އެކި އެކި ކުޅިވަރުތައް ކުޅޭ ކުޅުންތެރިން އެ ކުޅިވަރަކުން އެންމެ އުހަށް ވާސިލުވުމަށްޓަކައި ކުޑައިރުން ފެށިގެން ވެފައިވާ ގުރުބާނީ އަކީ ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލިޔަސް ފާހަގަ ކޮށްލެވޭ ކަމެކެވެ. އެއިން ކޮންމެ ކުޅުންތެރިއަކީ ވެސް އެ ކުޅިވަރަކަށް ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމާއެކު އުންމީދުތައް ހާސިލުކުރުމަށް ގަދައަޅާ މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެކެވެ.

ރާއްޖޭގައި މިފަދަ އެތައް ތަރިންނާއި އަރަމުން އަންނަ ތަރިން އެބަ ތިއްބެވެ. އެގޮތުން ނިމިދިޔަ ގޯލްޑެން ފުޓްސަލް ޗެލެންޖު 2025ގެ "ކިންގް އޮފް ދަ ޓޯނަމެންޓް" މަގާމާ ހާސިލުކޮށް، މުޅި ރާއްޖެއަށް ނަން ވިދާލި ކ. ކާށިދޫ އުމުރުން 23 އަހަރު މުހައްމަދު ސަލީލް (ސައްލެ) އަކީ ވެސް މިފަދަ ކުޅުންތެރިއެކެވެ.

ކާށިދޫ ސްކޫލުން ސަލީލްގެ ތައުލީމީ ބިންގާ އެޅިގެން ދިޔައިރު، އޭނާގެ ކުޅިވަރުގެ ހަޔާތްވެސް ފެށިގެން އައީ އެ މަދަރުސާއިންނެވެ. ފުޓްބޯޅަ ކުޅުމަށް ކުޑައިރު އޮތް ޝައުގުވެރިކަމާއި އެ ކުޅިވަރަށް އޮތް ލޯބި މާޒީގެ އުފާވެރި ހަނދާންތަކުން "ދަ ޕްރެސް" ގެ އިންޓަވިއުގައި ސަލީލު ވަނީ ހިއްސާކޮށްފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މެޗެއްގައި ސަލީލް/ ފޮޓޯ: ޝާބިލް ފޮޓޯސް

އުމުރުން 9 އަހަރުން ފެށިގެން އިންޓާ-ކްލާސް ފުޓުބޯޅަ މުބާރާތްތަކާއި ސްކޫލުގައި ބާއްވާ އެފަދަ މުބާރާތްތަކުގައި ސަލީލްގެ ބައިވެރިވުން ހިމެނެއެވެ. އުމުރުން 13 އަހަރުން ފެށިގެން ރަށުގައި ބާއްވާ އެކިއެކި މުބާރާތްތަކުގައި އެކި އެކި ޓީމުތަކަށްވެސް ސަލީލް ވަނީ ކުޅެފައެވެ. އެހެންނަމަވެސް އެ ދުވަސްވަރު ފުޓްބޯޅައިން އެއްވެސް ކާމިޔާބީއެއް ލިބިފައި ނުވާކަން ސަލީލް ފާހަގަކުރި ނަމަވެސް އޭނާގެ އަޒުމަށް ބަދަލެއް ނާދެއެވެ. އޭނާގެ ހިތުގައި ފުޓުބޯޅައަށް އޮތް ލޯބި ދިޔައީ އިތުރުވަމުންނެވެ.

ސަލީލް ފާހަގަކޮށްފައިވާ ގޮތުގައި އޭނާ ފުރަތަމަ ފުޓުސަލް ކުޅެން ފެށުނީ ރަށުގައި އެޅި ފުޓްސަލް ދަނޑާއެކުގައެވެ. ރަށުގައި އެޅި މެޓު ފުޓްސަލް ދަނޑާއެކު ސަލީލްގެ ފުޓްސަލް ދަތުރު ފެށިގެން ދިޔައެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ފުޓްސަލް ބޯޅައެއްގައި ފައިޖައްސާލަން ލިބުނީ ވެސް އެ ދަނޑުގައި ކުޅެން ފެށިފަހުންނެވެ. އޭގެކުރިން 5 ނަންބަރު ބޯޅައެއްގައި ވެލިދަނޑާއި ރުއްދަނޑުތަކުގައި ފުޓުބޯޅަ ކުޅެމުން ދިޔަ ދުވަސްތަކުގެ ވާހަކަތައް ސަލީލް ކިޔައިދިނެވެ.

ސާނަވީ ތައުލީމު ނިންމާލުމަށްފަހު އުމުރުން 16 އަހަރުގައި ވަޒީފާގެ މައިދާނަށް ސަލީލް ނިކުތީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން އަލިމަތަ ރިސޯޓުގައި ރެސްޓްއަރެންޓް ވެއިޓަރެއްގެ ވަޒީފާގައި ދޮޅު އަހަރު ދުވަހު އޭނާ މަސައްކަތްކޮށްފައިވެއެވެ. އެއަށްފަހު ސަލީލް ބަދަލުވީ ސަމާ އައިލެންޑް ރިސޯޓަށެވެ. ކޮވިޑް19 ގެ ބަލިމަޑުކަމުގައި އެ ސިނާއަތުގެ ގިނަ ބަޔަކަށް ވަޒީފާ ގެއްލިގެން ދިޔަ ދަނޑިވަޅުގައި ސަލީލްގެ ވަޒީފާވެސް ގެއްލުނީއެވެ. އޭރު އެތަނުގައިވެސް އޭނާ މަސައްކަތްކުރަމުން ދިޔައީ ފުޑް އެންޑް ބިވަރެޖް ޑިޕާޓްމެންޓްގައެވެ. އެއަށްފަހު ސިނަމަން ވިލުފުށީގައި ވެސް މަސައްކަތް ކުރި ސަލީލް މިހާރު މަސައްކަތް ކުރަމުންދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ޓެކާސް މުބާރާތުން ލިބުނު ޓްރޮފީސްތަކާއެކު ސަލީލް/ ފޮޓޯ: ޓެކާސް

ބޮޑަށް ފުޓްސަލް ދަސްވީ ކްލަބް މޯލްޑިވްސް ކަޕުން!

ރިސޯޓުގައި މަސައްކަތް ކުރަމުން ސަލީލް ވަނީ އެކި މުބާރާތްތައް ކުޅެފައެވެ. އެގޮތުން ރިސޯޓުގެ އެކި ޑިޕާޓްމެންޓްތަކުގެ މެދުގައި ބާއްވާ މުބާރާތްތަކާއި ޓެކާސް އަދި ރިސޯޓު ލީގްގައި ސަލީލް ކުޅެފައިވެއެވެ. މީގެ އިތުރުން ވެމްކޯގައި ވަޒީފާ އަދާކުރަމުންދިޔަ ދުވަސްވަރު ސަލީލް ވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ވެސް ވެމްކޯ ތަމްސީލުކޮށްފައެވެ. ރަށުގައި ފުޓްސަލް ކުޅެ އުޅުނު ނަމަވެސް ސަލީލް ބުނި ގޮތުގައި އަސްލު ފުޓްސަލްއަކީ ކޯއްޗެއްކަން އޭނާއަށް އެނގިގެން ދިޔައީ ވެމްކޯ ޓީމާއެކު ކްލަބް މޯލްޑިވްސް ކަޕަށް ތައްޔާރުވަމުންދިޔަ ދުވަސްވަރު ރަނގަޅު ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ލިބިގެން ދިއުމުންނެވެ. އެ ފަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ވެމްކޯގެ ޓީމުގައި ހިމެނެ، ދެތިން މެޗެއްގައި ސަލީލް ކުޅެފައިވެއެވެ.

ގޯލްޑެން ފުޓްސަލް ޖެލެންޖުގެ ކިންގްކަން ހޯދި ސަލީލް/ ފޮޓޯ: ޝާބިލް ފޮޓޯސް

ސަލީލް ފާހަގަކުރި ގޮތުގައި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން އުފެދިގެން އައީވެސް ކޯޗަކާއެކު ތަމްރީންވެ، ފުޓްސަލްއަކީ ކޯބާކަން އެނގެން ފެށި ހިސާބުންނެވެ. އަދި ނަން ބުނުމުން އެއީ ކާކުކަން އެނގޭފަދަ ކުޅުންތެރިއަކަށްވުމަށް ސަލީލް އަޒުމް ކަނޑައެޅިއެވެ.

