އަންހެނުން ބާރުވެރި ކުރުވުމާއި އަންހެނުންގެ ހައްގުގައި މަސައްކަތް ކުރުމާއި ކުޑަކުދިންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާ ހީވާގި މީހުން އަހަރެމެން ދިވެހިން ތެރޭގައި ވަރަށް ގިނައެވެ. އެ ގޮތުން އެފަދަ އެތައް ބަޔަކީ މުޖުތަމައުގައި އަންހެނުންނަށާއި ކުޑަކުދިންނަށް އިންސާފު ހޯދައި ދިނުމަށް ވެސް މަސައްކަތް ކުރާ ބައެކެވެ.
އިންސާފު ހޯދައި ދިނުމަށް ލޯބި ކުރާ މީހުންގެ ތެރެއިން ޗިލްޑްރަންސް އޮމްބަޑްސް ޕާސަން އޮފީހުގައި އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 33 އަހަރުގެ ސަމާ ހުސައިން، މި މަސައްކަތަށް ވަދެވުނު ގޮތް 'ދަ ޕްރެސް' އާ ވަނީ ހިއްސާކޮށްފައެވެ.
ރަމްޟާން މަހަށް ހާއްސަކޮށް ގެނެސްދޭ 'މީހުން' ސެގްމެންޓަށް ދިން ހާއްސަ އިންޓަވިއުގައި ސަމާ ބުނީ، އޭނާ މި މަސައްކަތަށް ހިތް ޖެހުނީ ސްކޫލް ދައުރުގައި ބެލި ޕްރޮގްރާމެއްގެ ސަބަބުން ކްރައިމް ފަދަ މައްސަލަތައް ތަހުގީގުކުރުމުގައި އޮފިސަރުން އަދާ ކުރާ ދައުރު ފެނި އުފެދުނު ޝައުގުވެރިކަމާ އެކުގައި ކަމަށެވެ. އިންވެސްޓިގޭޓް ކުރާ އިރު ވަރަށް ކަންކަން ހޯދާ ބަަލާނެ ކަން އެ ޕްރޮގްރާމުން އެނގުނު ކަމަށާއި އޭނާ ވެސް އެފަދަ މަސައްކަތެއް ކުރަން ބޭނުންވި ކަމަށް ސަމާ ބުނެއެވެ.
އެގޮތުން ސްކޫލް ދައުރު ނިންމާލުމަށް ފަހު 2010 ވަނަ އަހަަރު ގާނޫނީ ވަކީލަކަށް ވުމަށް ޝަރުއީ ދާއިރާއިން ތައުލީމް ހާސިލް ކުރަން ސަމާ ފެށިއެވެ. އެ ދުވަސްވަރު ތައުލީމް ހާސިލް ކުރަން ފެށިއިރު، ސަމާ އައީ ހިލޭ ސާބަހަށް ވެސް މޯލްޑިވްސް ރެޑް ކްރެސެންޓް އަދި ލައިފް ސްކިލްސް ޓްރެއިނަރެއްގެ ގޮތުގައި ކުޑަކުދިންނާއެކު މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ކުޑަކުދިންނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކޮށް ދިނުމާއި، އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުއަށް ރަނގަޅު ބައެއްގެ ގޮތުގައި އެ ކުދިން ނެރުމަށް މަސައްކަތް ކޮށްދިނުމަށް ވެސް ޝައުގުވެރިކަން އުފެދުނު ކަމަށް ސަމާ ބުނެއެވެ.
ހަމައެއާއެކު 2014 ވަނަ އަހަރުން ފެށިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކޮށް، 2020 ވަނަ އަހަރު އެ ދާއިރާއިން ވަޒީފާ އަދާކުރަމުން ސަމާ ވަނީ މާސްޓާސް ވެސް ނިންމާފައެވެ. ތަހުގީގު ކުރުމުގެ މަސައްކަތަށް ވަދެވުމުގެ ކުރިން އެންމެ ފުރަތަމަ އޭނާ މަސައްކަތް ކޮށްފައި ވަނީ ކޯޕަރޭޓިވް ލީގަލް ދާއިރާގައި ޕެރަލީގަލްއެއްގެ ގޮތުގައެވެ. އަދި އެ ދާއިރާގައި 5 އަހަރު މަސައްކަތްކޮށް، ސަމާ ވަނީ އެސިސްޓަންޓް މެނޭޖާ، އޮޕަރޭޝަންސް އެންޑް ލީގަލްގެ މަގާމު ވެސް ފުރާފައެވެ.
