ކާބޯތަކެތި ޑެލިވަރީ ކުރާ ގެއެއް ބަލާ ފާސްކޮށް 32 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މާޗު 5 ވަނަ ދުވަހު ރެއިޑު އޮޕަރޭޝަނެއް ހިންގުނު ކަމަށާއި މި އޮޕަރޭޝަންގައި ސައްހަ ލިޔެކިޔުން ނެތް ފަރާތްތަކާއި، ވަޒީފާ ދިން ފަރާތްތަކަށް ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއެއް އަތުލައިގެންފައިވާކަމަށެވެ.

ވީޑިއޯއަކާ އެކު އެކްސްގައި އާންމުކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ލިބުނު މައުލޫމާތާއި ގުޅިގެން ބަލައިފާސްކުރީ މއ. ހިތިލާގެ-2 ކަމަށާއި، އެ ގެއިން އާންމުކޮށް ގަނޑުކުރި މަހާއި ތަރުކާރީއާއި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދު ވެސް ފެންނަ ކަމަށެވެ.

މީގެއިތުރުން މެންދުރު ކާގަޑިއާ ދިމާކޮށް ގިނަ އަދަދެއްގެ ބަތް ޕާރުސަލު އެތަނުން ގެންދާ ކަމަށާއި އެ ވަގުތާ ދިމާކޮށް ޑެލިވަރީ ސައިކަލުތައް ވެސް ގޭގެ ބޭރުގައި ހުންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އެ ގެއަކީ އާދައިގެ ގޮތަކަށް ޑެގު އަޅައިގެން ހަދާފައިވާ ހަތަރު ބުރީގެ ބާ އިމާރާތެއް ކަމަށާއި މި ގޭގައި ދިރިއުޅެމުންދިޔަ 77 ބިދޭސީއެއްގެ ލިޔެކިޔުން ޗެކުކުރެވުނު ކަމަށެވެ.

ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. މި އަހަރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވުމުގެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގައެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ވަނީ ނަގާފައެވެ.