ކާމިޔާބީއެއް ނުލިބުނު ނަމަވެސް އަޒުމަށް ބަދަލު ނައިސް ކުރި މަސައްކަތާއި ހިތްވަރުގެ ނަތީޖާއަކަށްވެގެން ދިޔައީ މިދިޔަ އަހަރު ޓެކާސް އިން ބޭއްވި މުބާރާތުގައި ބެސްޓް 5 ގެ ތެރޭގައި ސަލީލް ހިމެނުމެވެ. އަދި ރިސޯޓުގައި ޑިޕާޓްމެންޓް މެދުގައި ކުޅުނު ބައެއް މުބާރާތްތަކުން އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ސަލީލް ހިމެނިގެން ދިއުމަކީ މި ދާއިރާއިން އޭނާއަށް ލިބިފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މެޗެއްގައި ސަލީލް/ ފޮޓޯ: ޝާބިލް ފޮޓޯސް

ކީޕަރަކަށް ކުޅޭނެ ކުއްޖަކު ނެތިގެން ކީޕާރަކަށް ކުޅެން ފެށި ސަލީލް ކިންގްއަކަށް!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑްން ފުޓްސަލް ޗެލެންޖްގެ ކިންގްގެ މަގާމު ހޯދި ފުރަތަމަ ކީޕަރަކީ ސަލީލެވެ. މޮޅު ކީޕަރެއްގެ ގޮތުގައި މިއަދު ފެނިގެންދާ ސަލީލް ފުރަތަމަ ކީޕަރެއްގެ ގޮތުގައި ކުޅެން ފެށީ އިންޓާ-ކްލާސް މެޗުތައް ކުޅުނުއިރު ކްލާހުގައި ކީޕަރެއް ނެތުމުންނެވެ. އެއަށްފަހު ރަށުގައި ނުވަތަ ރިސޯޓުގައި ރައްޓެހިންނާއެކު މަޖާކޮށްލަން ކުޅޭއިރު އެކި މަގާމުތަކަށް ކުޅުނުކަމުގައި ވިޔަސް މުބާރާތްތަކުގައި މުޅިންވެސް އޭނާ ކުޅެމުން އަންނަނީ ކީޕަރުގެ މަގާމަށެވެ. ސަލީލް ބުނިގޮތުގައި އޭނާ ކީޕަރަށް ހިތްޖެހުނީ ކުޅެންފެށުމުގެ އިތުރުން ޔޫޓިއުބުގެ އެކި އެކި ވީޑިއޯތައް ބަލައިގެންނެވެ. އަދި ވެމްކޯއަށް ކުޅުއިރު ފިޔަވައި ދެން އޭނާ ފުޓްސަލްގެ ކުޅުމުގެ އެކި ކަންކަންވެސް ދަސްކުރީ ޔޫޓިއުބް އަދި ޓިކްޓޮކްފަދަ ސޯޝަލްމީޑީއާ މަންސަތަކުން ވީޑިއޯތައް ބަލައިގެން ކަަމަށް ސަލީލް ފާހަގަކުރެއެވެ.

ކީޕަރަކަށް ހިތް ޖެހުނު ދުވަސްކޮޅެއް އެއީ ކީޕަރެއް ކުލާހުގައި ނެތިގެން ކީޕަރަކަށް ކުޅެން ފެށުމުން
ސަލީލް

އިންސްޕިރޭޝަންގެ ގޮތުގައި ބަލާ ވަކި ހާއްސަ ކުޅުންތެރިއެއް ނެތް ނަމަވެސް ކީޕަރަކަށް ކުޅޭ ކޮންމެ ކުޅުންތެރިއެއްގެ ހުނަރަށް ސަލީލް ބަލައެވެެ. އެގޮތުން ރާއްޖޭގެ ކީޕަރުންގެ ތެރެއިން ޒައިދާން އަހްމަދު (އަސޫ)، ފައްޔާޒް ފަޔާޒް (ފައިއްޓެ) އަދި އިސްމާއީލް ފާތިހް (ތާޑޭ)ގެ ނަން ސަލީލް ފާހަގަކުރިއެވެ.

