މާލޭގައި ހިންގަމުންދާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ތަންތަނަށް ޖެހި ރެއިޑެއްގައި ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުން ދިޔަ 6 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަން އިން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި މި 6 ބިދޭސީން އަތުލައިގެންފައި ވަނީ އިއްޔެ ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ. އެގޮތުން މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށާއި އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ 6 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ބުނެއެވެ.
މި މަހުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކަށް ބަލާއިރު މި މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެސް ވަނީ 11 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިޔަ ކެފޭއެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއެކެވެ
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.
އަދި މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.