިޔާރުން ނިންމީ އެ މައްސަލައިގައި ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް، އިސްތިއުނާފު ކުރިއަށް ގެންދިއުމަށެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އަދި ތަހު ގީގީ އިދާރާތަކުން ހުށަހެޅި ހުށަހެޅުންތަކާއި ގުޅިގެންނާއި، ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭތީ، ފަހުން ޝަރިއަތް ނިމެންދެން ޝައްމާން ބަންދުކުރަން އަމުރުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާން ހިމެނޭހެން އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅިގެން ހާމަކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ އިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށެވެ. އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށެވެ.