އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށްގެންނަންޖެހޭ ބަދަލުތައް، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތްތައް ކަނޑައެޅުއްވީ އާދިއްތަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުއެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:
1. ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
2. ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލައި ނިންމުން.
3. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އިން ލިބެން ހުރި ބޭސް ފެންނާނެގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
4. މި ބަދަލަށް (ޕޮއިންޓް 4 އަދި 5) ޑޮކްޓަރުން އަހުލުވެރިކުރުވުން.
5. އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
6. އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އުސޫލުތަކުގެ ތެރެއިން އެސްޓީއޯ އަށް ލިބޭނެ ގޮތް ހަމަޖެއްސުން. މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުން، އެސްޓީއޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް (މެނުފެކްޗަރަރ) މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން.
7. މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ 4 ޖީޕީ ކްލިނިކުން އެސްޓީއޯ ގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
8. ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުން.
9. ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ހައްލުކުރުން.
10. އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސްޓީއޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
11. އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމްއެފްޑީއޭގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން.
މި ކަންކަން ތަންފީޒުކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރެވިގެންދާނެއެވެ.
ބޭހުގެ އަގުތައް ކޮންޓްރޯލް ކުރި ފަހުން މާލޭގެ ފާމަސީތަކުން ބޭސް ލިބުމުގެ ދަތިކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ހިއްސާ ކުރަމުންނެވެ. އަމިއްލަ ބައެއް ފާމަސީތަކުން ބޭސް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، އެސްޓީއޯ ފާމަސީތަކުން ވެސް ބޭސް ލިބުމުގައި ހުރަސްތަކެއް އެބަ ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.