ގައުމާއި ދީނަށް ލޯބިކުރާ، އަހްލާގީ ރަނގަޅު ޖީލެއް ބިނާކުރުމުގައި މައިންބަފައިން ފިޔަވައި ދެން އެންމެ ބޮޑު ބުރައެއް އުފުލާ އެއް ބަޔަކީ ޓީޗަރުންނެވެ. ތައުލީމީ ހަޔާތުގެ އެންމެ ފުރަތަމަ ބިންގާކަމުގައި ވާ ޕްރީ ސްކޫލު މަރުހަލާ އަކީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވިއްޖެ ނަމަ އެކަމުގެ ފައިދާ މުޅި އުމުރަށް ފެނިގެން ދާނެ މަރުހަލާއެކެވެ. އެންމެ ތުއްތު ކުދިންނަށް ކިޔަވައި ދިނުމާއި، އެކުދިންގެ މިޒާޖު ދަސްކޮށް، އެކުދިން ގެންގުޅުމަކީ ހަމަ ޔަގީނުންވެސް ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް މި މަރުހަލާގެ ބިންގާ އެންމެ ރަނޅު ގޮތުގައި އެޅުމަށް ސ.މީދޫ މާވިލާ، އައިޝާތު އިޔާޒާ ނުވަތަ އިޔޫ އަންޓީ ކުރާ މަސައްކަތް ވަރަށް ބުރައެވެ.

އަބަދުވެސް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އިޔޫގެ އުއްމީދެކެވެ. ތައުލީމީ ދާއިރާއަށް އަބަދުވެސް ވަރަށް ބޮޑު ޝައުގުވެރިކަން ހުރި އިޔޫއަށް ކިޔަވައިދިނުމުގެ ފުރުސަތު ލިބުނީ ހީވެސްނުކުރާ ފަދަ ގޮތަކަށެވެ. "ސްކޫލު ނިމުނުތަނާ އަސްރިއްޔާ ސްކޫލުގައި މަސައްކަތް ކުރުމުގެ ފުރުސަތު ނާޖިބް ސާގެ ފަރާތުން ލިބިގެން ދިއުމުން ވަރަށް އުފާވި. މި ފުރުސަތަކީ އަބަދުވެސް ޝައުގުވެރިކަން ހުރި ދާއިރާއިން ކުރިއަށް ދިއުމަށް ހުޅުވުނު ދޮރެއް." 2004 ވަނަ އަހަރުން ފެށިގެން އަސްރިއްޔާ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ އިޔޫ ބުންޏެވެ.

އިޔޫ އަންޓީ ކިޔަވައިދިން ކުދިންނާއެކު

މިހާރު އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ޓީޗިން ގުރުއާން ހަދަމުން އަންނަ އިޔޫ އަކީ އަބަދުވެސް ދަރިވަރުންނާއި ބެލެނެވެރިން ވަރަށް ލޯބިވާ އަންޓީއެކެވެ. ހިނުތުންވުމާއެކު ކުދިންނާއި އަދި ބެލެނެވެރިންނާ މުހާތަބު ކުރާ ގޮތާއި، ކިޔަވައިދިނުމަށް ބޭނުންކުރާ އުކުޅުތަކުގެ ސަބަބުން އެންމެންގެ އިތުބާރު ލިބިފައިވާ އަންޓީއެކެވެ. ކުޑަކުދިންނަށް ކިޔަވައި ދިނުމަކީ އުނދަގޫ ކަމެއް ނަމަވެސް ކުދިންނަށް ކިޔަވައި ދިނުމުގައި އިޔޫ އެންމެ އިސްކަމެއް ދެނީ އެކުދިނަށް އުފާވެރި އަދި ޝައުގުވެރިކަން އުފެދޭ ފަދަ އުނގެނުމުގެ މާހައުލެއް ގާއިމް ކުރުމަށެވެ. "މި އުމުރުގެ ކުދިން އެންމެ އަވަހަށް ދަސްކުރާނީ ކުޅިވަރާއި އަމަލީ ހަރަކާތްތަކުންކަމަށްވާތީ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެން. އަދި ހަމަ ކުދިންނާ މެދު ލޯބިން އޯގާތެރިކަމާ އެކު މުއާމަލާތް ކުރުން އެއީ އެންމެ މުހިއްމު ކަންތައް." އިޔޫ ބުންޏެވެ.

