މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިތުރު އިމިގްރޭޝަން އޮފިސަރަކު ހައްޔަރުކޮށް، މި މައްސަލައިގައި ހައްޔަރުކުރި އެންމެންގެ ވަނަވަރު އާންމުކޮށްފިއެވެ.

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހިމެނޭ ގޮތަށް މި މައްސަލައިގައި މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ 3 މީހުންނަކީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަނަ އިސްމާއީލް، ގ.ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންއެވެ،

މި މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ މ.ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނުއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޝައްމާނުގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ދެ އޮފިސަރަކު 10 ދުވަހަށް އަދި އެއް އޮފިސަރަކު 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ހޯދާފަ އެވެ. އެއަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.

އަދި އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000 ރުފިޔާ ދިނުމުން ދޫކޮށްލީ ޝައްމާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. ހަމަ އެހެންމެ އެ ބިދޭޭސީ މީހާ ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކޮށް އެ ފައިސާ ޝައްމާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.