ކެއްކުމުގެ ހުނަރަކީ އިންސާނުންގެ އަސާސީ ބޭނުންތަކުގެ ތެރެއިން އެއް ބޭނުމެވެ. ނަމަވެސް ކެއްކުމުގެ ފަންނުވެރިޔަކަށް ވުމަކީ ކޮންމެ މީހަކަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ކެއްކުމުގެ ދާއިރާއަކީ އަންހެނުންނާ ގުޅިލާމެހިފައިވާ ދާއިރާއެއްގެ ގޮތުގައި ދެކެވެމުން އައި ނަމަވެސް މިއަދު މި ދެކުން ބަދަލުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްގީއާއެކު ރިސޯޓުތަކާއި ސަފާރީ އުޅަނދުތަކާއި ރެސްޓޯރަންޓުތަކުގެ ބަދިގެތަކުގައި މަސައްކަތްކުރާ ފިރިހެން ކެއްކުންތެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން ބަލާއިރު ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށްދާ ދިވެހިންނަށް ދިވެހި ކާނާ ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅޭ ފިރިހެނުން ފާހަގަކުރެވެއެވެ. ނަމަވެސް އެކަމުގައި ޒުވާނުން ހަރަކާތްތެރިވާވަރު މަދެވެ.

މި މަދު ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޒުވާނަކީ ހދ. ނޮޅިވަރަމަށް އުފަން، އުމުރުން 22 އަހަރުގެ އިބްރާހިމް ނިޒާމެވެ. ކުޑައިރުއްސުރެ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ނިޒާމް، އޭނާގެ ހުނަރު ދަސްކުރަން ފެށީ އަމިއްލަ ގޭގެ ބަދިގެއިންނެވެ. ކުޑައިރުއްސުރެ ވެސް މަންމައާއެކު ކެއްކުމުގައި އޭނާ ހަރަކާތްތެރިވިއެވެ. ނިޒާމްއަށް ދަސްވެފައިވާ ކެއްކުމުގެ ކަންކަމަކީ އޭނާގެ މަންމަގެ ފަރާތުން ދަސްވެފައިވާ ކަންކަން ނިޒާމް ފާހަގަކުރެއެވެ.

ނިޒާމް ރިސޯޓުގައި މަސައްކަތްކުރި އިރު/ ފޮޓޯ: ނިޒާމް
މީހުން އަހާ ކިހިނެތް ކޮންތާކުންހޭ ކައްކަން ދަސްކުރީ، މަންމަ ކައިރި އުޅެގެން ދިވެހި އެއްޗެހި ކައްކަން ދަސްވީ، ދިވެހި ހަވާދު އެއްޗެހި ދަސްވީ މަންމަ އާއި މާމަ ކައިރިން
ނިޒާމް

އޯލެވެލްއާ ހަމައަށް ރަށު ސްކޫލުން ތައުލީމު ހާސިލުކުރުމަށްފަހު އިތުރަށް ކިޔެވުމަށްޓަކައި ނިޒާމް މާލެއައެވެ. ކެއްކުމަށް ހުރި ޝައުގުވެރިކަމާއެކު އެ ދާއިރާއިން އިތުރަށް ކިޔެވުމުގެ އުންމީދުގައެވެ. އެގޮތުން ވިލާ ކޮލެޖުގެ ހޮސްޕިޓާލިޓީ ކޯހަކުން ނިޒާމް ޖާގަ ހޯދާ، ކިޔަވަން ފެށީ ފޮނި އުންމީދާއެކުއެވެ. އެހެންނަމަވެސް ކޮވިޑް 19 ގެ ބަލިމަޑުކަމާއެކު ނިޒާމްގެ މިސްރާބަށް ބަދަލުއައީ ކިޔަވަން ފެށިތާ މަސް ދުވަސް ތެރޭގައި ކޮލެޖް ބަންދުކޮށް އެނބުރި ރަށަށްދާން ޖެހުމުންނެވެ. ކޯހުގައި ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި މާބޮޑު އާ ކަމެއް ދަސްވެފައިނުވާކަން ނިޒާމް ފާހަގަކުރެއެވެ.

