ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަންހެނަކު ކުރިމަތިލައިފި ނަމަ ކޮންމެވެސް ފިއްތުންތަކެއް ކުރިމަތި ކުރުވާ ވާހަކަތަކަކީ ބަޔަކު ޔޯލަ ކޮށްލާފައި ދައްކާ ވާހަކަތަކެއް ނޫނެވެ. މިފަދަ އެތައް ކަމެއް ހިނގާފައި ހުރިކަން އަޅުގަނޑުމެންގެ ތާރީހު ހެކިދެއެވެ. ނަމަވެސް އަބަދުވެސް އަޑު ހަރުކޮށް ދައްކާ ވާހަކައެއް އޮވެއެވެ. އެއީ ދެ ޖިންސުގެ މީހުންނަށްވެސް ހަމަ ހަމަ ކަމާއެކު މުޖްތަމައުގައި ފުރުސަތުތައް ހޯދާ ދިނުމުގެ ވާހަކަތަކެވެ. ނަމަވެސް މިކަންކަން އަޅުގަނޑުމެން އިއްވަމުންދާ އަޑާއި އެއްވަރަށް ހާސިލް ވަމުން ދޭތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލަބަލާށެވެ.

އަންހެނުންނަކީ މުޖްތަމައުގައި ވެސް މުހިންމު ރޯލެއް އަދާ ކުރާ ބައެއްގެ އިތުރުން އެމީހުންނަކީ އާއިލާގެ ތަނބެވެ. ކޮންމެ ކަމެއް ވެސް ހިތްވަރާއެކު ކެރިގެން ކުރިމަތިލުމަކީ ގިނަ އަންހެނުންގެ ކިބައިން ފެނިގެންދާ ރީތި ސިފައެކެވެ. ހާއްސަކޮށް އެ މީހުންގެ ދަރިންނަށް އުޖާލާ މުސްތަގްބަލެއް ހޯދައިދިނުމަށް ކަނބަލުން ވަމުންދާ ގުރުބާނީއަކީ މިހެން ލިޔެލާ ލިޔުމަކުން ބުނެވޭނެ ވާހަކަތަކެއް ނޫނެވެ. އެގޮތުން ރަމަޟާން މަހަށް ހާއްސަކޮށް ގެނެސްދޭ 'މީހުން' ސެގްމެންޓުގެ މިއަދުގެ ލިޔުން ވެސް ހާއްސަ މި ކޮށްލަނީ އެފަދަ ދިވެހި ހިތްވަރުގަދަ ކަނބަލަކަށެވެ.

އުމުރުން 46 އަހަރުގެ އައިމިނަތު ވަހީދާ (އައިންތު)ގެ ހަޔާތުގެ ޝައުގުން ފުރިގެންވާ ވާހަކަ ތަކަށެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުފެންނަ މަސައްކަތެއް ކުރަމުންދާ ކަނބަލަކަށްވާއިރު އޭނާގެ ދާއިރާއަކީ ޓެކްސީ ދުއްވުމެވެ. އޭގެ އިތުރުން ވެސް އައިންތު މިހާރު ދަނީ ޓެކްސީ ސެންޓަރެއްގެ އުޅަނދުތައް އޮޕަރޭޓް ކުރަމުންނެވެ. ދުވާލުގެ ވަގުތު އޭނާ މުޅިންހެން ހޭދަ ކުރަނީ ޓެކްސީ ދުއްވުމުގައެވެ. އަދި ރޭގަނޑު އައިންތުގެ ވަގުތުތައް ހާއްސަ ކުރަނީ ޓެކްސީ ސެންޓަރު އޮޕަރޭޓް ކުރުމަށެވެ.

މަސައްކަތަށް އެހާ ފަރުވާތެރި އައިންތު އާއި އިންޓަވިއުކުރުމަށް އަޅުގަނޑު ދާންޖެހުނީވެސް ޓެކްސީ ސެންޓަރަށެވެ. އެއީ އޭނާގެ ބިޒީ ޝެޑިއުލް އިން ވަގުތުކޮޅެއް އިންޓަވިއުއަށް ހާއްސަ ކުރުމުގެ ގޮތުންނެވެ. އެއާއެކު އަޅުގަނޑުމެންނަށް މި ފުރުސަތު ވެގެންދިޔައީ ޓެކްސީތައް އޮޕަރޭޓް ކުރާތަން ގާތުން ބަލައިލުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

އައިންތު ޓެކްސީ އޮޕަރޭޓް ކުރާ އޮފީހުގެ ކައުންޓަރު މަތީ އަތުރާލާފައިވާ ފޯނުތައް، އިންޓަވިއު ދެމުން ވެސް އޭނާ ދިޔައީ ހިދުމަތް ދެމުން

ގޯޅިއަކަށްވާ ގޮތަށް ހުންނަ ކުޑަ ދެދޮރުފަތް ލީ ދޮރަކުން ވަދެގެން ހަނި ސިޑިއަކުން މައްޗަށް އެރުމުން ފެނުނީ ހަމަ ހިމޭން ކުޑަ ކޮޓަރިއެއްގައި ޝައުގުވެރިކަމާއެކު އައިންތު މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ. އެ ކޮޓަރީގައި ކައުންޓަރަކާއި ކޮފީ އަދި ސައި ތައްޔާރު ކުރުމަށް ހާއްސަ މޭޒެއް ހުރިއިރު ކަސްޓަމަރުން ހަނދާންނެތި ކާރަށް ދޫކޮށްފައިދާ ތަކެތި ބެހެއްޓުމަށް ވެސް ހާއްސަ މޭޒެއް ހުއްޓެވެ. ކޮޓަރީގެ އެއް ފަރާތެއްގައި ބަހައްޓާފައި ހުރި އެ ކައުންޓަރު ކައިރި އައިންތު އިށީނދެލައިގެން އިންއިރު އެ ކައުންޓަރު މަތީގެ ވަށައިގެން ކަހަލަ ގޮތަކަށް ފޯނުތައް އަތުރާފައި ހުއްޓެވެ. ގާތް ގަނޑަކަށް 5-6 ވަރަކަށް ފޯނު ހުއްޓެވެ. އަދި ފަހަރަކު ފޯނަކަށް އޭނާ ޖަވާބުދެމުން އައިންތު އިންޓަވިއު ކުރިއަށް ގެންދިޔައީ ވަރަށް ފަރިތަކަމާއެކުއެވެ.