ސަލީލް/ ފޮޓޯ: ސިޑިބަރި

ހަޔާތުގައި އެހާ ބޮޑު ކާމިޔާބީއެއް ނުލިބޭ، އެރޭ ވީހާ އުފަލެއް ވެސް ހަޔާތުގައި ނުވޭ އަދި ބޯޅަކުޅެގެނެގެނެއް، އުންމީދު ކުރި އެއްޗެސް ވެސް ނޫން
ސަލީލް

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑެން ފުޓްސަލް ޖެލެންޖުގެ މިއަހަރުގެ "ކިންގް އޮފް ދަ ޓޯނަމެންޓް"ގެ މަގާމު ހޯދައި ސަލީލް ވަނީ ރާއްޖޭގައި މަގުބޫލު ކުޅުންތެރިއަކަށްވުމަށް އޭނާ ކުރި އަޒުމަށް ވާސިލްވެފައެވެ. މުބާރާތުގައި ބައިވެރިވިއިރު ވެސް ކިންގް އޮފް ދަ ޓޯމަނެންޓް ލިބޭނެ ކަމުގެ އުންމީދު ނުކުރާ ކަމަށް ސަލީލް ވަނީ ބުނެފައެވެ. ސަލީލް ފާހަގަކުރިގޮތުގައި މުބާރާތައް ނުކުތްއިރު ޓާގެޓަކީ އަތޮޅުގެ ތަށި ހޯދުމުވެ. އެހެންނަމަވެސް ލިބުނު ކާމިޔާބީއާމެދު ސަލީލް ފަހުރުވެރިވެއެވެ. އަދިވެސް އޭނާގެ އުންމީދު ބޮޑެވެ. މިހާރު ސަލީލްގެ އެންމެ ބޮޑު އުންމީދަކީ ގައުމީ ފުޓްސަލް ޓީމުގެ ފުރަތަމަ 5 ކުޅުންތެރިންގެ ތެރޭގައި ކީޕަރެއްގެ ގޮތުގައި ހިމެނުމެވެ.

މި ދާއިރާއިން އެންމެ ދެކެން ބޭނުން ދުވަހަކީ ގައުމީ ޓީމް ސްޓާޓިން 5ގައި ކީޕަރަކަށް ކުޅޭނެ ދުވަސް
ސަލީލް

އާއިލާގެ ހިތްވަރު ސަލީލް ފާހަގަކުރޭ:

މި ހިސާބަށް އައުމަށް ސަލީލަށް އެންމެ ބޮޑު ސަޕޯޓެއް ލިބިފައި ވަނީ އާއިލާގެ ފަރާތުންނެވެ. އެގޮތުން ސަލީލް ވަނީ އޭނާގެ މަންމައާއި ދޮންތަގެ ނަން ވަކިން ހާއްސަކޮށް ފާހަގަކޮށްފައެވެ. ސަލީލް ބުނިގޮތުގައި މެޗަކުން ބަލިވިނަމަވެސް ދޮންތަ ވަރަށް ހިތްވަރުދޭނެއެވެ. ހަމައެއާކު ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ސަޕޯޓާ ނުލައި މިހިސާބަށް ނާދެވޭނެކަން ފާހަގަކޮށް ސަލީލް ވަނީ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ސަލީލް އޭނާގެ މަންމައާއެކު/ ފޮޓޯ: ޒާން ފޮޓޯސް

މި ހިސާބަށް އަންނަން އެހީތެރިވެދިން ހުރިހާ ސަޕޯޓަރުންނަށާއި ޓީމުގެ ކުޅުންތެރިންނާއި އަދި ކޯޗު އަލީ ހައިސަމް، ހާއްސަކޮށް އާއިލާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ކުރިއަށް އޮތް ތާނގައި ވެސް އެންމެންގެ ސަޕޯޓް ލިބޭނެ ކަމަށް އުންމީދުކުރަން
ސަލީލް

ވެލިދަނޑުގައި 5 ނަންބަރު ބޯޅައެއްގައި ސަލީލް ކުޅެމުން ދިޔައިރު ފަހަރުގައިވެސް މިއަދު ރާއްޖޭގައި ނަން ހިނގާފަދަ ކުޅުންތެރިއަކަށްވާނެ ކަމަށް އޭނާ ހިޔެއް ނުކުރެއެވެ. މިއަދު ފެނިގެން އެ ދަނީ ނާކާމިޔާބުތަކުގައި ދެއްކި ފުރިހަމަ ނަމޫނާއާއި ހިތްވަރާއި ހިންމަތާއެކު ސަލީލް ކުރި މަސައްކަތުގެ ނަތީޖާއެވެ. ފަސް އެނބުރި ބެލުމެއް ނެތި މި ދާއިރާގައި ފިޔަޖަހާނެ ފަދަ ކުޅުންތެރިއަކަށް ސަލީލް ވާނެ ކަމާމެދު ޝައްކެތްނެތެވެ.