ރޯދަ ވީއްލާ ގަޑި ކައިރިވަމުން ދާވަރަކަށް ބަދިގޭގެ ކަންކަން ނުނިމިއްޖެނަމަ ހާއްސަކޮށް އަންހެންވެރިން ތިބޭނީ ކަންބޮޑުވެފައެވެ. ނަމަވެސް ވަގުތު ކައިރިވެ ތައްޔާރުކޮށްލާނެ ފޮނި ކާއެއްޗެއް ނޭނގި އެކަމާ ފިކުރުބޮޑުވުމުގެ ބަދަލުގައި ފަސޭހައިން ތައްޔާރުކޮށްލެވޭ މެގްނަމް ޕުޑިންއެއް ހަދާލަމާ ހިނގާށެވެ.
މެގްނަމް ޕުޑިން އަކީ ރޯދަ ވީއްލާ ނިންމާލުމަށްފަހު ކާލަން ރަނގަޅު ޑެޒާޓެކެވެ. މެގްނަމް ޕުޑިން ތައްޔާރުކުރުމަށް އެހާ ގިނަ ވަގުތުތަކެއްވެސް ނުނަގާނެއެވެ.
ބޭނުންވާ ތަކެތި:
- ފުލް ކްރީމް ކިރު ޕެކެޓު (ބޮޑު)
- 1 ދަޅު ގެރި ކިރު
- 1 ޕެކެޓް މާރީ ބިސްކޯދު
- 2 ބިސް
- 1 މޭޒުމަތީ ސަމްސާ ބަޓަރު
- 2 މޭޒުމަތީ ސަމްސާ ކޯންފްލާ
- 1/2 ވެނީލާ އެސެންސް
- 100 ގްރާމް ޑާކް ޗޮކްލެޓް (ނޫނީ ބޭނުން ވައްތަރެއް)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ފުލް ކްރީމް ކިރާއި، ގެރި ކިރާއި، ބަޓަރާއި، ކޯންފްލާ އަދި ބިސް މިކްސަރަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. 2 މިނެޓެއް ހާއިރު ގިރާލުމަށްފަހު ބަހައްޓާށެވެ. ދެން ތެއްޔަކަށް މިތަކެތި އަޅާލުމަށްފަހު މެދު ގިނީގައި ބަހައްޓައިގެން އޮލަވަންދެން ކައްކާށެވެ. އެއަށްފަހު ވެނީލާ އެސެންސް އަޅާށެވެ. މި ތަކެތި އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.
އެއަށްފަހު ޓްރޭއެއްގައި ބަޓަރު އުނގުޅާލާށެވެ. ދެން ޓްރޭގައި ބިސްކޯދު އަތުރާލުމަށްފަހު އޭގެ މައްޗަށް ތެލީގައި އޮލަކުރި ތަކެތި އަޅާށެވެ. މިގޮތަށް އަދި އިތުރު އެއް ފަށަލަ ހެދުމަށް ފަހު އޭގެ މައްޗަށް ޗޮކްލެޓް ގާނާށެވެ. ދެން ފްރިޖަށް ލުމަށްފަހު އިރުކޮޅަކަށް ފިނިކޮށްލަން ބައިންދާލާށެވެ.
އޭރުން އެހުރީ މެގްނަމް ޕުޑިން ތައްޔާރުކުރެވިފައެވެ.