އަމިއްލަ ތައާރަަފާއި ދިރިއުޅުމުގެ ސުވާލުތައް އަމުނާލުމާއެކު ގދ. ވާދޫއަށް އުފަން އައިންތު ފީނާލީ އޭނާގެ މާޒީއަށެވެ. މަސްވެރި އާއިލާއަކަށް އުފަން އައިންތު އަކީ ހަތް ބެއިންގެ ތެރެއިން އެންމެ ދޮށީ އަންހެން ކުއްޖާއެވެ. އޭރު ރަށުގައި ކިޔަވާދެނީ ގްރޭޑް ހަތަކަށްކަން ފާހަގަކޮށް އައިންތު ބުނީ ތައުލީމް ހާސިލްކޮށް ނިންމުމަށްފަހު އުމުރުން 16 އަހަރުގައި ކައިވެންޏެއް ކުރިއެވެ. ކައިވެންޏަށް ލޯބި ލޯބި ދެ ކުދިން ލިބުނު ނަމަވެސް އެ ކައިވެނި ވެގެންދިޔައީ އެހާ ކާމިޔާބު ކައިވެންޏަކަށް ނޫނެވެ.

އައިންތުގެ މަންމަ އަދި ބައްޕައާއެކު، އައިންތުއަކީ ބައްޕަގެ ފޭވަރިޓް ދަރިފުޅުވެސް މެ

އަބަދުވެސް އެކި މަސައްކަތް ކުރުމަށް ޝައުގުވެރިވާކަން ފާހަގަކޮށް އައިންތު ބުނީ ކައިވެނި ރޫޅުމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރުމަށް ލިބުނު އިތުރު ފުރުސަތަކާއި ހިތްވަރެކެވެ. ދެ ދަރިންގެ ހައްގުގައި ހީވާގި ކަމާއެކު އޭނާ ދިޔައީ ތަފާތު އެކި މަސައްކަތް ކުރަމުންނެވެ. އެގޮތުން އައިންތު އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރީ އައިޖީއެމްއެޗް ގައެވެ. އަލްމަރްހޫމް 'އޯކޭ ޒާހިރު'ގެ އެހީތެރިކަމާއެކު 1 އަަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އައިޖީއެމްއެޗް ސާފު ކުރުމަށް ލިބުނު އެ ވަޒީފާ އަކީ މަސައްކަތުގެ ދާއިރާއިން އާ ތަޖުރިބާތަކެއް ހާސިލް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ދެކެއެވެ. އަދި އެ މަގު ފަހި ކޮށްދިން ޒާހިރުބެ އަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށާއި އެއީ އެންމެ ބޭނުން ޖެހުނު ވަގުތު ޒާހިރުބެ ވެދިން އެހީތެރިކަން އަބަދުވެސް ހަނދާން ހުންނަ ކަމަށް އޭނާ ކިޔާދިނެވެ.

އެތަނުގައި އަހަރު ދުވަސް ވަޒީފާ އަދާ ކުރުމަށްފަހު ދެން އައިންތު ދިޔައީ އޭރުގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަލްމަރްހޫމް އަލިބެ ހިންގަމުންދިޔަ ކެފޭ ނުވަތަ މަޝްހޫރު ނަމުން ނަމަ (އަލިބެ ކަޑަ)އަށް މަސައްކަތް ކުރުމަށެވެ. ވެއިޓަރަކުން އެތަނުގައި ވަޒީފާ އަދާ ކުރަން ފެށި ނަމަވެސް އެތަނުން ވަކިވިއިރު ތަނުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ އައިންތުއެވެ.

"އެންމެ ފުރަތަމަ މަސައްކަތަކަށް ދިޔައީ، އޯކޭ ޒާހިރު އެއިރު އައިޖީއެމްއެޗްގެ ތަންތަން ނަގައިގެން ސާފު ކޮށް އުޅުނު މީހެއް އެއީ. އައިންތުވެސް ދިޔައީ 1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް. ދެން އެތަނުގައި އެއް އަހަރުވުމުން ދެން ދިޔައީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަލިބެ ހިންގަމުންދިޔަ ކެފޭއެއް ކަހަލަ ތަނަކަށް. ގިނަ މީހުންނަށް އިނގޭނީ 'އަލިބެ ކަޑަ' އެހެން ބުނީމަ. އެތަނުގައި 17 އަަހަރުވަންދެން ވަޒީފާ އަދާ ކުރިން"
ތަފާތު އެކި މަސައްކަތަށް ލޯބި ކުރާ އައިންތު ކިޔާދިނެވެ.

