ދިރިއުޅުމުގައި ދިމާވާ ހުރަސްތަކާ ކުރިމަތިލާން ބައެއް ފަރާތްތަކަށް އެއީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. މަސައްކަތުގެ މާހައުލުގައި ވެސް ބައެއް ފަހަރު ކުރަން ޖެހޭ ކަންކަން ނުކުރެވި ހުއްޓުން އަރައި މަސައްކަތް ފުރިހަމަ ކުރުމަށް ހުރަސްތަކާ ކުރިމަތިލާން ޖެހޭ މީހުން ގިނައެވެ.

ދިރިއުޅުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަންނަން ބައެއް މީހުން މަސައްކަތް ކުރާ އިރު، ރަނގަޅު ދުޅަހެޔޮ ވިސްނުމަކާ އެކު ކުރިއަށް ދާން އުނދަގޫވާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން މަސައްކަތް ކުރާ މީހުން އުޅެއެވެ. މި ރޯދަ މަަހަށް ހާއްސަކޮށްގެން ގެނެސްދޭ 'މީހުން' ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ އެފަދަ ލައިފް ކޯޗެއްގެ ވާހަކައެވެ.

އަރޫޝާ ލިޔުނު ފޮތް ޝާއިއުކުރި ދުވަސް

މިއީ މަދުން ނަމަވެސް މިހާރު ދިވެހިންގެ ތެރެއިން ފެންނަމުން އަންނަ ބައެކެވެ. ދިރިއުޅުމުގެ ހުރަސްތަކުން އަރައިގަނެ ޕޮސިޓިވް ވިސްނުމަކާ އެކީ ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލައި ދިރިއުޅުން ބައްޓަން ކުރުމަށް މީހުންނަށް ހިތްވަރުދޭ ލައިފް ކޯޗްގެ ގޮތުގައި މަސައްކަތް ކުރާ، އުމުރުން 35 އަހަރުގެ ފާތިމަތު އަރޫޝާ މުހައްމަދު (އަރޫ) އަކީ މޯޓިވޭޝަނަލް ސްޕީޗް ދިނުމާއި ވަން ޓު ވަން ކޯޗިންގެ ހިދުމަތް ދެމުން އަންނަ ލީޑާޝިޕް، ހެޕިނަސް ކޯޗެކެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޑެޕިއުޓީ މެނެޖަރެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން އަންނަ އަރޫ ގިނަ ބަޔަކަށް އެނގިގެން ދަނީ ލައިފް ކޯޗެއްގެ ގޮތުގައެވެ. ވަޒީފާގެ އިތުރުން ލައިފް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު، މި ވަގުތު އަރޫ އަންނަނީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑިގްރީގެ ކޯހެއް ވެސް ފުރިހަމަ ކުރަމުންނެވެ.

އަރޫޝާ ނަގައިދިން ސެޝަންގެ ބައިވެރިންނާ އެކު
"ދިރިއުޅުމުގައި ތަޖުރިބާ ކުރި ކަންތައްތައް އެހެން މީހުން ހިއްސާ ކުރާ ގޮތަށް ހިއްސާ ކުރާކަށް ބޭނުމެއް ނުވޭ. ހަޔާތުގައި ބައިވަރު ކަންކަން ދިމާވާނެ. އަރޫ ބޭނުންވީ އަރޫގެ ތަޖުރިބާތަކުން އެހެން މީހުންނަށް ފިލާވަޅު ލިބޭނެ ގޮތަކަށް ކިޔައިދޭން. އެ ގޮތުން މޯޓިވޭޝަނަލް ސްޕީޗް ދޭން ޝައުގުވެރިވީ."
ފާތިމަތު އަރޫޝާ މުހައްމަދު

ލައިފް ކޯޗިންގެ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާ ކުރަމުން އަރޫ ބުނީ، އޭނާ ކުރިން ސިޔާސީ ދާއިރާގައި މަސައްކަތް ކުރި އިރު ވެސް ކަންކަން ގޯހުން ގޯހަށް ދިއުމުގެ ކުރިން ކަންކަން ރަނގަޅު ކުރުމަށް ބާރު އަޅައި ހައްލު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރި ކަމަށެވެ. ސީޔާސީ މަސްރަހުގައި ކަންކަން ކުރިއަށް ދިޔަ ގޮތުން މިހާރު ވަކި ޕާޓީއަކަށް ތާއީދުކޮށްގެން ހުންނަން ބޭނުން ނުވި ކަމަށާއި އެ ހިސާބުން ލައިފް ކޯޗިންގެ ދާއިރާ ހިޔާރު ކުރީ ކަމަށް އޭނާ ބުނެއެވެ.

