އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޝަމްއާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މީސްމީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޝަމްއާން ހާޒިރުކޮށްފައި ވަނީ ގަލޮޅު ޕޮލިސް އަށެވެ.
ރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ބިދޭސީން ހޯދައި ޑިޓެންޝަން ސެންޓަރަށް ގެންދިޔުމުގެ މަސައްކަތް ކުރާ ޓާސްކްފޯހުގެ މުވައްޒަފުންނާއި ރިސްކް މެނޭޖްމަންޓް ސެކްޝަންގެ މުވައްޒަފުން ފިޔަވައި އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރިކަން އެނގިފައިވާ ކަމަށެވެ.
އަދި އެ ފާސްކުރި ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާ އެކު ގެންގޮސްފައިވާ ކަމަށާއި، އެ ތަނުން 530،000ރ އާ އެކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސިއަކު އޭގެ ދުވަހެއް ފަހުން ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައި ވާކަން އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި:
- އެ ގެ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަން ސެންޓަރުން ދޫކޮށްލި ބިދޭސީ މީހާ އާ ބައްދަލުކޮށްފައިވޭ
- އެ މީހާގެ އަތުގައި ހުރި ފައިސާތައް ހިފައިގެން މިއަދާ ހަމައަށް ޝަމްއާންގެ ގެއަށް އެ މުވައްޒަފުން ވަދެފައިވޭ