ރަމަޟާން މަހަށް ހާއްސަކޮށް އައްޑޫ ސިޓީ ހިތަދޫގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތަކީ އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގަދަ މުބާރާތެކެވެ. އައްޑޫ ސިޓީގެ މޮޅު ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ މޮޅު ކުޅުންތެރިންވެސް ޓީމުތަކުން ފެނިގެން ދާ މި މުބާރާތުގެ މެޗެއް ބަލަމުން ދިޔައިރު އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ވަރުގަދަ މެޗެއްގައި މޮޅު ކުޅުންެތެރިން ފޮނުވަމުން ދިޔަ ބާރުގަދަ ހަމަލާތައް ދިފާއުކުރަމުން ދިޔަ ކީޕަރެވެ. ހަމަ ޔަގީނުންވެސް ކުޅެން ތިބި އެހެން ޒުވާނުންނަށްވުރެ އުމުރުން ހަނގު އެ ކީޕަރުގެ ސޭވްތަކަށްސަޕޯޓަރުންގެ ތައުރީފު އޮހެމުން ދިޔައިރު، ހޫނު ހަމަލާތައް ދިފާއުކުރަމުން ދިޔައީ އެއްވެސް ޖެހިލުމެއް ނެތިއެވެ.
މިއީ އުމުރުން 16 އަހަރުގެ އަލީ މާއިސް ހުސައިން ރަޝީދުގެ ވާހަކައެވެ. ގދ.މަޑަވެލީގައި، އޭނަގެ މަންމައާއި އެކު ދިރިއުޅުނު ނަމަވެސް އޭނަގެ ހަޔާތުގެ މުހިއްމު ސަފްހާތައް ގުޅިފައިވަނީ އައްޑޫ ސިޓީއާއެވެ. މާއިސްގެ ބައްޕައަކީ އައްޑޫ ސިޓީ ހިތަދޫ މީހެއްކަމުން ލިބޭ ޗުއްޓީތައް، ބައެއް ފަހަރު ހޭދަކުރަނީ ބައްޕަގެ ރަށުގައެވެ. މަޑަވެލީގައި ދިރިއުޅެމުން އަންނަ މާއިސް ބުނީ އެ ރަށުގެ ފުޓްބޯޅަ ދަނޑު ގޭ ކުރިމަތީ ހުންނާތީ ކުޑައިރުވެސް، ކޮންމެ ދުވަހަކު ކުޅެން ދެވޭކަމަށެވެ. ހަވީރު ގަޑީގައި އެއް އުމުރެއްގެ ކުދިންނާއެކު ދަނޑަށް ކުޅެންދާ މާއިސް ބުނީ އެ ގަޑީގައި އެތަނުގައި ޒުވާނުންވެސް ކުޅެން އުޅޭ ކަމަށެވެ.
އެމީހުންގެ ކުޅުން ފެނި ފުޓްބޯޅައަށް އުފެދުނު ޝައުގުވެރިކަމާއެކު ގޯލްކީޕަރަކަށް ކުޅުމަށް މިސްރާބު އެބުރިގެން ދިޔައީ ބައްޕަގެ ފިޔަވަޅުމަތިންކަމަށް މާއިސް ބުންޏެވެ. މާއިސްގެ ބައްފަ ހުސައިން ރަޝީދު އަކީ އައްޑޫ ސިޓީގައި ކުޅުނު ގިނަ މުބާރާތްތަކުގައި ގޯލްކީޕަރެއްގެ ގޮތުގައި ކުޅެފައިވާ ކުޅުންތެރިއެއްކަމުން ބައްޕަގެ ކާމިޔާބީތަކަކީ ގޯލް ކީޕަރަކަށް ކުޅުމަށް ލިބުނު ހިތްވަރެއް ކަމުގައި މާއިސް ފާހަގަކުރިއެވެ
އައްޑޫ އީދި ސަމާ 2024 ގައި އެންމެ ފުރަތަމަ އައްޑޫގެ ޓީމަކަށް ކުޅުނު މާއިސާ ބުނީ އެ މުބާރާތުގައި ރަނައަޕް ޓީމުގެ މަގާމު ލިބުނުނަމަވެސް އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކޭކަމަށެވެ. އެ މުބާރާތަކީ އޭނާއަށް އާ ރަހްމަތްތެރިން ލިބި ކުޅުމުގެ ގިނަ ތަޖުރިބާތަކެއްވެސް ލިބުނު އަހަރެއްކަން ފާހަގަކޮށް މާއިސް ބުނީ މުބާރާތުގެ ގަދަ 5 ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.
