ކަވި މަސައްކަތްތައް ކުރުމަކީ ބައެއް މީހުންނަނަށް ގުދުރަތުން ލިބިފައިވާ ވަރަށް ބޮޑު ހުނަރެކެވެ. މިފަދަ މަސައްކަތްތައް ކުރާ ގިނަ މީހުންނަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން މަސައްކަތަށް ލޯބިޖެހި ކުރާ މީހުންނެވެ. އަދި ބައެއް މީހުންނަކީ އުމުރުގެ ވަކި ހިސާބަކުން މިފަދަ މަސައްކަތްތައް ފަށައިގަންނަ ފަރާތެކެވެ. މި މަސައްކަތް ކުރުމަށް ބޭނުވަނީ ޝައުގާއި ހުނަރެވެ. އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް އުފަން އައިޝަތު ހުސައިން އަކީވެސް މި ފަދަ ފަރާތެކެވެ.

އައިޝަތު ހުސައިންގެ މަސައްކަތް

އެންމެ ކުޑައިރުއްސުރެވެސް ކަވި މަސައްކަތްތަށް ކުރުމަށް ލޯބިކުރާ އައިޝާ ބުނީ އެންމެ ފުރަތަމަ މިފަދަ މަސައްކަތްތައް ކޮށްލުމުގެ ފުރުސަތު ލިބުނީ ގާލްގައިޑްގައި އުޅުނު ދުވަސްވަރު ކަމަށެވެ. އެ ދުވަސްވަރު ފެށުނު މަސައްކަތާއެކު މިއަދު އައިޝާއަކީ އެކި މުނާސާބުތަކަށް މާބޮޑު ހަދައިދިނުމާއި އަތުގައި އަޅާ ގަހަނާ ހަދައިދިނުމުގެ އިތުރުން އަބާޔާ ވިއްކުމުގެ ވިޔަފާރިވެސް ފުޅާ ދާއުރާއެއްގައި ކުރަމުން އަންނަ ފަރާތެކެވެ. އެންމެ ފުރަތަމަ އަމިއްލަ ހިތްހަމަޖެހުމަށް މި މަސައްކަތް ފެށި އައިޝާ ބުނީ އަދިވެސް ވިޔަފާރިއަކަށްވުރެ ބޮޑު މި މަސައްކަތް ކުރިއަށް ދަނީ އެކަމަށް އުފެދިފައިވާ ޝައުގާ އައިޝާ އަތުން އެއްޗެހި ގަންނަ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ކަމަށެވެ.

އައްޑޫގައި ބޭއްވި މައުރަޒެއްގައި އައިޝާގެ އުފެއްދުންތައް ދައްކާލުން

އައިޝާގެ ނަޒަރުގައި ކޮންމެ މަސައްކަތަކީ ވެސް އެމީހެއްގެ 100 ޕަސެންޓު ދީފިނަމަ ކާމިޔާބު މަސައްކަތެކެވެ. މިހާރުވެސް ފެނަކައިގައި ވަޒީފާ އަދާކުރަމުން އަންނަ އައިޝާ ބުނީ މިކަން ކުރުމަށް އަބަދުވެސް ވަގުތު ހުސްކުރާކަމަށެވެ. އެގޮތުން ބޮކޭ އެއް ހެދުމަށް އާންމުކޮށް 2 ނުވަތަ 3 ގަޑިއިރު ހޭދަކުރާއިރު އަބަދުވެސް އިސްކަންދެނީ އެންމެ ފުރިހަމައަށް މަސައްކަތް ނިންމުމަށް ކަމަށް އައިޝާ ބުންޏެވެ. މިއީ ރަށުގައި ހުރެގެންވެސް ކުރަން ރަނގަޅު ވިޔަފާރިއެއްކަން ފާހަގަކޮށް އައިޝާ ބުނީ އެންމެ އުދަގޫވަނީ މާ ހެދުމަށް ބޭނުންކުރާ އެކި ކަހަލަ ސާމާން ހޯދަން ކަމަށެވެ. އައްޑޫ އިން މި މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް އައިޝާ ބުނީ އުދަގޫތަކާއެކު ކުރިއަށް ދިއުމުގެ ހިތްވަރު އެބަހުރިކަމަށެވެ. އައިޝާގެ މި މަސައްކަތުގައި ފިރިމީހާ އާއި ދަރިފުޅު އަދި ކޮއްކޮ ގެ އިތުރުން އާއިލާގެ ބޮޑު އެހީތެރިކަމެއް ލިބޭކަން ފާހަގަކޮށް އޭނާ ބުނީ އެންމެ ބޮޑު އުއްމީދަކީ އަމިއްލަ ވިޔަފާރިއަކާއެކު، އަމިއްލަ ބްރޭންޑެއް ތައާރަފްކޮށް މި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އައިޝަތު ހުސައިންގެ މަސައްކަތް