އަލިބެ ކަޑައިގައި މަސައްކަތް ކުރި ދުވަސްވަރު ވެސް އިތުރު އާމްދަނީ ހޯދުމަށް އައިންތު ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރޮށި ފިހުމާއި ލޮލީ ހެދުމުގެ އިތުރުން ގޭގައި ކުދިން ބެލެހެއްޓުމަކީ ވެސް ހީވާގި ކަމާއެކު އައިންތު ކުރި މަސައްކަތްތަކެވެ. އޭނާ ބުނާ ގޮތުގައި އޭރު ބުރަކޮށް މަސައްކަތް ކުރީ ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދާ ދިނުމުގެ ބޭނުމުގައެވެ. އަދި އެކަން ހާސިލްވި ކަމަށް އޭނާ ބުނީ ވަރަށް ހިތްހަމަޖެހިގެން ހުރެކަން މޫނުމައްޗަށް އެރި ކުލަވަރުން އިނގުނެވެ. ދެ ދަރިންވެސް ތިބީ ކިޔަވައިގެން ރަނގަޅު ވަޒީފާ ތަކުގައެވެ. އެގޮތުން ދޮށީ އަންހެން ދަރިފުޅު ޓްރީޓޮޕްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުންދާއިރު ފިރިހެން ދަރިފުޅުވެސް ދަނީ އެއާޕޯޓުގައި މަސައްކަތް ކުރަމުން ލޯޔަރުކަން ކިޔަވަމުންނެވެ. އޭނާ ދެކޭ ގޮތުގައި އެއީ އެ ހުރިހާ ބުރަ މަސައްކަތުގެ ފޮނި މޭވާއެވެ.

އައިންތުގެ ލޮލޮގެ ކޮއި ފަދަ ދެ ދަރިންނާއެކު، ހުރިހާ ފިއްތުންތަކާއެކުވެސް އޭނާ ހުރިހާ މަސައްކަތެއް ކުރީ ދަރިންގެ މުސްތަގްބަލައްޓަކާ

ޓެކްސީ ދާއިރާއަށް އައިންތު ވަނީ އަންހެނުން ނުކުރާ މަސައްކަތެއް ކުރުމުގެ އަޒުމުގައި

ޓެކްސީ ދާއިރާއަށް ނުކުތުމުގެ މޭސްތިރިއަކީ އަލިބެ ކަމަށް އައިންތު ބުންޏެވެ. ކެފޭގައި ވަޒީފާ އަދާ ކުރަމުން ޓެކްސީ ދުއްވަން ފަރިތަކުރަން ދާއިރު އަލިބެ ކައުންޓަރާ ހަވާލުވެ ހުންނަ ކަމަށާއި އަމިއްލަ ވަގުތު ހުސްކޮށްގެން އައިންތުއަށް އެދުވަހު ދިން އެއްބާރުލުމާއި އެހީތެރިކަން އައިންތު ހިއްސާ ކުރީ ޝުކުރުވެރިވާ ހާލު އަލިބެއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުއާ ކުރަމުންނެވެ.

"އަލިބެ ކައިރީގައި އަޅުގަނޑު ބުނިން ބޭނުމޭ ޓެކްސީ ދާއިރާއަށް ނުކުންނަން. ބުނީމަ އަލިބެ ބުނި އަދި ރާއްޖޭގައި ނެތެއްނުންހޭ އެ ދާއިރާގައި އަންހެނުންނެއް. އެއީ ފިރިހެނުން އުޅޭ ދާއިރާއެއް ނޫންހޭ. ބުނީމަ އައިންތު ބުނިން އެއީ ވަކި ބަޔަކަށް އޮތް ކަމެއް ނޫނެއްނުންހޭ. އެއާއެކު އަލިބެ ބުނި އައިންތުއަށް ކޮންމެ ކަމެއް ވާނެ ކަން ގަބޫލު ކުރަމޭ. އެކަމު ތިކަން ވާނެ ހެންނެއް ހިއެއް ނުވޭ. ނަމަވެސް އަޅުގަނޑު އެކަން ކުރަން ހުރިއްޔާ އަލިބެ އެއްބާރުލުން ދޭނެ ވާހަކަ ބުނި."
އަލިބެގެ ހިތްހެޔޮ ކަން ހަނދާނަށް ގެންނަމުން އައިންތު ކިޔާދިނެވެ.

އެއާއެކު ޓެކްސީ ދުއްވަން ދަސްކުރަން އައިންތު ދިޔައީ 'ހެލްޕް ޑްރައިވިން' ސެންޓަރަށެވެ. އަދި އެކަން ހާސިލް ކުރުމަށާއި އެ ދާއިރާއިން ކުރިއަށް ދިއުމަށް އެތަނުގެ ވެރިފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދިން ކަމަށް އައިންތު ބުންޏެވެ. ލައިސެންސް ނެގުމަށް އޭނާ ކުރި ބުރަ މަސައްކަތް ހިއްސާ ކުރަމުން ބުނީ ދުއްވުމުން ފާސްވީ 10 ވަނަ ފަހަރު ޓެސްޓު ހަދައިގެން ކަމަށެވެ.

"ދުއްވުމުން ފާސްވީ 10 ވަނަ ބުރު މަސައްކަތް ކޮށްގެން. ތިއަރީން ފާސްވީ 2 ވަނަ ފަހަރަށް ޓެސްޓު ހަދައިގެން" ނާކާމިޔާބު ވިޔަސް ހިތްވަރާއެކު އައިންތު ކުރިއަށްދިޔަ ގޮތް ހިއްސާ ކުރަމުން އޭނާ ކިޔާދިނެވެ.

އައިންތު އާއި އޭނާގެ ބޭބެ މުހައްމަދު ވަހީދު، މިއީ އައިންތު ދެކެ އެންމެ ލޯބިވާ ބޭބެކަމަށް އޭނާ ބުނި

ޓެކްސީ ކުރުމަށް ލައިސެންސް ލިބުމަށްފަހު ޓެކްސީ ދުއްވުމުގެ ހުއްދައަށް އެދުމުންވެސް އައިންތުއަށް އަނެއްކާވެސް ކުރިމަތިވީ އިތުރު ގޮންޖެހުންތަކާއެވެ. އަންހެނަކަށްވީތީ ގިނަ ތަންތަނުން ހުއްދަ ދޫކުރަން ދެކޮޅު ހެދި ކަމަށާއި އެއީ މި ދާއިރާއިން ކުރިއަށް ދިއުމަށް އެޅުނު ހުރަހެއް ކަމަށް އައިންތު ބުންޏެވެ. ނަމަވެސް އޭނާ ހުރީ ފަސޭހައިން ދޫ ދޭ ގޮތަކަށް ނޫނެވެ. އޭގެ އަސްލަކަށްވީ އެންމެ ފަހުން ޓެކްސީ ދުއްވުމުގެ ހުއްދަ ލިބުމެވެ. އޭނާއަށް ހުއްދަ ދިނީ އޭރު (ފަހެއް ހަތެއް) ހިންގަމުންދިޔަ އަބްދުﷲ ކަމަށާއި އެއީ ޓެކްސީ ކުރުމުގެ ފެށުން ކަމަށް އައިންތު ކިޔާދިނެވެ.

