ވެލާނާ އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑިއުޓީ ފްރީ ސިނގިރޭޓްތަކެއް އެތެރެކުރަން އުޅުނެނިކޮށް ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހެނދުނު 6:20 ހާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓްތަކެއް ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ރޭ ކޯޓު އަމުރެއްގެ ދަށުން ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން މިއަދު ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މ. ސިލްވާ ނެސްޓް، އަހްމަދު އަފްސަލް އާއު އުމުރުން 38 އަހަރުގެ ދަފްތަރު ނަންބަރު އާރްއެސް 14358، ޔޫސުފް ނަޒީރެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.