ދިވެހި އަދަބިއްޔާތުގެ ދުނިޔޭގައި ވަރަށް މަދު ބައެއްގެ އަތުން މެނުވީ ނުފެންނަ ހުނަރެއް ވެއެވެ. އެއީ ލިޔެލާ ޖެހުމެވެ. ލިޔެލާ ޖެހުމަށް ބަލާލާއިރު މިކަމަށް އެންމެ ކުޅަދާނަ ހުނަރުވެރިން ތިބިކަން ފާހަގަކުރެވެނީ ބ. އަތޮޅު ތުޅާދޫގައެވެ. އެގޮތުން މި ދާއިރާގައި ފާހަގަކޮށްލެވޭ އެއް ނަމަކީ އެ ރަށު އުމުރުން 43 އަހަރުގެ އަހްމަދު ޝިފާއުއެވެ.
ގަތާފައި، އުޅާ، ރާޒުވާ ކުޅިބައި، ގަލަން އަދި މި ނޫންވެސް ތަފާތު ތަކެތިން ޝިފާއުގެ ހުނަރު ފެނިގެންދާއިރު އޭނާގެ އުފެއްދުންތައް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް އެތައް ލޯތަކެއް އޭނާގެ މަސައްކަތަށް ވަނީ އަމާޒުވެފައެވެ.
މިއަދު ހުނަވެރި ލިޔެލާޖެހުންތެރިއެއްގެ ގޮތުގައި ޝިފާއުގެ ނަން ހިނގި ނަމަވެސް ފަހަރުގައި ވެސް އެ މަސައްކަތަކީ އޭނާ ކުޑައިރުގެ އުންމީދެއް ނޫނެވެ. ޝަފީއު ވަނީ މާލޭގެ އެމްއީއެސްއިން ގްރޭޑް 9އާ ހަމައަށް ތައުލީމު ހާސިކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްކޫލުގައި ކިޔަވަމުން ދިޔައިރު އޭނާ ދިޔައީ ވަޒީފާވެސް އަދާކުރަމުންނެވެ. މަސައްކަތް ކުރަމުންދިޔައީ އަސްރަފީ ބުކްޝޮޕްގައެވެ.
އަސްރަފީ ބުކްޝޮޕްގައި އަދާކުރަމުންދިޔަ ވަޒީފާ ގެއްލުމުން ރަށަށް ބަދަލުވެ މަސައްކަތް ކުރީ ރަށުގެ ފިހާރައެއްގައެވެ. 2003 ވަނަ އަހަރު ޓޫރީޒަމް ދާއިރާއިން ޝިފާއު ފުރަތަމަ މަސައްކަތް ފެށީ ރޯޔަލް އައިލޭންޑް ރިސޯޓުގެ ލޯންޑްރީގައެވެ. ހަމަ އެ ރިސޯޓުގައި ރޫމްބޯއީއެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އޭރު ވަޒީފާއާ ބެހޭ ގަވާއިދުތަކެއް ނެތުމުން ވަރަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހޭކަން ފާހަގަކޯށް ޝިފާއު ބުނީ ހެނދުނު 7 ޖަހާއިރު މަސައްކަތަށްދާ ގޮތަށް މަސައްކަތް ނިމެނީ ރޭގަނޑު 10 ހާއިރު ކަމަށެވެ.
އެއަށްފަހު ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް ޝިފާއު ބަދަލުވީ ވެސް ރޫމް ބޯއީއެއް ގޮތުގައެވެ. އަދި ދުވަސްކޮޅަކު މަސައްކަތްކުރުމަށްފަހު އޭނާ ކެނޑިގެން ރަށަށް ބަދަލުވިއެވެ. އޭރު ރަށުގައި ހުރި ހުރުމުގައި ދޯންޏެއް ބަން ނަމަވެސް އެކަން މާ ރަނގަޅަށް ކުރިއަށް ނުދިޔުމުން އޭނާ ވަނީ އަނބުރާ ރޫމްބޯއީއެއްގެ ވަޒީފާއަށް މޯލްޑިވްސް ރަންގަލި ރިސޯޓްއަށް ގޮސްފައެވެ. އަދި 1 އަހަރު ފަހުން މަގާމުގެ ކުރިއެރުން ލިބުމުން އޭނާ މަސައްކަތް ކުރަމުންދިޔައީ ސްޕާވައިޒާއެއްގެ ގޮތުގައެވެ.
ޝިފާއު ބުނީ ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވެގެން އައީ ވެސް މޯލްޑިވްސް ރަންގަލި ރިސޯޓުގައި ސްޕާވައިޒާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރެއިން ވަޒީފާއިން ވަކިކުރި 64 މުވައްޒަފުން ތެރޭގައި އޭނާ ހިމެނުނު ކަމަށެވެ.
