ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ރައްޔިތުންނަށް، ހިއްކާފައިވާ ސަރަހައްދުން ގޯތި ހަވާލުކޮށް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ ސަރަހައްދުން ވެސް ކުރީ ސަރުކާރުން ގޯތި ދިންކަން ކަމަށާއި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މިހާރު ގެނެސްފައިވާ ބަދަލާއެކު ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ވެސް މިހާރު ހިއްކާފައި އޮތް ބިމުން ގޯތި ލިބިގެން ދާނެ ކަމަށް ރައިސް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ހިއްކާފައި އޮތް ސަރަހައްދުގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައި ވާނީ ހޮސްޕިޓަލާއި އެނޫން ވެސް ވަސީލަތްތައް ގާއިމްކުރާ ގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސްތެރޭ ގުޅިފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށެވެ. އަދި ރަޖިސްޓްރީ ނުދެވޭނީ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ސަރަހައްދުން ގޯތި ލިބުނު ރައްޔިތުންނަށް އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅިފަޅުގެ އިތުރުން ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރު ފަޅާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، ގިރާވަރު ފަޅުވެސް ހިއްކުމުގެ މަސައްކަތުގައި ކުރީ ސަރުކާރުން އޮތީ ސަރުކާރަށް ގެއްލުންވާނެ އެއްބަސްވުމެއް އެކުލަވާލާފައި ކަމަށެވެ. އެކަން ކަމާބެހޭ އިދާރާއިން ކެންސަލްކޮށް އެ މަސައްކަތާ ސަރުކާރުން ހަވާލުވެ ހިއްކާ ނިންމައި ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.