ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅައިފިއެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޝަމްއާން މަގާމުން ވަކިކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި 22 ވަނަ ދުވަހު ފުލުހަށް ހާޒިރު ކޮށް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ޝަމްއަާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އޭނާގެ ވަކީލުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް އެދި ހުށަހެޅީ އިއްޔެއެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިކަން ހައި ކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. އަދި އެ މައްސަލަ ބަލައިގަތުމާ މެދު ވަކި ގޮތެއް ކޯޓުން ނިންމާފައި ނުވާއިރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކޯޓުން ހާމަކޮށްފައި ނުވެއެވެ.
މި މައްސަލައާއި ގުޅިގެން ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަނަ އިސްމާއީލް، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންގެ އިތުރުން މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާން އެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ހޯދާފަ އެވެ. އެއަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.
އަދި އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝައްމާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ހަމަ އެހެންމެ އެ ބިދޭޭސީ މީހާ ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކޮށް އެ ފައިސާ ޝައްމާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.