ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ފަސީހް ރައީސް އައްޔަންކުރައްވައިފިއެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް ފަސީހް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

ފަސީހްއަކީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފްބީއައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. ފަސީހް ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގިނަ ދުވަހު ހިދުމަތް ކުރައްވައި އަދި ޕޮލިސް ބޯޑުގައި ވެސް މަސައްކަތްކުރައްވާފައެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް ފަސީހް އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި ޝަމްއާން ވަހީދު އެ މަގާމުން ވަކިކުރުމަށްފަހުގައެވެ. ޝަމްއާން މަގާމުން ވަނިކޮށްފައިވާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް ޝަމްއާން މަގާމުން ވަކިކޮށްފައި ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގައެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަވެ.