އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދަމުންދާ މައްސަލައެއް ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ހާމަކުރި ދަނޑިވަޅެއްގައި ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފިއެވެ.
ކޮންޓްރޯލަރު ޖެނެރަލްގެ މަގާމުން ޝަމްއާން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދެއްވާފައިވެއެވެ. ނަމަވެސް ޝަމްއާން ވަކިކުރި ސަބަބެއް ނޭނގެއެވެ.
އެކަމަކު ބައެއް މަސްދަރުތަކުގައިވާ ގޮތުން، ޝަމްއާން ވަކިކޮށްފައިވަނީ ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައާ ގުޅުން އޮތުމުންނެވެ.
މިރޭ ދަންވަރު އިރާކޮޅު ފުލުހުން ހިއްސާކުރި މައުލޫމާތުގައި ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން ކޮޮންޓްރޯލަރުގެ މަގާމަށް ޝަމްއާން އައްޔަންކުރެއްވީ ނޮވެމްބަރު 19، 2023 ގައެވެ.