އެންމެ ފުރަތަމަ މަސައްކަތް "އެމްވީލެކުއާ"ގެ މަސައްކަތް ފެށީ ރިސޯޓުގައި އުޅެމުން
ލިޔެލާޖަހާފައިވާ ތަކެތި އެހެން މީހުންގެ އަތުން ގަނެ، ފައިދާއެއް ލުމަށްފަހު އެ ތަކެތި ވިއްކުމުގެ ވިޔަފާރި ޝިފާއު ފަށާފައި ވަނީ ރިސޯޓުގައި އުޅެމުންނެވެ. ރައްޓެއްސަކު ޝިފާއުއަށް ދިން ހިޔާލާއެކު އޭނާ ފެށި މި ވިޔަފާރި ފުޅާކުރުމަށް "އެމްވީލެކުއާ"ގެ ނަމުގައި ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ޕޭޖްތައް އުފެއްދުމަށްފަހު އޭނާ ވަނީ ވިއްކާ ތަކެތި އިސްތިހާރުކުރުމުގެ މަސައްކަތް ފަށާފައެވެ.
އޭރުވެސް ރަނގަޅު އާމްދަނީއެއް ލިބެމުން ދިޔަކަން ޝިފާއު ފާހަގަކުރެއެވެ. އެހެންކަމުން އޭނާ ވަނީ ތަކެތި އިސްތިހާރުކުރުމުގައި ބޮޑު ހޭދައެއްކޮށްފައެވެ. އަމިއްލައަށް ލިޔެލާ ޖަހައި ތަކެތި ވިއްކުމުގެ މަސައްކަތް ޝިފާއު ފަށާފައި ވަނީ ކޮވިޑްގެ ދުވަސްވަރު ވަޒީފާއި ވަކިކުރުމުން ރަށަށް ބަދަލުވުމަށްފަހުގައެވެ.
އޭނާ ފާހަގަކުރި ގޮތުގައި ރަށަށް ބަދަލުވިއިރު ވެސް މަސައްކަތަށް ބޭނުންވާ ބައެއް މެޝިންތައް އޭނާގެ އަތުގައި ހުއްޓެވެ. އަދި މަސައްކަތަށް ހާއްސަކޮށް ތަނެއް ހަދައި މަސައްކަތް ފެށި ނަމަވެސް ލިޔެލާޖަހަން ދަސްކުރަން އޭނާ ވަކި މީހެއްގެ ގާތަށް ގޮސްފައެއް ނުވެއެވެ.
ޝިފާއު ބުނީ ލިޔެލާ ޖަހަން ދަސްކުރީ މީހުން ލިޔެލާ ޖަހާގޮތް ބަލުމަށްފަހު ގެއަށް އައިސް އަމިއްލައަށް މަސައްކަތްކޮށްގެން ކަމަށެވެ. ކުރިއާ އަޅާބަލާއިރު މެޝިންތައް ހުރުމުން މިހާރު މަސައްކަތް ކުރަން ވަރަށް ފަސޭހަކަން ޝިފާއު ފާހަގަކުރިއެވެ. އެގޮތުން ކުރީގައި ލިޔެލާ ޖަހާއިރު ހަނު ދެކޮޅަށް ދެކޮޅަށް ދަމަންޖެހޭ ކަމަށާއި ކަށިޖައްސައިގެން އިންނަ މީހާއަށް ކަށި ދިމާކުރަން އުނދަގޫކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއިން ބޭރު މީހުންނާ އަޅާބަލާއިރު ދިވެހިން ލިޔެލާޖަހާފައި ހުންނަ ތަކެތި މާ ފުރިހަމެފައި ރީތިވާނެ ކަމަށް ޝިފާއު ވަނީ ބުނެފައެވެ. ހަމައެއާއެކު މިހާރު ލިޔެލާޖަހާއި ހުންނަ ތަކެއްޗާއި ހިލާފަށް ކުރިން ލިޔެލާޖަހާފައި ހުންނަ ތަކެތީގެ ފުރިހަމަވެފައި ރީތިކަން ފާހަގަކޮށް ޝާފިއު ބުނީ މީގެކުރިން އެ މަސައްކަތް ކޮށް އުޅުނީ މީހަކަށް ހަދިޔާއެއް ދިނުމުގެ ގޮތުން ހިތު ލޯބިން ކަމަށެވެ. އަދި އޭރު ވަރަށް ގިނަ ވަގުތު އެކަމަށް ހުސްކުރާ ކަމަށެވެ.