ލައިފް ކޯޗެއްގެ ގޮތުގައި އަރޫ މަސައްކަތް ކުރާތާ މިހާރު ދެ އަހަރު ވެއްޖެއެވެ. މި ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި 45 އަށް ވުރެ ކްލައިންޓުންނަށް ވަންޓުވަން ސެޝަންތައް އޭނާ ވަނީ ނަގައި ދީފައެވެ. އެގޮތުން މިހާރު ވެސް ވަގުތު ވީ ވަރަަކުން އަރޫ އަންނަނީ ވަކިވަކި ކްލައިންޓުންނަށް ސެޝަންތައް ނަގައިދެމުންނެވެ.

ފާތިމަތު އަރޫޝާ މުހައްމަދު

މި ސެޝަންތަކުގައި ކިޔައި ދެނީ އެމީހެއްގެ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަމިއްލަ މީހާގެ ގާބިލިއްޔަތު ހުރި މިންވަރު ދަސްކޮށްދީ އެކަން ކުރިއެރުވުމެވެ. އަދި ދިިރިއުޅުގައި ހާސްވެ ކަންބޮޑުވާ ފަދަ ހާލަތްތަކާ ކުރިމަތިލާން ޖެހޭ ވަގުތުތަކުގައި އެފަދަ ކަންކަމާ ކުރިމަތިލުމަށް ބޭނުން ކުރާނެ އުކުޅުތައް ކިޔައި ދިނުމެވެ.

އެއްވެސް ކްލަޔަންޓަކަށް އެމީހެއްގެ ދިރިއުޅުމުގައި ދިމާވާ ކަންކަމަށް އޮތް ހައްލު ކިޔައި ދިނުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. އެ ހައްލެއް އިހްތިޔާރު ކުރާނީ އެމީހަކު އަމިއްލައަށް ކަމަށް އަރޫ ބުނެއެވެ. ކޮންމެ ކަމެއްގައި ވެސް ޑިޒިޝަން ނަގަން ދާ އިރު ދީނީ ނަޒަރަކުން ކަންކަން އޮންނަ ގޮތް ހަނދާން ކޮށް ދިނުމަކީ އަރޫ ބާރު އަޅާ ކަމެއް ކަމަށް އޭނާ ބުނެއެވެ.

އަރޫޝާ ނަގައިދިން ސެޝަންގެ ބައިވެރިނާ އެކު

ވަކިން ސެޝަން ނަގަން އެދޭ ފަރާތްތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އަމިއްލަ ގާބިލިއްޔަތާ މެދު ސުވާލު އުފައްދާ ކޮންފިޑެންސް ދަށް މީހުން ކަމަށް އަރޫ ބުނެއެވެ. އެ ސެޝަންތަކުގެ ބައިވެރިންގެ ތެރޭގައި ސްޕީޗެއް ދޭން ޖެހި އަމިއްލައަށް އިސްނަގައި ވާހަކަ ދައްކަން ފަސްޖެހޭ މީހުން ގިނައެވެ. އެ މީހުންނަށް ނަގައިދޭ ސެޝަންތަކުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށްދީ، މަސައްކަތުގެ މާހައުލުގައި އަދި މުޖުތަމައު ތެރޭގައި ނިކުމެ މީހުންނާ މުއާމަލާތް ކުރުމަށް ހިތްވަރު ލިބިގެން ދެއެވެ.

މި ދާއިރާގައި މަސައްކަތް ކުރަނީ ވަރަށް ޝައުގުވެރިކަމާ އެކުގައި ކަމަށް އަރޫ ބުނެއެވެ. ކޯޗިންގެ ހިދުމަތް ދިނުމުގައި އުޅޭ އެންމެންނަކީ ވެސް ވަރަށް ގުޅިގެން މަސައްކަތް ކުރާ ބައެއް ކަން އަރޫ ފާހަގަ ކުރެއެވެ. އެގޮތުން ބައެއް ފަހަރު ހިޔާލެއް ބޭނުން ވެގެން އެއްޗެއް އަހާލިޔަސް މި ފީލްޑްގައި އުޅޭ އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަން އަރޫ ފާހާގަކުރެއެވެ.

ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން
"ގިނަ ބަޔަަކަށް ހީވެދާނެ ކޯޗިންގެ ފީލްޑަކީ ފުރުސަތު ނެތް ކަމެކޭ. އެކަމަކު މިއީ ފިއުޗާއެއް އޮތް މަސައްކަތެއް. ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ކޯޗިން ހިދުމަތަށް އެދޭ. އޮފީސްތަކުން ވެސް. އެހެންވީމަ މީއީ ކުރިއަށްދާން ވަރަށް ރަނގަޅު ދާއިރާއެއް."
ފާތިމަތު އަރޫޝާ މުހައްމަދު