އެ ބަލި މަޑުކަމުގެ ތެރޭގައި ރަށުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ނިޒާމް ގަސްތުކުރީ ވަޒީފާއެއް ހޯދުމަށެވެ. އެގޮތުން ފިރިހެން ކައްކާއިންނަށް އެންމެ ފުރުސަތު އޮތް، ފަތުރުވެރިކަމުގެ ދާއިރާއިން ރިސޯޓަކުން ވަޒީފާ ހޯދިއެވެ. އެއީ ކ. އަތޮޅުގައި ހިންގަމުންދާ އަދާރަން ކްލަބް ރަންނާޅި ރިސޯޓުންނެވެ. އެ ރިސޯޓުގައި ކައްކާއެއްގެ ގޮތުގައި ދިވެއްސަކަށް އެވަގުތު މަސައްކަތް ކުރަމުންދިޔައީ ހަމައެކަނި ނިޒާމްއެވެ. އޭނާ ފާހަގަކުރި ގޮތުގައި އެ ރިސޯޓުން ކެނޑުނީ ރޯދަމަހު މާ ބިޒީކޮށް މަސައްކަތްކުރަންޖެހުމާއެކު ނަމާދުކުރާނެ ވަގުތު ނުލިބޭތީއެވެ. އޭގެފަހުން 2021 ވަނަ އަހަރު ކ. އަތޮޅު ލަކްސް ރިސޯޓުގެ ކައްކާއެއްގެ ވަޒީފާއަށް ދިޔަ ނިޒާމް، ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ރިސޯޓުގައި މަސައްކަތްކޮށްފައެވެ.

ނިޒާމް އަޅާފައިވާ ޕިއްޒާއެއް/ ފޮޓޯ: ނިޒާމް

ޒުވާން އުމުރުގައި އުންމީދު ހާސިލްކޮށް، އުމްރާވެރިންނަށް ކައްކަން!

މަދީނާގައި ހުރެ "ދަ ޕްރެސް"އަށް އިންޓަވިއު ދެމުން ނިޒާމް ބުނީ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ވެސް އުމްރާވެރިންނަށް ކައްކަން ދިއުމަށް އޭނާގެ ޝައުގުވެރިކަން ހުރި ކަމަށެވެ. އެގޮތުން ރިސޯޓުގައި މަސައްކަތް ކުރި ދުވަސްވަރު އުމްރާވެރިންނަށް ކެއްކުމަށް ޝައުގުވެރިވާކަން ފާހަގަކޮށް ރާއްޖެއިން މީހުން އުމްރާއަށް ގެންދާ ގްރޫޕުތަކަށް ނިޒާމު މެސެޖުކޮށްފައިވެއެވެ.

އުމްރާވެރިންނަށް ކައްކަން ދިއުމުގެ ފުރުސަތު ނިޒާމްއަށް ފުރަތަމަ ލިބުނީ "ދަރުމަ ލިލް ހައްޖު ވަލް އުމްރަތި" ގްރޫޕުންނެވެ. އެއީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި އެ ގްރޫޕުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ އުމްރާވެރިންނަށް ކެއްކުމަށެވެ. އެ ފަހަރު ދަރުމަ ގްރޫޕުން އުމްރާއަށް ދިޔަ ދިވެހިންނަށް ކެއްކުމުގައި 42 ދުވަހު ނިޒާމް ހަރަކާތްތެރިވެފައިވެއެވެ. އެއީ ނިޒާމް ކުރި އެފަދަ ފުރަތަަމަ ތަޖުރިބާ ވިޔަސް، އެ ތަޖުރިބާއާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހެއެވެ.

މިހާރު ވެސް އުމްރާވެރިންނަށް ކެއްކުމަށްޓަކައި މައްކާގައި ހުރި ނިޒާމް ބުނީ މިފަހަރު އޭނާ ގޮސްފައި ވަނީ 45 ދުވަހަށް ކަމަށެވެ.