ރިސޯޓުގައި އަދާކުރަމުންދިޔަ ވަޒީފާ ގެއްލުމުން ލިޔެލާ ޖެހުމުގެ މަސައްކަތަށް ހުސްވެ ހުރި ޝިފާއު ބުނީ މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށެވެ. އަދި ތަކެއްޗަށް އޮތް ޑިމާންވެސް ބޮޑު ކަމަށެވެ. އެގޮތުން ލިޔެލާޖަހާ ގަލަމާއި ދަޅު، ތަޅުދަނޑީގައިލާ ތަކެތި، ދަޅު، ރާޒުވާއަށް ވެސް އޮތް ޑިމާންޑް ބޮޑެވެ. އަދި ރޯދަމަހާއެކު އޮށްވަޅުގޮނޑި އަދި ތިންހަމައަށް ޑިމާންޑް އިތުރުވެފައިވެއެވެ. ޝިފާއު ބުނި ގޮތުގައި ނަމާދު ވަގުތު ފިޔަވައި ދުވާލުގެ ހުރިހާ ވަގުތެއް ވެސް މި މަސައްކަތުގައި ހޭދަކުރިނަމަވެސް ޑިމާންޑްއާ އެއްވަރަށް ތަކެތި ނުއުފެއްދެއެވެ.
ލިޔެލާ ޖެހުމުގެ މަސައްކަތް ދަސްކޮށްދޭން ތައްޔާރަށް ހުރި ޝިފާއު ވަނީ މަސައްކަތް ދަސްކުރަން ބޭނުންވާ ފަރާތްތައް އޭނާގެ ގާތަށް ގޮސްފިނަމަ އެކަން ދަސްކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. ލިޔެލާ ޖަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ޝިފާއު ވަނީ އެ ރަށު ސްކޫލުގައި ވެސް އެދިފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކުރާ ހިތުންކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ކުރެވޭނެއެވެ. ލިޔެލާ ޖެހުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލުމަށް މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމަށްވަ ސެއިންސް އިސްލާމް އަދި ފުވައްމުލަކު ސްކޫލުގެ ކުދިން ވަނީ 2 ފަހަރެއްގެ މަތިން "އެމްވީލެކުއާ"އަށް ޒިޔާރާތްކޮށްފައެވެ.
ޝިފާއު ބުނިގޮތުގައި އެންމެ ދެކެން ބޭނުން ވަނީ ގިނަ އަދަދެއްގެ ކުދިން ލިޔެލާ ޖެހުމުގައި ހަރަކާތްތެރިވެ، ރާއްޖޭގައި އުފައްދާ ތަކެތި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރެވޭނެ ދުވަހެކެވެ. ތަކެތި ބޭނުންވެގެން ރާއްޖެއިން ބޭރުގެ ފަރާތްތަކުން ވެސް ގުޅާކަން އޭނާ ފަހާގަކުރެއެވެ. އެގޮތުން ޔޫއެސް، ރުމޭނިއާ އަދި ކުވެއިތު މީހުން ވެސް ލިޔެލާޖެހި ތަކެތި ހޯދަން ގުޅާ ކަމާއި ޒިޔާރާތްކުރާ ފަތުރުވެރިން ވެސް އެ ތަކެތި ގަންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޝިފާއު ބުނީ ތަކެތި ގަންނަން ބޭނުންވެގެން ރާއްޖޭ ބޭރުގައި އުޅޭ މީހުން ގުޅި ނަމަވެސް ފައިސާގެ މުއާމަލާތްކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ޑައިރެކްްޓް ޓްރާންސްފާ ކުރަން މީހުން ޖެހިލުންވާ ކަމަށް އޭނާ ބުނެއެވެ. އެހެންނަމަވެސް މަދުމަދުން ޑައިރެކްޓް ޓްރާންސްފާ ކޮށްގެން ބައެއް މީހުން ތަކެތި ގަންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މި މަސައްކަތް ކުރުމުގައި ޝިފާއުއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ތަކެތި ހޯދުމުގައި ކުރިމަތިވާ ދަތިތަކެވެ. ރާއްޖޭގައި މި މަސައްކަތް ކުރާ މީހުން މަދުވުމާއެކު ފިހާރަތަކުން ވެސް ތަކެތި ނުގެންނަކަމަށް ޝިފާއު ބުނެއެވެ. މީގެއިތުރުން ލިޔެލާ ޖަހަން ބޭނުން ކުރާ ދާ (ބަޓަން ލެކް)އަކީ އޭގެ ޒާތުގަ އެކްސްޕަޔާވާ އެއްޗެއް ކަމަށާއި އެ ތަކެތި ބެހެއްޓެނީ ގިނަވެގެން 6 މަސް ދުވަހު ކަމަށް ޝިފާއު ވަނީ ބުނެފައެވެ. 6 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެނަމަ އެ ތަކެތި ރަބަރަށްވާ ކަމަށާއި އެތަކެތި ގަންނައިރުވެސް އޮފު ނޭރުން ފަދަ ކަންކަން ދިމާވާކަން އޭނާ ފާހަގަކުރެއެވެ.
ޝިފާއު ފާހަގަކުރި ގޮތުގައި މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އޭނާގެ އަނބިމީހާގެ ފަރާތުންނެވެ.