އެންމެ ކުޑައިރުއްސުރެ ފެންނަމުން ދާ މަސައްކަތެއް ނުވަތަ ކަމެއްގެ ތެރެއަށް ޝައުގުވެރިކަން އުފެދުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. މިފަދަ މަސައްކަތުގެ ތެރެއަށް ލޯހުޅުވަމަކީ ތިމާގެ މުސްތަގުބަލައްވެސް އެޅިގެންދާނެ ރަނގަޅު ބިންގަލެއްކަން ޔަގީނެވެ. ލިބިފައިވާ ހުނަރާ އުފެދިފައިވާ ޝައުގާއެކު އެކަމެއްގައި ކުރިއަށް ދިއުމަކީ މާ އުދަގޫކަމެއް ނޫންކަން ޔަގީނެވެ.

މިއީވެސް އެފަދަ ވާހަކައަކެވެ. އައްޑޫ ސިޓީ ހުޅުދޫ އަށް އުފަން އައިޝަތު ނަޖާ ވަހީދުއަކީވެސް މިފަދަ ހުނަރުވެރިއެވެ. ފޮނިކާތަކެތި ތައްޔާރުކުރުމާއި ކޭކު އެޅުމުގެތެރެއަށް ލޯހުޅުވެމުން އައި ނަޖާ، އެންމެ ފުރަތަމަ އެ މަސައްކަތަށް ޝައުގުވެރިކަން އުފެދުނީ އޭނަގެ ދައްތަ ކުރަމުން ދިޔަ މަސައްކަތުންނެވެ.

ނަޖް ބޭކްސްގެ ޓްރެސްލެޗަސް ކޭކް

އޭރު އެކަން ކުރާނެ ފުރުސަތެއް ނަޖާއަށް ނުލިބުނު ނަމަވެސް ކައިވެނިކޮށްގެން ފިރިމީހާގެ ރަށުގައި އުޅުނު ދުވަސްވަރު އާއިލީ މާހެފުމަކަށް އެޅި ކޭކު ވެގެން ދިޔައީ ނަޖާގެ ވިޔަފާރި ވުޖޫދުވުމުގެ ބިންގަލަށެވެ. މިކަމަށް އެންމެ ބޮޑަށް ބާރު އެޅި ފިރިމީހާ އާއި އާއިލާއިންނެވެ.

އެއްވެސް ހިޔާލެއް ފިކުރެއް ނެތި މޭހެފުމަކަށް އެޅި ކޭކާއެކު 'ނަޖް ބޭކްސް' ވުޖޫދަށް ގެނައުމުގައި، އޭނާގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑެވެ. ކޭކު އެޅުމާއި، މި ވިޔާފަރިކުރިއަށް ގެންދިއުމުގައި ނަޖާގެ މަންމަގެ އިތުރުން އާއިލާއިން ދިން ތަރުހީބާ، ފިރިމީހާ ވިޔަފާރިއަށް ކުރި އިންވެސްޓު ނަޖާ ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.

ނަޖް ބޭކްސްގެ ކުކީސް، ބްރައުނީސް އަދި ޓިރަމިސޫ

މީހާރު އުފަން ރަށް ހުޅުދޫގައި ދިރިއުޅެމުން އަންނަ ނަޖާގެ ކޭކާއި، ފޮނިކާތަކެއްޗަކީ ހުޅުދޫ މީދޫގެ އިތުރުން މުޅި އައްޑޫއަށްވެސް މަޝްހޫރު ފޮނިކާތަކެއްޗެވެ. މިހާރުވެސް އައްޑޫ ސިޓީގެ ހުޅުދޫ މީދޫގެ އިތުރުން ފޭދޫއަށް ވެސް އެެއްވެސް އިތުރު ޗާޖެއް ނެތި ނަޖާގެ ފޮނިކާ އެއްޗެހި ޑެލިވަރީކޮށްދެމުން އަންނައިރު، ނަޖާ ބުނީ ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫ އިން އޯޑަރުކުރާ ފަރާތްތަކަށްވެސް ފޭދޫ އާއި ހަމައަށް ޑެލިވަރީކޮށްދޭ ކަމަށެވެ.