2020 ވަނަ އަހަރު އަމަލު ކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ޗިލްޑްރަންސް އޮމްބަސްޑްސްޕާސަން އޮފީހުގައި ސަމާ މަސައްކަތް ކުރަމުން އަންނަތާ 2 އަހަރު ވެއްޖެއެވެ. 2021 އަހަރު އެ އޮފީހާ ގުޅުމަށް ފަހު އެ އޮފީހުގައި އޭނާ ކުރާ މަސައްކަތަކީ ކުޑަކުދިންގެ މައްސަލަތަކުގައި ދައުލަތުގެ އެހެން އިދާރާތައް ކުރާ މަސައްކަތް މޮނިޓާ ކުރުމެވެ. އެގޮތުން ފުލުހުންނާއި، ކައުންސިލްތަކާއި، ހޮސްޕިޓަލްތަކާއި އަދި މި ނޫން ވެސް ސަރުކާރުގެ އިދާރާތަކުން ވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް ކުރަން ޖެހޭ ކަންކަން ބެލުމުގައި ސަމާ އިސް ދައުރެއް އަދާ ކުރެއެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ތަހުގީގީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ގިނަ ވަގުތު ތަކެއް ހޭދަވާ މަސައްކަތެއް ކަމަށާއި އަދި ބައެއް ފަހަރު ތަހުގީގު ކުރަން ޖެހޭ ކޭސްތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށް ސަމާ ބުނެއެވެ.
ދަރުމައަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން، ކޮވިޑް-19 ގެ ދުވަސްވަރު ސާމްޕަލް ނަގާ ޓީމާއެކު އަމަލީ ގޮތުން މަސައްކަތް ކޮށްފައި ވެއެވެ. އަދި މިހާރު ސަމާ އަކީ ރެޑް ކްރެސެންޓްގެ ކޮމްޕްލަޔަންސް ކޮމިޓީގެ މެންބަރެކެވެ. މިދާއިރާއަށް އޭނާއަށް ނުކުމެވުނީ އޭނާގެ ދައްތަގެ ފަރާތުން ކަމަށާއި ދައްތަ އަކީ ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދޭ ފަރާތަކަށް ވުމުން ދައްތަގެ މަސައްކަތް ފެނި އެކަމަށް ޝައުގުވެރިކަން އުފެދުނީ ކަމަށް ސަމާ ބުނެއެވެ.
ސަމާ އަކީ އަބަދުވެސް މަސައްކަތް ކުރުމަށް ލޯބި ކުރާ މީހެކެވެ. އެ ގޮތުން ސްކޫލް ދައުރު ކިޔަވާ ނިންމުމަށް ފަހު އެކިކަހަލަ ކާޑު ތައްޔާރު ކުރަން އޭނާ ފެށިއެވެ. އެ ކާޑަކީ އަމިއްލަ އަތުން ތައްޔާރު ކުރާ ކާޑުތަކަކެވެ. އެކަމަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބި އެތައް ބަޔަކު އޭނާއަށް އިންސްޓްގްރާމުން މެސެޖުކޮށް ކާޑު ހެދުމަށް ރިކުއެސްޓް ފޮނުވައެވެ. ހަަމައެއާއެކު ކުޑަކުދިންގެ ޕާޓީތަކަށް ބެކްޑްރޮޕް ހަދައި ދިނުމަކީ ސަމާ ވަރަށް ޝައުގުވެރިކަމާއެކު ކުރި މަސައްކަތެވެ. އެ ދުވަސްވަރު ސަމާ މަސައްކަތް ކުރަމުން ދިޔަ އޮފީހުގައި ބާއްވާ ހަފްލާތަކުގައި ޕާޓީ ޑެކަރޭޓް ކޮށް ބެކްޑްރޮޕް ހެދުން ފަދަ ކަންކަން ސަމާ ވަނީ ކޮށްފައެވެ.
ކޮވިޑްގެ ބަލިމަޑުކަން ފެތުރިގެން ދިޔަ ދުވަސް ވަރު ލޮކްޑައުންގެ ހާލަތަށް މާލެ ސަރަހައްދު ދިޔަ ދުވަސް ވަރު އޭނާގެ ދައްތަ ވަރަށް ބުރަކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުނެވެ. އެ ދުވަސްވަރު ގިނަ ދުވަސްތަކެއް ވަން ދެން ގެއަށް ނާދެވި އޭނާގެ ދައްތަ މަސައްކަތުގައި އުޅެން ޖެހުމުން ދައްތަގެ ތިން ދަރިން ބެލުމުގެ ޒިންމާ އުފުލީ ސަމާއެވެ.
