ޒަމާންތަކެއްގެ ކުރިން އެމެރިކާއިން ހަދައިދިން ޕެނަކާ ކަނޑުއޮޅި 1999 ގައި ޕެނަމާ އާ ހަވާލު ކުރިފަހުން މިހާރު އެ ތަނަށް ބާރު ފޯރުވަނީ ޗައިނާ އިން ކަމަށާއި އެއީ ބިރެއް ކަމަށް އެމެރިކާއިން ބުނުމުން ޗައިނާއިން ރައްދު ދީފިއެވެ.
އެމެރިކާގެ އިސް 2 ވަނަ އޮފިޝަލެއްގެ ގޮތުގައި ދިފާއީ ވަޒީރު ޕެނަމާއަށް ވަޑައިގެން ވިދާޅުވީ، ޕެނަމާ ކެނަލް ހަދައިދިނީ އެމީހުން ކަމަށާއި އެތަން ޕެނަމާ އާ ހަވާލު ކުރީ ހުޅުވާލެވިފައިވާ ކަނޑުއޮޅިއެއްގެ ގޮތުގައި ބޭނުން ކުރުމަށް ކަމަށެވެ. ނަމަވެސް އެ ކަނޑުއޮޅީގެ މުހިންމު އުމްރާނީ ވަސީލަތްތައް ކޮންޓްރޯލް ކުރަނީ ޗައިނާއަށް ނިސްބަތްވާ ކުންފުނިތައް ކަމަށާއި އެއީ އެ ކަނޑުއޮޅީގެ ހަރަކާތްތަކަށް ފާރަލުމަށް ޗައިނާގެ ސަރުކާރަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އަދި އެއީ ޕެނަމާ އާއި އެމެރިކާ ނުރައްކަލަށް ހުށަހެޅިގެން ދާ ކަމެއް ކަމަށާއި މިނިވަންކަން ހަނިވެ ފާގަތިކަން ދަށަށް ދާ ކަމެއް ކަމަށެވެ.
އެހެން ކަމުން އެ ހާލަތަކީ އެމެރިކާއިން ބަލައިގަންނާނެ ހާލަތެއް ނޫން ކަމަށާއި ރައީށް ޑޮނާލްޑް ޓްރަމްޕް ވިދާޅުފައި ވާ ފަދައިން އެ ކަނޑުއޮޅިއާ އެމެރިކާއިން ހަވާލުވާން ޖެހޭ ކަމަށެވެ. ކަނޑުއޮޅި އަތުލާނެ ކަމަށް ފާޅުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް އެމެރިކާގެ ދިފާއީ ވަޒީރާއި ހާރިޖީ ވަޒީރު ޕަނަމާއަށް ދައްކަވާފައި އާންމުކޮށް ދައްކަވާފައި ވާ ވާހަކަތަކުގައި އެތަން އަތުލާނެ ވާހަކަ ދިލާމަށް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވަމުން ގެންދަވަނީ، ޕަނަމާ އަށާއި އެގައުމުގެ ރައްޔިތުންނަށް ފާގަތި އަދި މުސްތަގިއްލު ކަމާއެކު ރައްކާތެރިކަން ލިބޭނީ އެމެރިކާ އާއެކު ތިބުމުން ކަމަށާއި ގޮތް ނިންމާނީ ޕެނަމާގެ ރައްޔިތުން ކަމަށެވެ. އެގޮތުން ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ސަމާލަތީ ރޮގުން ގުޅުންތައް ހަރުދަނާ ކޮށް ފުޅާ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ޕެނަމާ ރައްކާތެރިކޮށް ދެވޭނީ އެމެރިކާއަށް ކަމަށެވެ.
އެމެރިކާއިން މިމޭރުމުން ވާހަކަ ދައްކައި ޗައިނާ އާ މެދު ނަފްރަތު އުފައްދަމުން ދާތީ ޕެނަމާގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައި ވަނީ، އެމެރިކާއިން އުޅެނީ ބެލެކްމެއިލް ކުރަން ކަމަށާއި އަސްލު ނުރައްކަލަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި އެމެރިކާއިން އުޅެނީ ޕެނަމާގެ އިސްތިގުލާލީ ނިންމުންތަކަށް ގޮތް ކިޔާ ބާރުބޯރުވަން ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން ރައްޔިތުންގެ އިހުސާސްތަކާ ކުޅުމުގެ ނިތަކުގައި ކެމްޕެއިނެއް ހިންގައި ޗައިނާ އާއި ޕެނަމާގެ ގުޅުން ހީނަރުކުރަން މަސައްކަތް ކުރާ ކަމަށް ވެސް ޗައިނާއިން ތުހުމަތު ކުރެއެވެ. އަދި އެއީ އެމެރިކާއިން ގެންގުޅޭ ބައިނަލްއަގުވަމީ ސިޔާސީ ފަލްސަފާ ކަމަށް ވެސް ބުނެއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ހެޖްސެތްގެ ޕެނަމާ ދަތުރަށް ފަހު އެމެރިކާއިން ބުނެފައި ވަނީ އެ ކަނޑުއޮޅިން ދަތުރު ކުރާ އެމެރިކާގެ އަސްކަރީ އުޅަނދުތަކުން ފީ އެއް ނުނަގާ ގޮތަށް ޕެނަމާއާއެކު މިހާރު އެއްބަސްވެވިފައި ވާ ކަމަށެވެ. މީގެ ކުރިން ދިޔައީ އެކަނޑުއޮޅިން ދަތުރުކުރާ ހުރިހާ އުޅަނދަކަށް ފީ ނަގަމުންނެވެ. މިއީވެސް އެމެރިކާގެ އޮތް ކަންބޮޑުވުމެކެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ކަނޑުއޮޅި ޕެނަމާ އާ ހަވާލު ކުރެވުމަކީ އެމެރިކާއަށް ހެދުނު ގޯހެއް ކަމަށާއި އެ ކަނޑުއޮޅި އަލުން އަނބުރާ އަތުލަން ޖެހޭ ކަމަށެވެ.