އައިޝާގެ ރަސްމީ ވަޒީފާ އާއި އަމިއްލަ ވިޔަފާރީގެ އިތުރުން އައްޑޫ ސިޓީގައި ނަން ހިނގާ ވޮލީބޯޅަ ކުޅުންތެރިއެކެވެ. އުމުރުން އެންމެ 14 އަހަރުގައި އައިޝާ އެންމެ ފުރަތަމަ ވޮލީ ބޯޅައެއްގައި އަތްލީ، މަރަދޫފޭދޫ ޓީމް ވޮލީ ޕްރެކްޓިސްގައި އޭނަގެ ބައްޕަ ހަރަކާތްތެރިވަމުން ދިޔަ ދުވަސްވަރުއެވެ. އެންމެ ފުރަތަމަ އައިޝާގެ އަތަށް ވޮލީ ބޯޅައެއް ޖެހީ ބައްޕަކަން އުފަލާއެކު ފާހަގަކޮށް އައިޝާ ބުނީ އޭގެ ފަހުން ސްކޫލު މުބާރާތެއްގައި ކުޅުުނު ކަމަށެވެ.

އައިޝަތު ހުސައިން

ސްކޫލު ނިންމުމަށްފަހު އެ ދާއިރާ އާއި ދުރުގައި ހުރި އައިޝާއަށް އަނެއްކާވެސް ފުރުސަތު ލިބުނީ މަރަދޫފޭދޫ އިން ޓީމެއް ހަދަން އުޅުނު ދުވަސްވަރުއެވެ. އެ ދުވަސްވަރު، އެ ޓީމާއެކު ޕްރެކްޓްސް ފެށިގޮތަށް މިހާރު އައިޝާއަކީ މަރަދޫފޭދޫގައި މިހާރު ތިބި މަދު އަންހެން ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެވެ. މިހާރު ޑިފެންސަށް ކުޅޭ އައިޝާ ގަބޫލުކުރާ ގޮތުން ޓީމެއްގެ ކޮންމެ ކުޅުންތެރިއަކީވެސް މުހިއްމު ކުޅުންތެރިއެކެވެ. ކުޅިވަރުގެ ދާއިރާގައި ލިބޭ ކޮންމެ މޮޅެއް އަދި ދެރައަކީވެސް ތަޖުރިބާއެއްގެ ގޮތުގައި ސިފަކޮށް އައިޝާ ބުނީ އިތުރު ތަމްރީނާއި، ރަނގަޅު ކޯޗެއްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަން ލިބިއްޖެނަމަ މިހާރަށްވުރެ ކުޅުން ރަނގަޅު ކުރެވޭނެ ކަމަށެވެ.

އައިޝާއަކީ ކުރާ ކޮންމެ މަސައްކަތެއްވެސް ޝައުގުވެރިކަމާއެކު ކުރާ ފަރާތަކަށްވާއިރު މިހުރިހާ ކަންކަން ކުރުމަށް ޓައިމް މެނޭޖުކޮށް ކުރިއަށް ދިއުމަށް އެހީތެރިވެދޭ އެންމެންނަށް އައިޝާ ވަނީ ޝުކުރު އަދާކޮށްފައެވެ.