އިޔޫ އަންޓީ

އަސްރިއްޔާ ސްކޫލުގައި މަސައްކަތް ކުރުމުގެ އިތުރުން، އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ސަމާލުކަމެއް ދީ އެކުދިން ގެ ތައުލީމީ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަގްސަދުގައި އިޔޫ ގޭގައި ފެށި 'ޓިއުޝަން' ކްލާސްތަކަކީވެސް ކާމިޔާބު ކްލާސްތަކެކެވެ. އިޔޫ އަބަދުވެސް އެންމެ އުފާވަނީ އިތުރު އެހީއަށް ބޭނުންވާ ކުދިންވެސް ބާކީ ނުކޮށް، އެކުދިންނަށްވެސް އެހީތެރިކަން ފޯރުކޮށްދީގެން ކާމިޔާބީ އާއި ހަމައަށް ވާސިލުވުމުންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިހާރާ ކުރިއާ ބަލާއިރު ކިޔަވައި ދިނުމުގެ ވައްޓަފާޅީ ވަރަށް ބޮޑަށް ތަފާތުކަން ފާހަގަކޮށް އިޔޫ ބުނީ މީގެ ކުރިން ކުދިންގެ ސްކްރީން ބެލުން މަދުވުމުން ކުދިން ގެ އެޑު އެހުމާއި ސަމާލުކަން ދިނުން ވަރަށް ރަނގަޅުކަމަށެވެ. އެހެންނަމަވެސް މިހާރު ގިނަ ވަގުތު ސްކްރީނާ ކުޅެން އާދަވުމުގެ ސަބަބުން ކުދިން ނަށް ގިނައިރު އެއް ކަމެއްގައި ސަމާލުކަން ދިނުމަށް ދަތިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން މުދަރިއްސުންނަށް ދަރިވަރުންގެ ސްކިލްސްތައް ރަގަޅުކުރުމާއި ދަރިވަރުން ގެ ޝައުގުވެރިކަން ހިފެހެއްޓުމާ އަދި މުއާމަލާތް ކުރުމުގެ ގާބިލް ކަން ކުރިއެރުވުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

އިޔޫ އަންޓީ

އިޔޫގެ ފަރާތުން ބެލެނެވެރިންނަށް ދޭން ބޭނުންވާ މެސެޖަކީ ތުއްތު އުމުރުގައި ކުދިންނަށް މައިންބަފައިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކުދިންނަށް ކިޔަަވައިދިނުމަށް އެކުދިންނާއެކު މަދުވެގެން 20 މިނިޓް ހޭދަކުރުން މުހިއްމު ކަން ފާހަގަކޮށް އިޔޫ ބުނީ ކުދިންނަށް ވާހަކަ ކިޔައިދީ، އެކުދިންނާއެކު ގިނަ ވަގުތު ހޭދަކުރުމުން ކުއްޖާގެ މިޒާޖުންވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށެވެ. އަދި ދީނީ ތައުލީމަށް ކުދިން ހޭލުންތެރިކޮށް، ޤުރުއާން ކިޔެވުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށެވެ. އަދި ކިތަންމެ އުދަގުލުން ކިޔެވުނު ނަމަވެސް މައިންބަފައިންގެ ހިތްވަރާއެކު ކުދިންގެ ކިބައިން ރަނގަޅު ބަދަލުތައް ފެންނާނެކަމަށް އިޔޫ ބުންޏެވެ.

އިޔޫ އަންޓީ

އަސްރިއްޔާ ސްކޫލުގައި މަސައްކަތްކުރާތާ 21 އަހަރުވެފައިވާ އިޔޫ ބުނީ އެ ސްކޫލުގައި މަސައްކަތްކުރަމުން ދަނީ ވަރަށް ކުރާހިތުން ޝައުގުވެރިކަމާއެކުގައި ކަމަށެވެ. މިދާއިރާ އިން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރު ލިބެނީ އާއިލާގެ ފަރާތުންކަން ފާޙަގަކޮށް އިޔޫ ބުނީ އަބަދުވެސް އާއިލާއިން މިކަމަށް ވަރަށް ބޮޑު ހިތްވަރެއް ލިބެމުން ދާކަމަށެވެ. ހާއްސަކޮށް މަންމަ އަދި ފިރިމީހާ ގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭކަން އިޔޫ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ތައުލީމީ ދާއިރާއިން މި ފަދަ ބޮޑު ކުރިއެރުމެއް ލިބުނީ އަސްރިއްޔާ ގެ ޕްރިންސިޕަލް ނަޖީބް އަދި ލީޑިން ޓީޗާރު ފާތުމަތު ނާޖީ ގެ ބޮޑު ހިއްސާ އަކާއި އެކުގައިކަން ފާހަގަކޮށް އިޔޫ ވަނީ ޝުކުރުއަދާކޮށްފައެވެ.