ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފުނުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިލްތިމާސްކޮށްފިއެވެ.

އީސީއިން މިފަދަ އިލްތިމާސްއެއް ކޮށްފައި ވަނީ މާލޭ ސަރަހައްދުގައި އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބްކޮށް ވާހަކަދެއްކި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އީސީއިން ނެރުނު ބަޔާނުގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުން ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ގާނޫނުއަސާސީއާއި ސީޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން ހަނދާންކޮށްދީފައެވެ.

އީސީއިން ބުނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމަލުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.

ހާއްސަކޮށް ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން އީސީއިން ވަނީ ކުށްވެރިކޮށްފައެވެ.

ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ހަގީގަތާ ހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އީސީއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އީސީއިން ވަނީ ބުނެފައެ/މެވެ.