އެއަށްފަހު ދާއިރާއަށް ނުކުންނަން އައިންތު އާއިލާ ކައިރި އެހުމުން ފުރަތަމަ އެމީހުން އެކަމަށް ދެކޮޅު ހެދި ނަމަވެސް ފަހުން އެކަމަށް އިޖާބަ ދިނެވެ. ބައްޕައާއި ބޭބެ ވެސް އެކަމަށް ނުރުހުނު ކަން ފާހަގަކޮށް އައިންތު ބުނީ އެ މީހުންގެ އެންމެ ބޮޑު ކަންބޮޑު ވުމަކަށްވީ އަންހެނުން ނޫޅޭ ދާއިރާއަކަށް އައިންތު ނުކުންނަން ވިސްނި ވިސްނުމެވެ. އެކަމަކު ފަހުން އެކަމަށް އެއްބާރު ލުން ދިން ކަމަށާއި އަންހެން ދަރިފުޅާއި ފިރިހެން ދަރިފުޅު ވެސް އެކަމަށް އެއްބަސްވި ކަމަށް އޭނާ ކިޔާދިނެވެ.

އައިންތުގެ މަންމަ އާއި ބޭބެ އަދި އާއިލާގެ ބައެއް މެންބަރުންނާއެކު
"އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު ވަހީދު ދުވަހަކުވެސް އަޅުގަނޑަކަށް ދޮގެއް ނަހަދާނެ. އެކަމަކު އެ ވާހަކަ ބުނީމަ ބޭބެ ބުނި އަންހެން ކުދިންނަށް ރާއްޖޭގައި ޓެކްސީ ކުރުމުގެ ހުއްދައެއް ނުދޭ. އެކަމަކު ބޭބެ އެހެން އެ ބުނީ އައިންތި ދެކެ ލޯބިވާލެއް ބޮޑު ކަމުން ހިތުގަ އުފެދުނު ބިރުވެރިކަމާއެކު ކަން ގަބޫލު ކުރިން. ނަމަވެސް ފަހުން އެކަމަށް ބައްޕަ ވެސް ބޭބެ ވެސް އަދި އަންހެން ދަރިފުޅާއި ފިރިހެން ދަރިފުޅުވެސް އިންކާރެއް ނުކުރޭ. ފިރިހެން ދަރިފުޅު ބުނަންވެސް ބުނި ފިރިހެނުންނަށް ވަންޏާ މަންމައަށްވެސް ވާނޭ"
އާއިލާއާއި ދަރިންގެ އެއްބާރުލުން ލިބުނު ގޮތާމެދު އުފާ ކުރަމުން އައިންތު ބުންޏެވެ.

ޓެކްސީ ދުއްވަން ފެށުމާއެކު ފިއްތުންތަކާއެކު އައިންތުއަށް ދިޔައީ އެކި މީހުންގެ ގޯނާ ލިބެމުން

އެންމެ ފުރަތަަވެސް ދާއިރާއަށް ނުކުތީ އަމިއްލަ ކާރެއްގައި ކަމަށާއި އެއީ އާ ކާރެއް ނޫން ނަމަވެސް އެ ކާރާއެކު ދިރިއުޅުމުގެ ބިޔަ ދަތުރު އައިންތު ފެށީ ގިނަ އުންމީދު ތަކާއި ފޮނި ހުވަފެންތައް ދެކެމުންނެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެ އުންމީދު ތަކާއި ހުވަފެންތައް ކާމިޔާބު ކުރުމަށް އައިންތު ފެށި ދަތުރުގައި ކުރިމަތިވީ ދުވަހަކުވެސް ހީނުކުރާ ވަރުގެ ހުރަސްތަކެވެ. އަންހެނަކަށް ވީތީ އޭނާ ކުރިމަތިލާންޖެހުނު ކަންކަން ހިއްސާ ކުރަމުން އައިންތުގެ މޫނުމަތީ ހުރި އުޖާލާކަން ވަގުތުކޮޅަކަށް ގެއްލިގެން ދިޔައެވެ.

އެ ހިތި ތަޖުރިބާތައް ހިއްސާ ކުރަމުން އައިންތު ބުނީ ކުރީގެ ފިރިމީހާ އާއި އިތުރު ދެ ތިން މީހެއްގެ ފަރާތުން އެކި ކަހަލައިގެ ގޯނާތައް ކުރިމަތިވި ކަމަށާއި އެތައް ފަހަރަކު ކާރުގެ ބިއްލޫރި ގަނޑު ތަޅާލާ ކާރަށް އެކި ވަރުގެ ގެއްލުން ދިން ކަމަށެވެ. އެ މައްސަލަތައް އޭނާ ފުލުހަށް ވެސް އޭރު ހުށަހެޅިއެވެ. ނަމަވެސް ތަކުރާރުކޮށް އައިންތުގެ ކާރަށް ދިޔައީ ގެއްލުން ދެމުންނެވެ.

