މާލޭގެ ސީޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުން އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 8 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަން އިން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ މާލޭގެ ސޯޝަލް ސެންޓަރު އަދި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީން ބަލައި ފާސްކޮށްފައި ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 8 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި މަހުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކަށް ބަލާއިރު މި މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެސް ވަނީ 11 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިޔަ ކެފޭއެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއެކެވެ.
ހަމައެއާއެކު މި މަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގައި 6 ބިދޭސީން ވަނީ އަތުލައިގެންފައެވެ. އެއީ މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.
މީގެ އިތުރުން މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 4 އެކަމަޑޭޝަން ބްލޮކެއް ބަލައިފާސް ކޮށްފައިވެއެވެ. އެތަނުން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 8 ބިދޭސީއަކު ވެސް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.
އަދި މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.