ރިސޯޓާއަޅާ ބަލާއިރު އުމްރާވެރިންނަށް ކެއްކުމުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކޮށް ނިޒާމް ބުނީ ކުރިން ކައްކަމުން އައިގޮތް ބަދަލުކުރަންޖެހުމުން އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން މައްކާގައި ގޭސް ބޭނުން ކުރުން މަނާކޮށްފައިވުމާއެކު ކައްކާ އުޅެނީ ކަރަންޓުންނެވެ. އަދި ކައްކަން ބޭނުންކުރާ ތަކެތި ލިބުމުގައި ހުރި ދަތިތަކާއެކު ވެސް ނިޒާމް މަސައްކަތް ކުރަނީ ވީ އެންމެ ރަހަމީރުކޮށް ކެއްކުމަށެވެ.

ނިޒާމް، އޭނާ ތައްޔާރުކޮށްފައިވާ ޑިޝްއެއް ހިފައިގެން/ ފޮޓޯ: ނިޒާމް

އުމްރާވެރިންނަށް ކެއްކުމުގައި ހަރަކާތްތެރިވަމުންދާ 22 އަހަރުގެ ނިޒާމްއަކީ އޭނާގެ ގްރޫޕުގެ އިސް ކައްކާވެސް މެއެވެ. އޭނާއާއެކު ގްރޫޕުގައި ޖުމްލަ 4 ކައްކާއިން ތިބެއެވެ. އެ ފަދަ ޅަ އުމުރެއްގައި މައްކާ ފަދަ ތަނެއްގައި ނިޒާމް ދައްކަމުންދަނީ އެފަދަ އެހެން ޒުވާނުންނަށްވެސް ނަމޫނާއެކެވެ. އެ ގްރޫޕާއި އެހެން ގްރޫޕްތަކުންގެ ކެއްކުމުގެ ކަންކަމުގައި އެ އުމުރުގެ ޒުވާނުން ހަރަކާތްތެރި ނުވާކަމަށް ކެއްކުމުގެ ކަންކަމުގައި އެހެން ގްރޫޕްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދެމުން ނިޒާމް ކިޔައިދިނެވެ،

ނިޒާމް އެންމެ އުފާވަނީ އޭނާ ކައްކާފައި ހުންނަ ތަކެއްޗަށް މީހުންގެ ފަރާތުން ލިބޭ ކޮމެންޓްތަކުންނެވެ. އެގޮތުން ކާތަކެތި ރަހަބަލާލުމަށްފަހު އެތަކެތި މީރު ކަމަށާއި އެހެންމީހުން ކައްކާ ތަކެއްޗާ ތަފާތު ކަމަށް ބުނުމުން އޭނާއަށް ލިބޭ ހިތްހަމަޖެހުން ބޮޑެވެ.

އެންމެ އުފާވަނީ މީހުން އެއްޗެހި ރަހަބަލާފަ ބުނާނެ ކުރިން ވެސް މިކަހަލަ އެއްޗެހި ކެއީމޭ މިކަހަލަ ރަހައެއް ނޫނޭ ލަނީ، ވަރަށް ތަފާތޭ، މީތި ހަދާ ގޮތް ކިޔާދެއްޗޭ، ދައްތަމެން ކައްކާއިރުވެސް މިކަހަލަ ރަހައެއް ނުލައޭ، ކިހިނެއްހޭ ކޮއްކޮ މިކަހަލަ ރަހަތައް ނެރެނީ،
ނިޒާމް

ކެއްކުމަކީ ހަމައެކަނި ނިޒާމްގެ ވަޒީފާއެއްގެ ގޮތުގައި ކުރާ ކަމެއް ނޫނެވެ. އޭނާ ވަނީ ކެއްކުމުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދަދިނުމުގައި ވެސް މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ދުބާއީގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތެއް ކަމަށްވާ "ޔަންގް ޝެފްސް ޖެލެންޖް ބައި ޖޭއެމް ފުޑްސް" މުބާރާތުގައި ބައިވެރިވެ 3 ވަނަ ހޯދާފައިވެއެވެ. އޭގެ އިތުރުން 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއާ ހޮޓެލް މުބާރާތުން ވެސް އޭނާ ވަނީ 3 ވަނަ ހޯދާފައެވެ.