އައިންތުގެ ކާރަށް ބަޔަކު ގެއްލުންދީފައި، މިއީ އައިންތުއަށް މި ދާއިރާގައި ލިބުނު އެންމެ ބޮޑު އަޑި ގުޑަން

އެގޮތުން ކޮވިޑް ތެރޭގައި ކާރަށް ގެއްލުން ދިނުމުގެ ސަބަބުން ވަރަށް ދަތި ދުވަސްތަކެއް ދިމާވިކަން ފާހަގަކޮށް އައިންތު ބުނީ އެފަހަރު އެހީތެރިކަން ފޯރުކޮށްދިނީ އޭރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކަމަށެވެ. އެއީ ވަރަށް ޝުކުރުވެރިވި ވަގުތެއް ކަމަށާއި އެފަދަ ނާޒުކު ދަނޑިވަޅެއްގައި ކާންބޯން ކުރަމުން ދިޔަ މަސައްކަތް އެއްކޮށް ހުއްޓާލަން ޖެހުމަކީ ދިރިއުޅުމަށްވެސް އޭގެ ފުން އަސަރެއް ކުރުވި ކަމެކެވެ. އަދި އެ ދަނޑިވަޅުން އަރައިގަތުމަށް މަހުލޫފް ވެދެއްވި އެހީތެރިކަން އޭނާ އަބަދުވެސް ބަލައިގަންނަނީ ހިތުގެ ފުންމިނުން ޝުކުރުވެރިވާ ހާލުއެވެ. "މިހާރުވެސް އަދި އަބަދުވެސް މަހުލޫފް އަށާއި އޭނާގެ އާއިލާއަށް ޝުކުރު އަދާ ކުރަން ބޭނުން" ވާހަކަ މެދު ކަނޑާލާފައި އައިންތު ހިނިތުންވުމާއެކު ބުންޏެވެ.

ގޮންޖެހުންތަކާ އެކުވެސް އައިންތު ދިޔައީ ހިތްވަރާއެކު ކުރިއަށް

މީގެ އިތުރުންވެސް މި ދާއިރާގައި މަދު ބައެއްގެ ފަރާތުން ވަރަށް ނޭދެވޭ ބަސްތައް އަމާޒުވި ކަމަށް އައިންތު ހިއްސާ ކުރިއެވެ. ނަމަވެސް މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް އައިންތުގެ ފަރާތުން ފެނުނީ، އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކުރާ މަސައްކަތުގައި އިތުރު ހިތްވަރަކާއެކު ކުރިއަށް ދިޔަ ތަނެވެ.

"ބައެއް ފިރިހެން ޑްރައިވަރުން ކުރިން ބުނާނެ ސައިކަލު ވެސް ދުއްވީ ހުސް ފިރިހެނުންނޭ އެކަމަކު މި 'ސްކޫޕީ ދައްތަ' މެންނާ ހެދި މިހާރު ނޯވޭ މާލޭ މަގުމަތީގައި ކާރު ދުއްވާލެވޭކަށްވެސް" ބައެއް މަދު މީހުންގެ ފަރާތުން މިފަދަ ކޮމެންޓު ލިބުނު ނަމަވެސް ގިނަ ފިރިހެނުން މި ކަމަށް ވަރަށް އެއްބާރުލުނުންދޭ ކަމަށް 11 އަހަރު ޓެކްސީ ދުއްވުމުގެ ދާއިރާގައި ހޭދަކުރި އައިންތު ބުންޏެވެ.

އައިންތު އިންޓަވިއު ދެމުންވެސް ދިޔައީ ކަސްޓަމަރުންނަށް ހިދުމަތް ދެމުން / ފޮޓޯ: އާލިޔާ މުހައްމަދު، ދަ ޕްރެސް

އަދި އެފަދަ ރަނގަޅު ބަސްތައް އިވުމަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އޭގެ ސަބަބުން (ފަހެއް ހަޔަކާ، ނުވައެއް ދޭކާއި ފަނަރަ ފަނަރައިގެ) ތިން ސެންޓަރުގެ ޓެކްސީ އޮޕަރޭޓް ކުރުމުގެ ފުރުސަތު ލިބުމަކީ މި ދާއިރާގައި އޭނާ ބަލައިގެންފި ކަމުގެ ވަރުގަދަ ހެއްކެއް ކަމަށް އައިންތު ބުންޏެވެ.

މާޒީގައި ހިތި ތަޖުރިބާތަކެއް ކުރެވުނު ނަމަވެސް މިހާރު އައިންތު އުޅެނީ އުފާވެރި އާ ޒަވާޖީ ހަޔާތެއް ފަށައިގެންނެވެ. 'ލޯޔަލް ޓެކްސީ ސެންޓަރު'ގައި މަސައްކަތް ކުރަން ފެށިތާ ދޮޅު އަހަރުވެފައިވާ އައިންތުގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ ހަމަ ޓެކްސީ ޑްރައިވަރަކަށް އެހެން ސެންޓަރެއްގައެވެ. ހެނދުނު ދެ މީހުން މަސައްކަތައް ނުކުންނަނީ ވެސް އެކު އެކީގައި ކަމަށާއި ކޮންމެ ކަމެއްގައި ވެސް ފިރިމީހާގެ ފަރާތުން ލިބެމުންދާ އެއްބާރު ލުމާއި އެހީތެރިކަމަށް އައިންތު ޝުކުރުވެރިވީ ބޮޑު ހިނިތުންވުމަކާއެކުއެވެ.

އައިންތު ބުނި ގޮތުގައި ދުނިޔޭގައި ހުއްޓާ ދެ ކުދިން ބޮޑުވެ އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ފެށުނީއްސުރެ ވެސް އޭނާ ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ކުރި ބުރަ މަސައްކަތާ މެދު މިއަދު އޭނާ ހުދު އަމިއްލަ ނަފްސާ މެދު ފަހުރުވެރިވެއެވެ.

