އިންޑިއާއަކީ އަބަދުވެސް އަސްކަރީ ދާއިރާއިން ރާއްޖެއާއެކު ވަރަށް ގާތް ގުޅުމެއް ބައްވާ ގައުމެއްކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް މުއާޒް ހަލީމް ވިދާޅުވެއްޖެއެވެ.

'އެރޯ އިންޑިއާ އެގްޒިބިޝަން 2025' ގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަމުން މުއާޒު ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހައާއި ސަލާމަތީ ކަންކަން ހާސިލުކުރުމުގައި ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

އިންޑިއާއިން ރާއްޖޭގެ ސަލާމީ ކަންކަމާއި، ކާރިސާތަކުން ރައްކާތެރިވުމުގައި ދޭ އެހީތެރިކަން ފާހަގަކޮށް މުއާޒު ވަނީ އިންޑިއާއިން މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ އަހަމިއްޔާތަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތަށް މުހިއްމު ކަމެއްކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖެއިން އަބަދުވެސް އިންޑިއާއިން ބާއްވާ ގާތް ގުޅުމުގެ އަގު ވަޒަންކުރާކަން ފާހަގަކޮށް މުއާޒު ވަނީ އެރޯ އިންޑިއާ 2025 މައުރަޒުގެ ފުރިހަމަ އިންތިޒާމުތަކަށް ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުން މުއާޒް ވަނީ 'ޑިފެންސް މިނިސްޓާސް' ކޮންކްލޭވް - ބިލްޑިން ރެސިލިއެންސް ތްރޫ އިންޓަނޭޝަނަލް ޑިފެންސް އެންޑް ގްލޯބަލް އެންގޭޖްމަންޓްސް' (ބްރިޖް) ގައި ބައިވެރިވެވަޑައިގެންނެފައެވެ.

އިންޑިއާގެ އެންމެ ބޮޑު އެއާޝޯ އާއި އޭވިއޭޝަން މައުރަޒު ކަމަށްވާ އެއާރޯ އިންޑިއާ 2025 ރަސްމީކޮށް ފަށާފައިވާއިރު، ފެބްރުއަރީ 14ގެ ނިޔަލަށް މި އެގްޒިބިޝަންގެ އެކިއެކި ހަރަކާތްތައް އިންޑިއާގެ ބެންގަލޫރުގެ ޔެލަހަންކާ އެއާފޯސް ސްޓޭޝަންގައި ކުރިއަށް ގެންދާނެއެވެ. މި ހަރަކާތުގައި އެމެރިކާއާއި އެހެނިހެން ގިނަ ގައުމުތަކުން ވައިގެ މުވައްޒަފުންނާއި ސްޓޭޓިކް ޑިސްޕްލޭތަކެއް ހިމެނޭއިރު މި ހަރަކާތުގައި އެމެރިކާގެ އެއާފޯސް މަތިންދާބޯޓުތައް ބައިވެރިވާނެއެވެ.