ހައްޖުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި ދައުރުގެ ތެރޭގައި ހައްޖަށް ދިއުމުގެ ހަރަދުތައް ކުޑަ ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް"ގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އަދި ރައީސްގެ އިރުޝާދުފުޅާއެކު ހައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ އެކަމަށް އެކަށީގެންވާ ހެޔޮ ބަދަލެއް އަންނާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރާއްޖޭގައި ހައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތަކާއި ހަވާލުވެ އޮތް ހައްޖު ކޯޕަރޭޝަނުގެ ކިއުގައި 9000 މީހުން ތިބިއިރު، މިކަމުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލުވެސް ވަނީ ދެއްވާފައެވެ.

އެގޮތުން އަލަށް ހައްޖަށް ދާ މީހުންނަށް މި އަހަރުން ފެށިގެން އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރުން ހިމެނާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކެބިނެޓުގައި މަޝްވަރާ ކުރެވުނު ގޮތުގެ މަތީން ރައީސް މުއިއްޒު ވަނީ ހައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލަށް ހަތަރު ބަދަލެއް ގެނައުމަށް ކަނޑައަޅުއްވާފައި ކަމަށެވެ.