އެހެންކަމުން ތިން ކުދިންނަށް ކައްކާ ކާންދީ އެކުދިން ބަލައި ތަރުބިއްޔަތު ކުރުމުގައި ބުރަ މަސައްކަތެއް ސަމާ ވަނީ ކޮށްފައެވެ. އެ ދުވަސްވަރު ކުދިން ފޫހި ނުވެ، ކާ ހިތްވާ ގޮތަކަށް ކާނާ ތައްޔާރު ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ކެއްކުމަށް ވެސް ވަރަށް ބޮޑު ޝައުގެއް އުފެދުނު ކަމަށް ސަމާ ބުނެއެވެ. ބޭކް ކުރުމަށް އުފެދުނު ޝައުގުގައި މިހާރު ސަމާ އަންނަނީ ބަނާނާ ބްރެޑް، ކުކީސް އަދި ބްރައުނީސް ފަދަ ފޮނި ކާއެއްޗެހި ތައްޔާރު ކުރަމުންނެވެ.
މިއީ ޝައުގުވެރިކަމާ އެކު ކުރަމުން އަންނަ މަސައްކަތެއް ކަމުގައި ވިޔަސް އާމްދަނީ ހޯދަން ކުރާ ކަމެއްގެ ގޮތުން ސަމާއަށް މާ ގިނަ ވަގުތެއް ހުސް ކުރެވޭކަށް ނެތެވެ. ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގައި މަސައްކަތް ކުރަމުން އަންނަ އިރު، ގިނަ ވަގުތުތަކެއް އެ މަސައްކަތުގައި ހޭދަ ވާތީ ބޭކިން ފަދަ މަސައްކަތަށް މާ ބޮޑު ވަގުތެއް ނުދެވޭ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ހުސް ވަގުތު ލިބޭ މިންވަރަކުން ބޭކް ކުރެއެވެ. އެގޮތުން އޭނާ ބޭކް ކުރާ ތަކެތި އާއިލާއާއި ރައްޓެހިންގެ ތެރޭގައި މަގުބޫލް ކަމަށާއި ބައެއް ފަހަރު އެ މީހުންގެ އޯޑަރަށް ވެސް ބޭކް ކުރާ ކަމަށް އޭނާ ބުނެއެވެ. އަދި މިގޮތުން، ސަމާ ވަނީ އޭނާގެ މަސައްކަތްތައް އާންމުންނާ ހިސާބަށް ގެނެސްދިނުމަށްޓަކައި އާއިލާގެ މެންބަރުންނާއެކު ސަޒްސް އާޓް އެންޑް ކްރާފްޓްސްގެ ނަމުގައި ޕޭޖްއެއް ވެސް ހުޅުވާފައެވެ.
ސްކޫލް ދައުރުގައި ވާން ބޭނުންވި މީހާއަށް ވެވިފައި ހުރި ކަމުގައި ވިޔަސް އަދި ވެސް ސަމާގެ އުންމީދަކީ މި މަސައްކަތުގެ ތެރެއިން ވެސް މުޖުތަމުއަށް އަގުހުރި ހިދުމަތްތަކެއް ކޮށް ދިނުމެވެ. އެ މަސައްކަތުގެ ތެރެއިން ބެލިވެރިންނަށާއި ޓީޗަރުންނަށާއި ސްކޫލްތަކަށް ހާއްސަކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށް ސަމާ ބުނެއެވެ. މީގެ އިތުރުން އަންހެނުން ބާރުވެރި ކުރުވުމަށާއި މިންތީގެ ހަމަހަމަކަން ގެނައުމަށް ހިންގާފައިވާ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެ ރަށްރަށަށް ގޮސް ސަމާ ވަނީ އެތައް ސެޝަންތަކެއް ވެސް ނަގައިދީފައެވެ.
އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށާއި އެކަމުގައި ބޮޑަށް އަންހެނުންނަށް ބުނެދޭން ބޭނުން ވަނީ ކޮންމެ މީހެއްގެ ވެސް ގާބިލް ކަމެއް ހުންނާނެ ކަމަށެވެ. އެމީހެއްގެ ގާބިލްކަން އެނގޭނީ އެކަމަކާ ކުރިމަތިލީމަ ކަަމަށް ސަމާ ބުނެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް ކޮންމެ މީހަކު ވެސް ގަބޫލު ކުރަނީ ދަރިން ލިބުނީމަ އެކަންކަން ކުރަން އެނގޭނެ ކަމަށް ސަމާ ބުނެއެވެ. ނަމަވެސް ޒަމާނަށް އައިސްފައިވާ ބަދަލުތަކާ އެކުގައި ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ވެސް ދަސްކުރަން ޖެހޭ އެތައް ކަމެއް އެބަ ހުރި ކަމަށް ސަމާ ބުނެއެވެ.