ރާއްޖޭގައި ފުޓްސަލް ކުޅޭ ކުޅުންތެރިންގެ ތެރެއިން ޒިދާން އާއި އަޔާޒު އަކީ ވަރަށް ބޮޑު އިންސްޕިރޭޝަނެއްގެ ގޮތުގައި ސިފަކުރަމުން މާއިސް ބުނީ ރާއްޖެއިން ބޭރުގެ ކުޅުންތެރިންގެ ކުޅުންވެސް ވަރަށް ބޮޑަށް ބަލާ، ދިރާސާކުރާކަމަށެވެ. އެގޮތުން ޑޭވިޑް ޑި ގޭއާއަކީ ވަރަށް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއްކަމުގައި މާއިސްވަނީ ބުނެފައެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއްކަން ފާހަގަކޮށް މާއިސް ބުނީ މެޗުތަކަށް ތައްޔާރުވުމަށް އަބަދުވެސް ކޯޗުގެ އިރުޝާދު ވަރަށް ބޮަޑަށް އަޑުއަހާ ކަމަށެވެ. އެގޮތުން ކޯޗުގެ އިރުޝާދާ އެއްގޮތަށް ގޭމް ޕްލޭންތައް ހެެދުމާއި، ކުޅެން އެރުމުގެ ކުރިން އަމިއްލައަށް ފިޓުވުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި މާއިސް ބުންޏެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންނާއެކު ރަނގަޅު ގުޅުމެއް ބާއްވާ، ކުޅުމުގެ ތެރޭގައި ވާހަކަދެއްކުމަކީ ކީޕަރެއްގެ ހައިސިއްޔަތުން ބޮޑު ޒިންމާއެއް ކަމުގައި މާއިސް ދެކެއެވެ.
ގޯލްޑަން ފުޓްސަލް ކަޕްގައި ރަށު ޓީމު ތަމްސީލުކުރުމަކީ އެންމެ ދެކެން ބޭނުންވާ ދުވަސްކަން ހާމަކުރަމުން މާއިސް ބުނީ އަބަދުވެސް މަސައްކަތްކުރަމުން ދަނީ 'ކިންގް އޮފް ދަ ޓޯނަމެންޓަށް' ކަމަށެވެ. މާއިސް ދެކޭ ގޮތުގައި މިއީ ނުވާނެކަމެއް ނޫނެވެ. މިކަމަށް ބޭނުންވަނީ މޮޅު ކުޅުންތެރިންގެ ފަރާތުން، ލިބޭ ތަޖުރިބާއާއި މޮޅު ކޯޗެއްގެ އިރުޝާދާއެކު، ހިތްވަރާއެކު އެކަމަށް މަސައްކަތްކުރުމެވެ. ދަނޑުމަތީގައި ރަނގަޅު އަހްލާގަކާއެކު މޮޅު ކުޅެމެއް ދައްކާ އަބަދުވެސް މޮޅުވުމަށް މަސައްކަތްކުރާ މާއިސް ވަނީ އޭނާގެ ކުރިއެރުމަށް މަސައްކަތްކޮށްދޭ، އަދި ކުޅުމުގެ ދައިރާއިން ކުރިއަށް ދިއުމަށް ހިތްވަރުދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ޕްރައުޑް ސިސް