2017 ވަނަ އަހަރުން ފެށިގެން ތެލްސީމިއާ ސެންޓަރު ހިންގާނެ ޑިރެކްޓާ ޖެނެރެލް އެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލިބެން ޖެހޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބި ދިގުލައިގެން ދިއުމާއެކު ތެލެސީމިއާއަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ރޭ ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީގައި މުޒާހަރާކޮށްފަ އެވެ. އެ ފަރާތްތަކުން ރޭ މުޒާހަރާ ކޮށްފައި ވަނީ ބްލަޑް ސާވިސް ހިންގަން ހަވާލުވެ ތިއްބެވި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުންވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ބުނެއެވެ.
އެއާއެކު ތެލްސީމިއާ ކުދިންގެ ކަންބޮޑުވުންތައް އެއްސެވުމަށް ރައީސް ވަނީ މިއަދު ހެނދުނު ތެލްސީމީއާ ސެންޓަރަށް ޒިޔާރަތްކޮށް ތަނުގެ ހާލަތު ބައްލަވާ ތެލްސީމިއާ ބައްޔަށް ފަރުވާ ހޯދާ ކުދިންނާއި އެ ކުދިންގެ އާއިލާތަކާ ވެސް ބައްދަލު ކުރައްވާފައެވެ. އެއަށްފަހު ނޫސްވެރިންނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިހުމާލުތައް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ތެލްސީމިއާ ސެންޓަރު ހިންގާނެ ޑިރެކްޓާ ޖެނެރެލް އެއް ނެތި އަހަރުތަކެއް ފާއިތުވެފައިވާ ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް ތަނުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
"އެތަން ހިންގަން ޑިރެކްޓާ ޖެނެރަލް އެއް ނުލާ 2017 ވަނަ އަހަރުން ފެށިގެން އަންނަ ކަމަށް ވަނީ. އެކަން ވަގުތުން ހައްލު ކުރެވޭނެ ގޮތެއް އަޅުގަނޑު ވާނީ ދަންނަވާފައި" ރައީސް ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ތަން ހިންގުމަށް ބޭނުންވާ އާލާތްތަކާއި ނަރުހުންނާއި ފިޒީޝަނެއްވެސް ނެތް ކަން ފާހަގަކޮށް ރައީސް ވަނީ އެ ހުރިހާ ކަމަކަށް ހައްލު ހޯދާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހަމަ އެހެންމެ ހޮސްޕިޓަލެއްގައި ހިދުމަތް ދޭ ގޮތަށް މަސައްކަތް ކުރާ ދުވަސްތަކާއި ގަޑިތައް އިތުރު ކުރުމަށް ކުރަންވީ މަސައްކަތުގެ އިރުޝާދު ވެސް ކަމާ ގުޅުންހުރި ފަރާތްތަކަށް ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ވެސް އެ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވިކަމަށާއި ފައިސާގެ ގޮތުން އެކަން ކުރުމަށް ދަތިތަކެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުންވެސް ކަންކަނ ހައްލު ކުރުމަށް މުހުލަތުތަކެއް ދީފައިވާ ކަމަށާއި އެ މުހުލަތުގެ ކުރިއަށް ކަންކަން ރަނގަޅު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާއިތުވި އަހަރެއްހާ ދުވަހު ތަނުގެ ހާލަތު ބަޔާންކޮށް ތެލްސީމިއާ ސެންޓަރުގެ އިސް ވެރިން ވެސް ބައްދަލު ކުރައްވާފައިވާ ކަަމަށާއި ނަމަވެސް މިކަމަށް އަމަލީ ސިފައެއް ލިބިފައި ނެތް ކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ ސެންޓަރަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދާ ދިނުމަށް ވީ އެންމެ އަވަހަކަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ވެސް ހުޅުމާލެއަށް ތެލްސީމިއާގައި ތަރައްގީ ކުރަމުންދާ ސެންޓަރުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައިވާ ކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ޖާގަ ތަނަވަސް އެ އިމާރާތަށް ބަދަލުވާއިރު މިހާރަށް ވުރެ ގިނަ ވަސީލަތްތަކާއެކު ފުރިހަމަ ހިދުމަތެއް ދިނުމަށް އިސްކަންދޭ ކަމަށެވެ. އަދި ދަތުރުފަތުރު ކުރުމަށް ފަސޭހަ ކުރަން ސެންޓަރު ކައިރިއަށް ބަސް ސްޓޮޕެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަަށް ރައީސް ވިދާޅުވިއެވެ.
ޒަމާނުއްސުރެ ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. އަދި އެންމެ ފަހުން ރޭ ވެސް މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ބޭސް ލިބުން ދަތިވުމުގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ފިލްޓަރުތަކުގެ މައްސަލަތަކާ ހުރެ ލޭ ޕެކެޓުތައް އުކާލަން ޖެހޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެހެންމެ އެ ތަނުގެ ހިދުމަތް ސަރުކާރު ބަންދު ދުވަސްތަކުގައި ނުލިބޭކަން ވެސް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.