ސަމާގެ ހަޔާތުގައި ވެސް ވަރަށް ބޮޑު ހުރަސްތަކަކާ އޭނާއަށް ކުރިމަތިލާން ޖެހުނެވެ. އެއީ އޭނާގެ މުޅި ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް ގެނައި ކަމެއްގެ ގޮތުގައި ސިފަކުރެއެވެ.
ކަންފަތަށް އަޑު އިވުމުގައި އުނދަގޫތަކެއް ހުރިކަން މަސައްކަތުގެ މާހައުލުގައި އުޅެމުން ފާހަގަވި ނަމަވެސް، އޭރު އެއީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ވިސްނިފައި ނެތް ކަމަށާއި، އެކަން ބޮޑަށް ފާހަގަވެ އުނދަގޫވާން ފެށީ، ކޮވިޑްގެ ދުވަސް ވަރުކަމަށް ސަމާ ބުނެއެވެ. އެކަން ފާހަގަވީ އެންމެން ވެސް މާސްކް އަޅައިގެން އުޅުމުން ކަމަށާއި، ކޮވިޑް ތެރޭގައި ގިނަ ވަގުތު ގޭގައި ހުންނަން ޖެހުމުން އެކަމުގެ ތަކްލީފު އުފުލަން ނުޖެހުނު ކަމަށް ސަމާ ބުނެއެވެ. ފަހުން ބޭރަށް ނިކުމެ މީހުންނާ ބައްދަލުވެ މަސައްކަތްތުގެ ތެރެއަށް ނިކުމެ އުޅެން ޖެހުމުން ކަންފަތަށް އަޑު އިވުމުގެ އުނދަގޫ ވަރަށް ބޮޑަށް ފާހަގަވިއެވެ.
އަޑު އިވުމުގެ މައްސަލަ ދިމާވެގެން އުޅެން ޖެހުނު ދުވަސްވަރުގެ އެންމެ ހިތްދަތި ހާދިސާ ހިއްސާކުރަމުން ސަމާ ބުނީ، އެދުވަސްވަރު އެހެން މީހުންނާ ދުރުވެ އެކަހެރިވާން ބޭނުންވި ކަމަށެވެ. ކުރިން ރައްޓެހިންނާ އެކީ ބޭރަށް ގޮސް އުޅުނު ނަމަވެސް ފަހުން ބޭރަށް ދާން ވެސް އޭނާ ފޫހިވިއެވެ. އެންމެންނަކީ ބާރަށް ވާހަކަ ދައްކާ ބައެއް ނޫން ކަމަށާއި ބައެއް މީހުން ވާހަކަ ދައްކާލެއް މަޑުކަމުން އޭނާއަށް އަޑު ނީވޭތީ މީހުންނާ މުއާމަލާތް ކުރަން ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން، ފަހުން އެއްގޮތަކަށް ވެސް ބޭރަށް ނުގޮސް ގޭގައި އުޅުނު ކަމަށް ސަމާ ބުނެއެވެ.
ބައެއް ފަހަރު އެއްގޮތަކަށް ވެސް އަޑު ނީވޭ ކަމަށާއި އަޑު ނީވޭތީ ދެން މަޑުޖެހިފައި ހުރެވެނީ ކަމަށް ސަމާ ބުނެއެވެ. އަޑު އިވުމުގެ މައްސަލަ ހުރިކަން މީގެ ކުރިން ފާހަގަ ނުވާ ކަމަށާއި ނަމަވެސް ވަރަށް ކުރިން ސުރެ ވެސް ވަރަށް ގަދައަށް ބޮލުގައި ރިއްސާ ކަމަށާއި ވަރަށް ބޮޑަށް މައިގްރެއިން ހުރި ކަމަށް ސަމާ ބުނެއެވެ. 2021 ވަނަ އަހަރު ޑޮކްޓަރަށް ދައްކައިގެން ދެ ކަންފަތުގައި ވެސް މައްސަލަ ހުރި ކަމަށް ޑޮކްޓަރުން ފާހަގަ ކުރިއެވެ. އަދި ވާތު ފަރާތު ކަންފަތަށް އެއްގޮތަކަށް ވެސް އަޑު ނީވޭ ކަމަށް އޭނާ ބުނެއެވެ. އެގޮތުން ސަމާ ވަނީ 2022 ވަނަ އަހަރު ސާޖަރިއެއް ވެސް ހަދާފައެވެ. އެ ސާޖަރީއަށް ފަހު އަޑު އިވެނީ ކަނާތު ކަންފަތަށް އެކަނި ކަމަށް އޭނާ ބުނެއެވެ.