އައިންތު އޭނާގެ ފިރިމީހާއާއެކު، ފިރިމީހާގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް އައިންތު ޝުކުރުވެރިވޭ

މިދާއިރާގައި ދެމި ހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އައިންތު ކުރާ މަސައްކަތް މީހުން ބަލައިގަތުން

ދާއިރާއަށް ނުކުތް ދުވަސްވަރު ގިނަ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް މި ދާއިރާގައި ވަރަށް އުފާވާ ކަންކަން ވެސް ދިމާވެފައިވާ ކަމަށް އައިންތު ބުންޏެވެ. މީހުން ކުރާ ފުރައްސާރައަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އައިންތުއަށް އެކި މީހުން ކުރާ ތައުރީފަށް އިސްކަން ދިނުމަކީ މި ދާއިރާގައި އޭނާ މިހާ ގިނަ ދުވަހު ދެމިހުރުމުގެ އެއް ސަބަބެވެ.

ގިނަ އަންހެނުން ދަތުރު ކުރުމަށް އައިންތުގެ ޕާސަނަލް ނަންބަރަަށް ގުޅާފައި ވެސް ދަތުރު ކޮށްދިނުމަށް އެދޭ ކަމަށާއި އެ ފަދަ ދަތުރުތައް ކޮށްދީފައި ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެފަދަ މީހުން ތަކުރާރުކޮށް އައިންތުގެ ފަރާތުން ހިދުމަތް ހޯދަން ބޭނުންވާނީ އެ މީހުން އައިންތު ބަލައިގަތުމުގެ ސަބަބުން ކަމަށް އޭނާ ގަބޫލު ކުރެއެވެ.

އައިންތު ޓެކްސީ ދުއްވަނީ، މި ދާއިރާގައި އޭނާ އުޅޭތާ މިއީ 11 ވަނަ އަހަރު

"އެއްފަހަރު އަޅުގަނޑު މާމަމެން އުމުރު ފުރާ މީހަކު ޓެކްސީއަށް އަރާފައި ބުނި މިއީ އެ މާމަ ވެސް ވަރަށް ކުރާ ހިތްވި ކަމެކޯ، އެކަމަކު އެ މާމަގެ މައިންބަފައިން އެ ކަމަށް ނުގަބޫލުވުމުން ނުކުރީ ކަމަށް. އަދި ބުނި މާމައަށް އެކަން ނުކުރެވުނަސް އަންހެން ކުއްޖަކު އެކަން ކުރާތަން ފެނުމުން އެ ހިތްހަމަ ޖެހުން ލިބިއްޖެ ކަމަށް" އައިންތުއަށް މީހަކު ކުރި ތައުރީފް ހިއްސާ ކުރަމުން ބުންޏެވެ.

އެންމެ ބޮޑު ދަތިކަމަކީ ޕާކް ކުރުމުގެ ޖާގަ ނުލިބުން

މީގެ ކުރިން ޕާކިންގް އަށް ދެ ފަހަރެއްގެ މަތިން ކުރިމަތިލި ނަމަވެސް އައިންތުއަށް އެ ފުރުސަތު ލިބޭ ގޮތް ނުވިއެވެ. އޭނާ ބުނި ގޮތުގައި ޕާކިން ކުރުމަށް އެދުމުން ފުރަތަމަ ޕޭމަންޓަކަށް 35،000 ރުފިޔާ ދައްކަން ޖެހުނު ކަމަށާއި އޭރު މާލީ ތަނަވަސްކަން ހުރި ގޮތުން އެ އަދަދު ދެއްކެން ނެތުމުން އެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށެވެ.

އަދި މާލޭގައި ޕާކް ކުރުމުގެ ޖާގަ ނެތުމުގެ ސަބަބުން ބައެއް ދުވަސް ދުވަހު ހުޅުމާލޭގައި ޕާކް ކުރާ ދުވަސްތައް ވެސް ދާ ކަމަށް އައިންތު ބުންޏެވެ. "ހަވީރު 3 ޖަހާކަށްހާއިރު ނިންމާލާފަ ޕާކް ކުރަން މުޅި މާލޭގައި ދުއްވިޔަސް ޖާގައެއް ނުލިބިދާނެ. ދެން ޖެހޭނީ ހުޅުމާލެއަށް ދާން. ހުޅުމާލޭގައި ޕާކް ކޮށްފައި ފިރިމީހާއަށް ގުޅައިގެން އެނބުރި މާލެ އަންނަ ދުވަސްތައް ވެސް މަދެއް ނުވާނެ" ޝަކުވާތައް އޮއްސާލަމުން އައިންތު ބުންޏެވެ.

އެކަނިވެރި މަޔަކަށްހުރެ ކުރިމަތިވި ފިއްތުންތަކާ އެކަނި ކުރިމަތިލާން ކެރުމުގެ އަސްލަކީ މަންމަ އާއި ބައްޕަ

މަންމަ އާއި ބައްޕަ ދެ މީހުންނަކީ ވެސް މުރާލި، ހީވާގި އަދި އެހާމެ މަސައްކަތް ތެރި ދެ މީހުންކަން ފާހަގަކޮށް އައިންތު ބުނީ އެ ހިތްވަރު ލިބެނީ އެ ދެ މީހުންގެ ކިބައިން ކަމަށެވެ. މާޒީގެ ހަނދާންތައް އާ ކުރަމުން އައިންތު ބުނީ ފަތިހު ބައްޕަ މަހަށް ދާއިރު މުޅި ދުވާލަށް ގެންދާ ފޮނި ރޮށިން އެނޭ ބޭނުންވާ ވާހަކަ ބުނެފި ނަމަ އޭގެން އެއްބައި ދިއްކޮލަނީ ހިނިތުންވުމަކާއެކު ކަމަށާއި އެކަމާ އެއްވެސް ޝަކުވާ އެއް ނުކުރާ ކަމަށެވެ. އަދި ވެހޭހާ ވާރެއާއި ދޭހާ އައްވެއްގައި ބައްޕަ ބުރަ މަސައްކަތް ކޮށްގެން ގެންނަ މަސްތައް ހީވާގި ކަމާއެކު ކެއްކުމަށް މަންމަ އެ ދެއްކި ހިތްވަރަކީ ވެސް އައިންތު މިހާ ހިސާބަށް އާދެވުމުގެ އަސްލެވެ.

