މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެ.

ހެލްތް މިނިސްޓްރީ އިން ބުނީ މި މަގާމަށް އައްޔަން ކޮށްފައި ވަނީ މެނޭޖްމަންޓް ދާއިރާ އަދި ހިންގުމުގެ ތަޖުރިބާ ހުރި އަހްމަދު މައުސޫމް ކަމަށެވެ. މައުސޫމް އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މީގެކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ހެލްތް މިނިސްޓްރީ އިން ބުނީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަދި ޑިރެކްޓާ އެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް އައްޔަން ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ހެލްތު މިނިސްޓްރީ އިން ބުނީ ވަރަށް އަވަހަށް ތެލަސީމިއާ ސެންޓަރަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެކަމަށާއި، އެތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފައި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތެލަސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ވަނީ މުޒާހަރާ ކޮށްފައެވެ. މި ކަމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ހިދުމަތްތައް ބައްލަވާލައްވާފައެވެ. އެއާއެކު ރައީސް ވަނީ ހުޅަހެޅުއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާ ފިޔަވަޅުތައް އަޅަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ނިންމަވާފައެވެ.