ދިވެހިރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދާ ހައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނާއި ގައުމީ އެއާލައިން މޯލްޑިވިއަންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސްއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވީ، ހައްޖުވެރިން ސައުދީއަށް ހައްޖުގެ އަޅުކަމަށް ދާތާ ގިނަ އަހަރުތަކެއްވި ނަމަވެސް ދިވެހި ގައުމީ އެއާލައިންގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުމަކީ އުފަލެއް ކަމަށެވެ. އަދި މިއަދު އެކަން ހާސިލުވެގެން ދިޔައީ ސަރުކާރުން ގެންގުޅެމުން އަންނަ ދުރުވިސްނުންތަކުގެ ސަބަބުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މޯލްޑިވިއަންއިން ހައްޖުވެރިން އުފުލަން ފެށުމުން ހައްޖުގެ ދަތުރުތަކަށް ކުރަމުން އަންނަ ހަރަދުން 3.4 މިލިޔަން ރުފިޔާ ސަލާމަތް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ޝަކީލް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު މޯލްޑިވިއަންއާއެކު ވެވުނު އެއްބަސްވުމަކީ ހައްޖަށްދާ ފަރާތަކުން ދައްކާ ފައިސާ މަދު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ހައްޖަށް ދަތުރުކުރާ ހާޖީންގެ 50 ޕަސެންޓު ހާޖީން އުފުލާނީ މޯލްޑިވިއަންއިންނެވެ. އަނެއް 50 ޕަސެންޓު އުފުލުމަށް ހަމަޖެހިފައި ވަނީ ސައުދީގެ ގައުމީ އެއާލައިނުންނެވެ.
މީގެ ކުރިން ހައްޖުވެރިން މައްކާއަށް ކޮންމެ އަހަރަކު ވެސް ގެންދަނީ ބޭރު އެއާލައިންގެ ފްލައިޓްތައް ޗާޓަރުކޮށްގެނެވެ. ނަމަވެސް މިއަހަރަކީ ދިވެހި ގައުމީ އެއާލައިނުގައި ދިވެހިން ހައްޖަށް ދާ ފުރަތަމަ ފަަހަރެވެ.