މާލޭގެ ހީނާމާގެ ޕާކިން ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅޭ ފަސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަން އިން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި ރޭ ވަނީ މާލޭގެ ހީނާމާގޭ ޕާކިން ސަރަހައްދުގައި އުޅެމުންދިޔް ބިދޭސީން ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ފަސް ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަަމށް އިމިގްރޭޝަނުން ބުނެއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ހިންގާ ރެއިޑް އޮޕަރޭޝަންތައް މި ރޯދަ މަހުގައި ވެސް ކުރިއަށް ގެންދާ އިރު މި މަހުގެ 16 ވަނަ ދުވހު ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް އަތުލައިގެންފައެވެ. އޭނާ އިމިގްރޭޝަނުން އަތުލައިގެންފައި ވަނީ މާލޭގައި ހިންގަމުންދިޔަ ކުޑަ މާރުކޭޓެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.

ހަމައެއާއެކު މި މަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅާފައިވާ ރިޕޯޓަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވހު މ. ހާމަނީ ބަލައި ފާސްކޮށް 3 ބިދޭސިއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުން ގެންދާ އިރު، އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ

ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.

އަދި މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.