މާލޭގެ މާރުކޭޓުތަކުގައި ސައްހަ ވިސާއާއެކު މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޯދަ މަހަށް ހާއްސަ ކޮށްގެން މާލޭގެ މާރުކޭޓުތަކުގައި އިމިގްރޭޝަންގެ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގުނު ކަމަށާއި މި އޮޕަރޭޝަންގައި މާރުކޭޓުތަކުގައި ސައްހަ ވިސާއާއެކު މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވާކަން ހާމަވެފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ރޯދައާއި ދިމާކޮށް މާލޭގެ މާރުކޭޓުތަކުގައި ބިދޭސީން އަތްގަދަކޮށް ގަވައިދާ ހިލާފަށް ވިޔަފާރި ކުރާކަމުގެ މައުލޫމާތު އިމިގްރޭޝަން ވޮޗަށް ލިބިފައިވާކަމަށާއި އެއާއެކު އިމިގްރޭޝަންގެ ރެއިޑުގެ ތެރެއިން ފުރަތަމަ ބަލާ ފާސްކުރީ ކުދި މާރުކޭޓުތައްކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު 5 ތަނެއް ބަލާ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެއާއެކު އިމިގްރޭޝަނުން ބުނީ ދެން ބަލާ ފާސްކުރީ މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ކަމަށެވެ. މި އޮޕަރޭޝަން ހިންގުމުގެ ދެ ދުވަސް ކުރިން އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން ތިބި ގޮޅިތައް ސިއްރުން ދެނެގަނެފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެއަށްފަހު ފެބްރުއަރީ 24 ވަނަ ދުވަހު އަލުން އެ ގޮޅިތައް ބަލާ ބިދޭސީންގެ ލިޔެކިޔުންތައް ޗެކް ކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. މި އަހަރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވުމުގެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގައެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ވަނީ ނަގާފައެވެ.