ނަޖް ބޭކްސްގެ ކަށިކެޔޮ ކޭކު

ކްލެސިކް ބްރައުނީސް، ކުނާފާ ބްރައުނީސް، ޓިރަމިސޫ، ބާސްކް ބާންޓް ޗީޒް ކޭކް، ޕިސްޓާޗިއޯ ކުނާފާ ޗޮކްލެޓް އަދި ނިއުޔޯކް ސްޓައިލް ޗީޒް ކޭކްއަކީ ނަޖާގެ އެންމެ މަޝްހޫރު ފޮނިކާތަކެއްޗެވެ. މި މަސައްކަތަކީ ރަށުގައި ހުރެގެންވެސް ކުރަން އެންމެ ރަނގަޅު މަސައްކަތްކަން ފާހަގަކޮށް ނަޖާ ބުނީ މި ފަދަ މަސައްކަތްތަކުގެ ޑިމާންޑު ބޮޑުވަނީ އެކު ދުވަސްވަރުކަމަށެވެ. އެގޮތުން ހާއްސަ ހަފްލާތަކާއި، އުފަންދުވަސްތަކާއި އެކި ކަހަލަ ސެލެބްރޭޝަންތަކާއި ދިމާކޮށް ކޭކުގެ ޑިމާންޑް ވަރަށް ބޮޑުވެގެންދާކަމަށް ނަޖާ ބުންޏެވެ.

ނަޖް ބޭކްސްގެ ޕިސްޓާޗިއޯ ކުނާފާ ޗޮކްލެޓް

ނަޖާގެ މަސައްކަތް އިތުރަށް ފުޅާކޮށް، ކުރިއަށް ގެންދިއުމަށް ޔޫޓިއުބް ވީޑިއޯތަކާ ޓިކްޓޮކް ވީޑިއޯތަކުން އާ އުފެއްދުންތައް ތައްޔާރު ކުރާނެ ގޮތްތައް ދެނެގަނެ، ރަހަތައް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ދަސްކުރާކަމަށް ނަޖާ ބުންޏެވެ. އިންޓަނެޓްގެ އެކި ވަސީލަތްތަކުން ހޯދާ މައުލޫމާތު ބޭނުންކޮށްގެން ނަޖާ އޭނާގެ ހުނަރު ތަރައްގީ ކުރަން އަބަދުވެސް ހާއްސަ އިސްކަމެއް ދޭއިރު ނަޖާ ބުނީ، ކަސްޓަމަރުންނާ ހަމައަށް މީރު ރަހަތައް ގެނައުމަށްޓަކައި، އޭނާގެ އުފެއްދުންތައް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.

ނަޖް ބޭކްސްގެ ބާސްކް ބާންޓް ޗީޒް ކޭކް

އަބަދުވެސް ރިސާޗުކޮށް، އަމިއްލައަށް ކަންކަން ދަސްކުރުމުގެ މުހިއްމުކަން ފާހަގަކޮށް ނަޖާ ބުނީ މި މަސައްކަތުގައި ދެކޭ އެންމެ ބޮޑު ހުވަފެނަކީ މި ވިޔަފާރިފުޅާކޮށް ކުޑ ކެފޭއެއް ނުވަތަ ބޭކަރީއެއް ހުޅުވުން ކަމަށެވެ. މިހާރު އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއި ކުޑަ ދަރިފުޅުގެ ކަންތައްތައް ހަމަޖައްސަމަުން މި މަސައްކަތުގައި ކުރިއަށް ދެވެނީ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންކަމުގައި ނަޖާވަނީ ފާހަގަކޮށްފައެވެ.

ނަޖް ބޭކްސްގެ އޮލިމްޕިކް މަފިންސް، ނިއުޔޯކް ސްޓައިލް ބްލޫބެރީ ޗީސް ކޭކް

މި ރޯދަމަހަށް ހާއްސަކޮށް މިހާރުވެސް ޕްރީއޯޑަރު ނަގަމުން އަންނައިރު، ނަޖާ ބުނީ ރޯދަމަހުގެ އަގުތައްވެސް ހާއްސަކަމަށެވެ. އެގޮތުން 6 އިންޗީގެ ޗީސް ކޭކެއް މިހާރު 400 އަށް ވިއްކަމުން އަންނައިރު 8 އިންޗީގެ ޗީސް ކޭކެއް 600 ރުފިޔާއަށް ވިއްކާކަމަށް ނަޖާ ބުންޏެވެ.

ރޯދަ މަހަށް ހާއްސަކޮށް ނަޖާގެ ފޮނިކާތަކެތިން ހާއްސަ ޑިސްކައުންޓެއް ދެމުން އަންނައިރު ނަޖް ބޭކްސްގެ އެއްވެސް ފޮނިކާއެއްޗެއް ކައިފިނަމަ ދެވަނަ ފަހަރަށްވެސް އޯޑަރު ކުރާނެކަމުގެ ޔަގީންކަން ނަޖާ ދެނީ ފުރިހަމަ އިތުބާރާއެކުގައެވެ.