މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީ މަސައްކަތްތެރިން އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތުވާ މައްސަލައިގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަޖީދުގެ ދިރިއުޅޭ ގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާން ހިމެނޭހެން އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ހައްޔަރުކޮށްފައި ވެއެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ 3 މީހުންނަކީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަނަ އިސްމާއީލް، ގ.ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންއެވެ. މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކޮށްފައި ވާ އިރު 23 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ މ.ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނުއެވެ.

މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގިފައިވާ ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ އިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ކަމަށެވެ. އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު އޭރު ކޮންޓްރޯލަ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަމްއާނަށް އެނގިވަޑައިގަންނަވާ ކަމަށް ފުލުހުން ހިންގި ތަހުގީގުން އެނގިފައިވާ ކަމަށް އެ ބާޔަނުގައި ބުނެފައި ވެއެވެ. އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައީ އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެއީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ކަމަށާއި އެ އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި ބަލައި ފާސްކުރިކަމަށް ފުލުހުން ބުނެއެވެ. އޭގެ ފަހުން އެފަދަ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް އެރޭ ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރު ކުރެވުނު ބިދޭސީންގެ ތަކެތި ސީލްކޮށް ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރު ކުރި ބިދޭސީންތަކަކީ ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ކަމަށް ވެސް ފުލުހުން ބުނެއެވެ. ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނު އިރު މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށާއި އޭނާ ދޫކޮށްލީ ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އާޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވީ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާ މެންބަރެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. ބިދޭސީ މީހާ ހައްޔަރު ކުރި އިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ ވަނީ އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކޮށްފައި ކަމަސް ވެސް ފުލުހުން ބުނެއެވެ. އަދި އެމީހާ ދޫކޮށްލުމުގެ ޕްރޮސެސް ހިނގަމުން ދިޔަ އިރު ވަޒީފާގެ މަސްއޫލިއްޔަތު ނެތި ބަލައި ފާސްކުރުން ކުރިއަށް ގެންދިޔަ އިމިގްރޭޝަން މުވައްޒަފުން މ. ސްޓާ ކްލައުޑް ސަރަހައްދުގައި ތިބި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ބިދޭސީ މީހާ ގޮވައިގެން އޭނާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާ ސައިކަލެއްގައި ދިޔަ ނަމަވެސް ޝަހީދު އަލީ ހިނގުމުން އިމިގްރޭޝަން މުވައްޒަފަކާއެކު އޭނާ އިމިގްރޭޝަންގެ އުޅަނދަށް އެރި ކަމަށާއި އެ އުޅަނދު މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާ ވެއެވެ. ތަހުގީގުން ގަބޫލުކުރާގޮތުގައި "ވަކި ކަންތައްތަކެއް ނިންމުމަށްފަހު" ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް ގޮސް އިމިގްރޭޝަންގެ އުޅަނދުން ފައިސާ އެޅި ކޮތަޅު ނަގައިގެން ޝަމްއާންގެ ގެއަށް އެ ކޮތަޅު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައުލޫމާތު ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރި ކަމަށާއި، ޝަމްއާން ގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށް، މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ބަޔާން ނަގާފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.