އިސްލާމީ މަރުކަޒުގައި މި އަހަރުގެ ރޯދަމަހު އިމާމުވެ ތަރާވީސް ކުރާނީ ޒުވާން ޚަތީބުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގައި މި އަހަރު އިމާމުވެ ތަރާވީސް ކުރައްވާނީ 4 ޒުވާން ޚަތީބުން ހިމެނޭ ޓީމަކުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިހް އަލްހާފިޒު ސަލްމާން މުހައްމަދު ލަތީފް، އަލްހާފިޒް އުވައިސް ބިން އިނާޒް، އަލްހާފިޒް ހިޟްރު ބިން އިމާދުގެ އިތުރުން އައްޝައިހު އަލްހާފިޒް ސުލްތާން މުހައްމަދު ލަތީފްއެވެ.
ސުލްތާން މުހައްމަދު ލަތީފް ޓީމާ ގުޅޭނީ ރޯދަ މަހުގެ ފަހު ދިހައިގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ފަހު ދިހައިގައި އިމާމުވެ ދަމު ނަމާދު ކުރައްވާނީ އައްޝައިހް އަލްހާފިޒު ސަލްމާން މުހައްމަދު ލަތީފް އަދި އައްޝައިހް އަލްހާފިޒު ސުލްތާން މުހައްމަދު ލަތީފް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އަމާޒަކީ މުސްތަގުބަލަށް މި ގައުމު ފަހުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަހުސިއްޔަތުތަކެއް ނެރުން ކަމަށެވެ.
ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއިން ވަނީ ގައުމީ މަޝްރޫއެއް ފަށާފައެވެ. އަދި މި މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ޚަތީބުންނާއި އިމާމުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.