އަރޫއަށް މި ދާއިރާއިން ގިނަ ބައެއްގެ ފަރާތުން އެހީތެރިކަން ލިބެމުން އަންނަ އިރު އޭގެތެރެއިން އެންމެ ހާއްސަ ޝުކުރެއް އޭނާ އަދާކުރަން ބޭނުންވާ ފަރާތަކީ ހެޕިނަސް ކްލަބްގެ އިސްްމާއިލް ޝިހާބާއި، މޯޓިވޭޝަނަލް ސްޕީކާ އާފީޔާގެ އިތުރުން މޯޓިވޭޝަނަލް ސްޕީކާ މާޕްގެ އަފީފް އަށެވެ. ހަމައެއާއެކު ޑިއުޑްޑްރޮޕް ސްޕީކާ ޓްރެއިނާ ޝަހީނާ އާއި މައިންޑްފުލް ކޯޗް ރާޑޯއަށް ވެސް ހާއްސަ ޝުކުރެއް އަރޫ އަދާކުރިއެވެ.

މި މަސައްކަތުގައި ހޭދަވި ދެ އަހަރުތެރޭގައި އަރޫ އެންމެ އުފާވަނީ އޭނާގެ ކްލަޔަންޓުން ސެޝަންތައް ނިންމާލުމަށް ފަހު ދޭ ޕޮސިޓިވް ފީޑް ކަން އަރޫ ފާހަގަ ކުރެއެވެ. އެގޮތުން ނެޝަނަލް ޑްރަގް އެެޖެންސީއަށް ނަގައިދޭ ސެޝަންތަކަށް ފަހު އެ ފަރާތްތަކުގެ ދިރިއުޅުމަށް ރަނގަޅު ބަދަލެއް އަންނަ ކަމާއި ވިސްނުން ރަނގަޅުވާ ކަން ފާހަގަކޮށް އަރޫގެ ސެޝަންތަކަށް ކުރާ ތައުރީފް އަޑު އިވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށް އޭނާ ބުނެއެވެ. އެންޑީއޭއަށް ނަގައިދޭ ސެޝަންތަަކުގައި 20 އަށް ބައިވެރިން ތިބޭ އިރު އޭގެތެރެއިން ގިނަ ބައިވެރިންނަށް އެ ސެޝަންތަކުގެ ސަބަބުން ލިބެމުންދާ ހިތްވަރާއި ބަދަލު ފެނިގެން ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަރޫ ފާހަގަކުރެއެވެ.

ޕޮޒިޓިވް ޕޭރަންޓިން ވޯކްޝިޕްގެ ތެރެއިން

އަރޫ ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ނެޝަނަލް ޑްރަގް އެޖެންސީގައި ކޯސްތައް ހިންގުމާއި، ލާމު އަތޮޅުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ހާއްސަކޮށް ބޭއްވި މަހާސިންތާގައި ޑަބްލިއުޑީސީތަކަށް ވެސް އެކި ސެޝަންތައް ވަނީ ނަގައިދީފައެވެ. އޭގެތެރޭގައި ޑޮމެސްޓިކް ވައެލަންސް އާ ގުޅުން ހުރި ސެޝަންތައް ހިމެނެއެވެ. ހަމައެއާއެކު އެކި އޮފީސްތަކުގައި މުވައްޒަފުންނަށް ހާއްސަކޮށް ބާއްވާ ސެޝަންތަކާއި ޓީޗަރުންނާއި ބެލެނިވެރިންނާއި ކުޑަކުދިންނަށް ވެސް ހާއްސަކޮށް ސެޝަންތައް އޭނާ ވަނީ ނަގައިދީފައެވެ.

އަރޫއަކީ ވޮލަންޓީއާ މަސައްކަތަށް ވެސް ޝައުގުވެރިވާ އަދި ގިނަ އެންޖީއޯތަކާއެކު މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އެ ގޮތުން ސޭފް އެންޖީއޯގެ ޗީފް ވިޝަނަރީގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު މަމްސް އެއިޑް އާއި ވުމަން އެންޑް ޑިމޮކްރަސީގައި ވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ބެނެފިޓް އަދި ސްކީމް އެންޖީއޯއާއި މެމްބާސް އޮފް ޕްރޮފެޝަނަލް ސްޕީކާސް އާއެކު ވެސް އެނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެންޖީއޯތަކާއެކު މަސައްކަތް ކުރާ އިރު، މުޖުތަމައު ކުރިއެރުވުމަށާއި މުޖުތަމައުގައި ހުރި ކަންކަން ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގައި އަރޫ ގިނަ ހިދުމަތްތަކެއް ވަނީ ކޮށް ދީފައެވެ.