އައިންތުގެ މަންމަ އާއި ބައްޕަ، ފިއްތުންތައް ކުރިމަތިވި ނަމަވެސް އެކަންކަމާ ކުރިމަތި ލުމެއް އޭނާ ހޯދަނީ މަންމަ އާއި ބައްޕަގެ ކިބައިން

މަންމަ އާއި ބައްޕަ އައިންތުމެންގެ ހަތް ބެއިން ބަލާ ބޮޑު ކުރުމަށް ވީ ގުރުބާނީ އަކީ ދުވަހަކުވެސް އަގު އަދާ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އޭނާ ބުނީ އެ ހިތްވަރުން ފިލާވަޅު ހާސިލް ކުރުމަކީ އައިންތުވެސް މަސައްކަތް ކުރުމަށް ލޯބި ޖެހި ދިރިއުޅުމުގައި ދިމާވި ކޮންމެ ކަމަކާ ގިނިކަންޏާ ކުރިމަތިލާން ކެރުނު އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

"ފަތިހު ފަތިހާ ބައްޕަ ދާނެ މަހަށް، ދާއިރު މަންމަ ފިހެފަ ދޭނެ ފޮނި ރޮއްޓެއް. އެއީ އެ ދުވާލުދާ ހަތަރު ދަމުގެ ކެއުން. އެ ހިފައިގެން ބައްޕަ ދާތަން ފެނުމުން ބައެއް ދުވަހު ބައްޕަ ކައިރި ބުނާނެ ދީބަލާށޭ. ބުނީަ އޭގެން ނައްޓުވާފައި ދޭނެ އެއްވެސް ޝަކުވާއެއްވެސް ނުކުރާނެ. ދެން ކުޑަ ވީމަ ނުވެސް ވިސްނޭ އެކަމެއް. އެކަމު ދުވާލުދާ ހަތަރު ދަމުގެ ކެއުމުންވެސް އައިންތު ބުނީމަ އެ ވީ ގުރުބާނީ އަބަދުވެސް ހަނދާން ހުރޭ"
ކުޑައިރު ފުން ހަނދާންތައް އާ ކުރަމުން އައިންތު ބުންޏެވެ.

އަދި ދިރިއުޅުމުގައި ދިމާވި ދަތި ދުވަސްތަކުގައި ވެސް އެންމެ ބޮޑު ފިލާވަޅެއް ނެގީ މަންމަ އާއި ބައްޕަ ކުރި ބުރަ މަސައްކަތް ކަމަށް އައިންތު ހިއްސާ ކުރިއެވެ.

މާލެއިން ޓެކްސީ ނުލިބޭ ވާހަކަތަކަށް އައިންތު ބުނީ އޭގައި ދެ ފަރާތުގެ ވެސް މައްސަލަ އުޅޭ ކަމަށް

ގިނަ ބައެއްގެ ޝަކުވާ އަކަށް ވެފައިވާ ޓެކްސީ ނުލިބުމުގެ ވާހަކަތަކަށް އައިންތު ބުނީ އެ ކަމުގައި ދެ ފަރާތުގެ ވެސް މައްސަލަތައް އުޅޭ ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގައި ޕާކް ކޮށްފައި ހުންނަ ގޮތުން ޓެކްސީތައް ދުއްވަން ދަތިވުމާއި ދަތުރަކަށް ގުޅުމަށްފަހު ކަސްޓަމަރު އެހެން ކާރަކަށް އަރައިގެން ދާ މައްސަލަ ތަކުގެ ސަބަބުން ބައެއް ޑްރައިވަރުން މާލެ ދަތުރުތައް ކުރުމަށް އިންކާރު ކުރާ ކަަމަށެވެ. އަދި ދަތުރެއް ނެގި ނަމަވެސް ބައެއް މަގުތައް ބަންދު ކޮށްފައި ހުރުމުގެ ސަބަބުން ދަތުރަކަށް ބައެއް ފަހަރު 30 މިނެޓާއި 45 މިނެޓު ވާކަމަށް ވެސް އައިންތު ބުންޏެވެ.

"ބައެއް ފަހަރު ހުރޭ ސްކޫލުން ކުދިން ނުކުންނަ ވަގުތައް ޖަހާ ކޯނުތައް ނުނަގާ އެ ދުވަހު އެއްކޮށް އޭރުން ވެސް އެއްކަލަ ދަތުރު ކުރާ ފަރާތްތަކަށް ވަރަށް ދަތިވާނެ ނޫންތޯ. އަނެއްކާ ވަށާލާފައ ނޫންނަމަ ދުރު ރާސްތާއެއް ހިޔާރުކޮށް ގިނަ ވަގުތު އެބަ ނަގާ ދަތުރު ފުރިހަމަ ކުރަން، އޭރުންވެސް އެ ދަނީ ކާރު ހުސްވުމަށް ވަރަށް ވަގުތު. ކާރު ހުސްވެގެން ނުން އެހެން ދަތުރެއް ނެގޭނީ" ކާރު ލިބުމަށް ދަތިވާ ސަބަބުތައް ހިއްސާ ކުރަމުން އައިންތު ބުންޏެވެ.