މި މައްސަލަ ދިމާވުމުން އޭނާ ހިއަރިން އެއިޑް ވެސް ބޭނުން ކުރިއެވެ. ނަމަވެސް އޭގެން މާބޮޑު އެދެވޭ ނަތީޖާއެއް ނުލިބުނެވެ. ހިއަރިން އެއިޑް ބޭނުން ކުރުމުން އެތަނެއްގައި ހުންނަ ހުރިހާ އަޑުތަކެއް ސަމާ އަށް އިވެއެވެ. އޭސީގެ އަޑު ވިޔަސް ދޮރެއް ޖަހާ އަޑު ވިޔަސް މީހަކު ހިނގާފައި އަންނަ ފިޔަވަޅުގެ އަޑު ވިޔަސް ވަރަށް ބާރަށް އިވެއެވެ. އެއްފަހަރާ ގިނަ އަޑުތަކެއް އެގޮތަށް މާ ބާރަށް އިވުމަކީ މީހާ ވަރުބަލިކޮށްލާ ކަމެއް ކަމަށް ސަމާ ބުނެއެވެ. އަދި މުޖުތަމައުގައި އުޅޭ ގިނަ މީހުންނަށް ހިއަރިން އެއިޑް ބޭނުން ކުރާ މީހެއްގެ ތަކުލީފްތައް ނޭނގުމަކީ މުޖުތަމައުގައި ނިކުމެ އުޅެން އުނދަގޫ ކަމެއް ކަމަށް ވެސް ސަމާ ބުނެއެވެ.
އަޑު އިވުމުގެ މައްސަލަ ދިމާވެގެން އުޅެން ޖެހުނު ދުވަސްވަރުގެ އެންމެ ހިތްދަތި ހާދިސާ ހިއްސާކުރަމުން ސަމާ ބުނީ، އެދުވަސްވަރު އެހެން މީހުންނާ ދުރުވެ އެކަހެރިވާން ބޭނުންވި ކަމަށެވެ. ކުރިން ރައްޓެހިންނާ އެކީ ބޭރަށް ގޮސް އުޅުނު ނަމަވެސް ފަހުން ބޭރަށް ދާން ވެސް އޭނާ ފޫހިވެއެވެ. އެންމެންނަކީ ބާރަށް ވާހަކަ ދައްކާ ބައެއް ނޫން ކަމަށާއި ބައެއް މީހުން ވާހަކަ ދައްކާލެއް މަޑުކަމުން އޭނާއަށް އަޑު ނީވޭތީ މީހުންނާ މުއާމަލާތް ކުރަން ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކމުަން ފަހުން އެއްގޮތަކަށް ވެސް ބޭރަށް ނުގޮސް ގޭގައި އުޅުނު ކަމަށް ސަމާ ބުނެއެވެ.
ދިރިއުޅުމުގައި މިފަދަ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ސަމާގެ ހުވަފެންތައް ފުނޑުފުނޑުކޮށްލާކަށް ބޭނުމެއް ނޫނެވެ. ހިތްވަރުގަދަ އެހެން މީހުންނަށް ނަމޫނާއަކަށް ވާން އޭނާ ބޭނުން ވިއެވެ. މިއަދު ވެސް ސަމާ މަސައްކަތުގެ މާހައުލުގައި އެތައް ބަޔަކާ މުއާމަލާތްކޮށް އޭނާގެ މަސައްކަތްތައް ފުރިހަމަ ކަމާ އެކު ކުރަމުން އަންނަ ކަމަކީ އެކަމަށް އޮތް ވަރަށް ބޮޑު ހެއްކެކެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމަގައި ވެސް ގިނަ މަސައްކަތްތަކެއް ކުރުމުގެ ވަރުގަދަ އަޒުމެއްގައި ހުރި ސަމާ މި ދައްކުވައިދެނީ އަދުގެ ޖީލަށް ނަމޫނާ ހުރި މިސާލެކެވެ.