ފާތިމަތު އަރޫޝާ ލިޔުނު ފޮތް ނެރުނު ދުވަސް

ކޯޗިންގެ ހިދުމަތް ދެމުން އަންނަ އިރު، އަރޫ ވަނީ "ކަލްޓިވޭޓިވް ގްރޯތް މައިންޑް ސެޓް" ކިޔާ ފޮތެއް ލިޔެ ޝާއިއުކޮށްފައެވެ. މި ފޮތް ޕަބްލިޝްކޮށްފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޕްރޮފެޝަނަލް ސްޕީކާސް ފޯރަމް ގައެވެ. މި ފޮތުގައި މައިގަނޑު ގޮތެއްގައި ލިޔެފައި ވާނީ، ވިސްނުން ތަރައްގީ ކުރުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށެވެ. މިއާއެކު އެ ފޮތުގައި 15 ދުވަހުގެ ޗެލެންޖެއް ވެސް ހިމެނެއެވެ. އެ ޗެލެންޖްގައި ހިމެނެނީ ދިރިއުޅުމުގައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް ކޮންމެ ދުވަހަކު ކުރާ މަސައްކަތާއި ކޮންމެ ދުވަހު ދަސްވާ އާ ކަންކަމާއި މިއަދު ގޯސްކޮށް ކަމެއް ވެއްޖިއްޔާ މާދަމާ އެކަން ރަނގަޅު ކުރަން ކުރެވޭނެ ކަންކަން ދެނެގަނެ އެކަން ހާސިލް ކުރާނެ ގޮތެވެ.

މީގެ އިތުރުން ވިސްނުން ތަރައްގީ ކުރުމަށް ކުރިއަށް ދާނެ ހަރުފަތްތަކަށް ވެސް އެ ފޮތުގައި އަލިއަޅުވާލާފައިވާ އިރު، ނެގެޓިވް ވިސްނުންތަކުން ދުރަށް ދާނެ ގޮތްތައް ވެސް އެ ފޮތުގައި ހިމެނެއެވެ. އަދި މައިންޑްފުލް އެކްސަސައިޒްތަކެއް ވެސް އެ ފޮތުގައި ހިމެނެއެެވެ.

https://www.facebook.com/aroo00096/posts/pfbid0GreNpPxbuxJvhUS1wsemom9m7v4a7iqYi4mpLB4jJb1w4hRi4aExByzzLcURrtw4l

މި ފޮތުގެ އެހީގައި ވަރަށް ގިނަ މީހުންގެ ވިސްނުން ތަރައްގީ ކުރުމަށް މަގުފަހިވާ ކަމަށާއި މި ފޮތަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަަމަށް އަރޫ ފާހަގަ ކުރެއެވެ. މި ފޮތް ހޯދަން ބޭނުންވާ ފަރާތްތަކުން އަރޫގެ ފޭސްބުކް ޕޭޖް "ތްރައިވް މެންޓާ - އަރޫ" މެދުވެރިކޮށް މެސެޖް ކޮށްލައިގެން ފޮތް ގަނެވޭނެއެވެ. އެ ފޮތުގެ އަގަކީ 150 ރުފިޔާއެވެ.

އަރޫ ބުނާ ގޮތުގައި ލައިފް ކޯޗިން އަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު ކަމެކެވެ. މިއީ ކުޑަކުދިންނަށް ވެސް ދަސްވާންޖެހޭ ވަރަށް މުހިއްމު ދާއިރާއެއް ކަމަށް އަރޫ ގަބޫލު ކުރެއެވެ. ސްކޫލް ދައުރުގައި ތައުލީމް ހާސިލް ކުރާ ކުދިންގެ މަންހަޖުގައި ވެސް މިއީ ހިމަނައިގެން ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމެއް ކަން ފާހަގަކުރަމުން އަރޫ ބުނީ، އެ ކުދިން ބޮޑުވެގެން އަންނަ އިރު ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި މުހިއްމު ނިންމުންތައް ނިންމަން ނޭނގެނީ މިކަންކަން ދަސްނުވެ އޮންނާތީ ކަމަށެވެ.

އަރޫޝާ ނަގައިދިން ސެޝަންއެއްގެ ތެރެއިން

އަމިއްލަ އަށް ކުރިއަށް ދާނެ ގޮތްގޮތް ވިސްނިފަ އޮތުމަކީ ނުވަތަ އަމިއްލަ މީހާގެ ތަރައްގިއަށް ވިސްނުމަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު ކަމެއް ކަަމަށް އަރޫ ބުނެއެވެ. އެހެންނޫން ނަމަ އެއް ތަނެއްގައި ބަނދެވިފައި ހުންނަ އިހްސާސެއް ކޮށް އެކަމުގެ ތެރެއިން ތިމާއަށް ނަފްސާނީ ގޮތުން ލިބޭ ގެއްލުން ފަހުން މާ ބޮޑުވާނެ ކަމަށް އަރޫ ބުނެއެވެ.