ދުބާއީގައި ބޭއްވި މުބާރާތުގައި ނިޒާމްއަށް ލިބުނު މެޑަލް އަޅައިގެން/ ފޮޓޯ: ނިޒާމް

ކެއްކުމަށް އޮތް ޝައުގުވެރިކަމާއެކު ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާން ފެށި ނަމަވެސް އެހާ ޒުވާން އުމުރުގައި މި ދާއިރާއިން މި ހިސާބަށް އާދެވޭނެ ކަމަށް ނިޒާމް ފަހަރުގައި ވެސް ހިޔެއް ނުކުރެއެވެ. ނިޒާމް އަދިވެސް ބޭނުން ވަނީ ދާއިރާއިން ގިނަ ކަންކަން ދަސްކޮށް ކުރިއަށް ދިއުމަށެވެ. އާ ތަކެތި ކައްކަން ދަސްކުރުމަށާއި މިހާރު ކައްކާ ތަކެތި އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރުމެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އުމްރާވެރިންނަށް ކައްކާ މީހެއްގެ ގޮތުގައި ދެމިހުރުމަށެވެ.

ކެއްކުމުގެ އިތުރުން ނިޒާމްގެ ޝައުގުވެރިކަން ބެޑްމިންޓަންއަށް:

ކުޑައިރުއްސުރެ ކެއްކުމަށް ޝައުގުވެރިކަން ހުރި ނިޒާމްއަކީ ބެޑްމިންޓަންކުޅުމަށް ލޯބި ކުރާ ޒުވާނެކެވެ. ރަށުގައި ބެޑްމިންޓަން ކޯޓެއް ނެތުމާއެކު ބިންމަތީގައި ކުޅެމުންދިޔަ ނިޒާމަށް އެ ދާއިރާއިން އިތުރަށް ކުޅުމަށް ފުރުސަތު ލިބިގެން ދިޔައީ ބެޑްމިންޓަންކުޅޭ ރަށުގެ ސީނިއާ މީހުންނަށް އޭނާގެ ކުޅުން ފެނި އެ މީހުން ފަހިކޮށްދިން ފުރުސަތުތަކާއެކުގައެވެ.

އެގޮތުން 2017 ވަނަ އަހަރު މާލޭގައި ބޭއްވި ބެޑްމިންޓަން މުބާރާތުގައި ބައިވެރިވެ ނިޒާމްގެ ގްރޫޕުން ވަނީ 3 ވަނަ އަތޮޅުގެ މަގާމު ހޯދާފައެވެ. އޭގެ އިތުރުން ރިސޯޓުގައި އުޅުނު ދުވަސްވަރު ރިސޯޓުން ކުރިއަށް ގެންދިޔަ ބެޑްމިންޓަން 3 މުބާރާތެއްގައި ބައިވެރިވެ އޭގެ ތެރެއިން 2 މުބާރާތުން އޭނާ ޗެމްޕިއަންކަން ހޯދިއެވެ.

ނިޒާމް އޭނާގެ ބެޑްމިންޓަން ޓީމާއެކު/ ފޮޓޯ: ނިޒާމް

ނިޒާމް ބުނިގޮތުގައި އޭނާގެ ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އޭނާގެ މަންމަ، އެއްބަނޑު އެއްބަފާ ދައްތަ އަދި މާމަގެ ފަރާތުންނެވެ. ދިވެހި ކެއުންފަދަ ތަކެތި ކައްކަން ނިޒާމްއަށް ދަސްވީ އޭނާގެ މަންމަ އަދި މާމަގެ ފަރާތުންނެވެ. ދައްތަގެ ފަރާތުން ލިބޭ އެއްބާރުލުމާއި ސަޕޯޓް ބޮޑުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.