ޓެކްސީ ނުލިބޭ މައްސަލައަށް އައިންތު ބުނީ އޭގައި ދެ ފަރާތުގެ މައްސަލަވެސް އުޅޭ ކަމަށް

އެންމެ ދެކެން ބޭނުންވަނީ ދަރިންނާއި މާމަ ދަރިންނާއެކު ޗުއްޓީ ހޭދަކުރަން ރަށަށް ދާ ދުވަސް

މާލެއަށް ބަދަލުވިތާ 26 އަހަރުވި އައިންތު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދަރިންނާއި ދަނބިދަރިންގެ އިތުރުން މާމަ ދަރިންނާއެކު ރަށަށް ގޮސް ޗުއްޓީއެއް ހޭދަ ކުރެވޭނެ ދުވަހަކެވެ. މާލެއަށް ބަދަލުވި ފަހުން ރަށަށް ނުދާކަން ފާހަގަކޮށް އައިންތު ބުނީ މަންމަ އާއި ބައްޕަ ވެސް ދިރިއުޅެމުންދަނީ ވާދޫގައި ކަމުން އެންމެނާއެކު ރަށަށް ގޮސް ޗުއްޓި ހޭދަ ކުރުމަކީ އޭނާގެ ފޮނި ހުވަފެނެއް ކަމަށެވެ.

އޭރު ރަށަށް ދާން ބޭނުންވި ނަމަވެސް ނުދެވުނު އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އައިންތު ފާހަގަ ކުރީ މާލީ ދަތި ކަމެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެހިގެން މާލޭގައި ކިރިޔާ އެޅެވުނު ނަމަވެސް ކުދިން ކުޑައިރު ޗުއްޓީގައި މަންމަމެން ކައިރިއަށް ރަށަށް ފޮނުވާ ކަމަށް އައިންތު ބުންޏެވެ. އަދި އޭނާ އަށް ރަށަށް ނުދެވެނީ ވަޒީފާގެ ކަންކަން ހުންނަ ގޮތުން ކަމަށް ކިޔާދިނެވެ.

އައިންތުގެ މަންމަ އާއި ބައްޕަ (ދެ ފަރާތުގައި)، ހަގު ފިރިހެން ދަރިފުޅާއި ދަނބިދަރި (މެދުގައި)، އޭނާގެ ހިތްހަމެޖުމަކީ އާއިލާ

އައިންތު ހިތްވަރުދިނީ މި ދާއިރާއަށް ގިނަ އަންހެން ކުދިން ނުކުތުމަށް

މިއީ އެއްވެސް އަންހެނަކަށް ނުކުރެވޭ ވަރުގެ ކަމެއް ނޫންކަން ފާހަގަކުރަމުން އައިންތު ހުރިހާ އަންހެނުންނަށް ހިތްވަރުދިނީ ގިނަ ބަޔަކު މި ދާއިރާއަށް ނުކުތުމަށެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުން ނޫޅޭ ދާއިރާއެއް މިހާރު މަދު ކަމަށާއި ބަސް ދުއްވުމަށާއި ލޯންޗު ފަހަރު ދުއްވުމަށް ވެސް އަންހެނުން މިހާރު އުޅުމުގެ އަސްލަކީ އަންހެނުން ވެސް އެފަދަ ކަންކަމަށް ކެރިގެން ކުރިމަތިލައިފި ނަމަ އެކަމެއް ހާސިލް ކުރެވޭނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އައިންތު ބުންޏެވެ.

"އޮފީހަކަށް ބެލިޔަސް، ހޮސްޕިޓަލަކަށް ބެލިޔަސް މަސްވެރިކަމުގެ ވިޔަސް އަންހެނުން ނޫޅޭ ދާއިރާއެއް ނޫޅޭ. އެހެންވީމަ މި ދާއިރާގައި ވެސް އަންހެނުންނަށް އުޅެވޭނެ. ލަދު ނުގަނެ ބިރު ނުގަނެ ކުޑަ ހިތްވަރަކާއެކު ކުރިއަށް ދިޔައިމަ ރަނގަޅު ވާނެ"
މިދާއިރާއަށް އަންހެނުން ނުކުރުމަށް ހިތްވަރު ދެމުން އައިންތު ބުންޏެވެ.

މިދާއިރާއަށް އަންހެނުން ނުކުރުމަށް ހިތްވަރު ދެމުން އައިންތު ބުންޏެވެ. ޓެކްސީގެ ހިދުމަތް ހޯދާ އާންމުންނަށް އައިންތު ނަސޭހަތްތެރިވީ މަގުމަތިން އަތް ނެގުމަށްފަހު ޕްރައިވެޓް ކާރަކަށް އެރިޔަސް އޭގައި ގަވާއިދާ އެއްގޮތުގެ މަތިން ޓެކްސީއެއްކަން އަންގައިދޭ ސްޓިކާ ޖަހާފައި ހުރިތޯ ޔަގީން ކުރުމަށްފަހު ނޫނީ އެ ކާރަކުން ހިދުމަތް ނުހޯދުމަށެވެ.

ކަސްޓަމަރުން ހަނދާންނެތިގެން ކާރުގައި ބަހައްޓާފައި ހުރި ބައެއް ސާމާނު

ބައެއް ފަހަރު އެގޮތަށް ދިމާވުމުގެ ސަބަބުން އަމިއްލަ ފޯނެއް ނުވަތަ ވޮލެޓެއް ކަހަލަ އެއްޗެއް ބޭވިފައި އޮތް ނަމަވެސް އެ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ތިމާގެ އަމިއްލަ ރައްކާތެރި ކަމަށްވެސް އެފަދަ ކަންކަމަށް ސަމާލު ވުމަށް އައިންތު ނަސޭހަތްތެރިވިއެވެ. އޭގެ ބަދަލުގައި އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ސެންޓަރަކަށް ގުޅައިގެން ކާރެއް ހޯދައިފި ނަމަ އެއްޗެއް ހޯދަން ފަސޭހަ ވާނެ ކަމަށެވެ.