ދިވެއްސަކަށްވީތީ އަހަރެންވެސް ފަހުރުވެރިވާއިރު އެންމެ ހިތްހަމަޖެހުން ލިބެނީ ދިވެހިންގެ ތެރޭގައިވެސް ހުނަރުވެރި ޒުވާނުން އުޅޭކަން އެނގި އެމީހުންގެ މަސައްކަތްތައް ފެނުމުންނެވެ. ތަފާތު އެކި އެކި ދާއިރާގައި ޒުވާނުންގެ ކުޅަދާނަކަން ފެނުމަކީ ލޭ ހިނގާ ކޮންމެ ދިވެއްސަކުވެސް އުފާކުރަންޖެހޭނެ ކަމެކެވެ. އަދުގެ ޖީލުގައި މިފަދަ ބޭނުންތެރި ޒުވާނުންގެ ސަބަބުން ގައުމުގެ މުސްތަގްބަލް އުޖާލާވުމަކީ ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.

މި ލިޔުމުގައި ވެސް ގެނެސްދޭން މިއުޅެނީ އެފަދަ ދިވެހި ދަރިއެއްގެ ވާހަކައެވެ. ހުނަރުވެރި އަދި އަރަމުން އަންނަ ޒުވާނެއްގެ ވާހަކައެވެ. އެގޮތުން ކ. ދިއްފުށްޓަށް އުފަން އަހުމަދު ނާޝިޒް، 27އ އަކީ އެންމެ ކަމަކަށް ހުނެރުވެރިއެކޭ ބުނެފި ނަމަ އެއީ ވެވޭ ބޭ އިންސާފެކެވެ. އޭގެ ބަދަލުގައި އޭނާ އަކީ ގްރެފިކް ޑިޒައިނިން އާއި، ފްރީލާންސާއެއްގެ އިތުރުން ކޮންޓެންޓް ކްރިއޭޓް ކުރުމުގެ ހުނަރުތަކުން އާންމުން އާޝޯހު ކުރުވަމުން އަންނަ ތަރިއެކެވެ. ރަށުގައި ތައުލީމް ހާސިލްކޮށް ގްރޭޑް 10 ނިންމުމަށްފަހު 2015 ވަނަ އަހަރު ވެރި ރަށް މާލެއަށް ދިރިއުޅުން ބަދަލުކުރި ނާޝިޒް އާންމުންނަށް ތައާރަފް ވެގެންދިޔައީ މިހާރަކަށް އައިސް ގިނަބަޔަކު އެންމެ ގަޔާވާ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކް އިންނެވެ.

އެންމެ ކުޑައިރުއްސުރެވެސް އަތުކުރެހުމަށް ލޯބި ކުރި ނާޝިޒް، ރަށުން ސާނަވީ ތައުލީމް ނިންމާލުމަށްފަހު މާލެއަށް ބަދަލުވެ ފުރަތަމަ ވެސް ވަޒީފާ އަދާ ކުރަން ފެށީ ޕްރިންޓިންގެ ހިދުމަތް ދެމުންދިޔަ ތަނެއްގައެވެ. އެތަނުން ކޮރެލްޑްރޯ ފަދަ ސޮފްޓްވެއާ ތަކަށް ބޮޑަށް އަހުލުވެރިވި ނަމަވެސް ސްކޫލް ދައުރުން ފެށިގެން ނާޝިޒް ދިޔައީ އެކި ކަހަލަ ސޮފްޓްވެއާތައް ބޭނުން ކުރަމުންނެވެ. މީގެ އިތުރުންވެސް ނާޝިޒް ވަނީ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އެޑިