ހއ. އުލިގަމުގައި އިމިގްރޭޝަން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އާ އިމާރާތެއް އެޅުމަށް މިއަދު އެމްޓީސީސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިމިގްރޭޝަން އިން ބުނީ މިހާރު އުލިގަމުގައި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ހިދުމަތްތައް ކަމަށެވެ. ނަމަވެސް އިމިގްރޭޝަންގެ އާ އިމާރާތާއެކު އުލިގަމުގައި ޕާސްޕޯޓާއި ވިސާގެ ހިދުމަތްތައްވެސް ފޯރުކޮށްދޭން ފަށާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތާއި ގުޅިގެން، ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދު ފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސްވެސް ދެވިގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގައި އިމިގްރޭޝަންގެ ފަރާތުން ސޮއި ކޮށްފައިވަނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، އަހްމަދު ފަސީވެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.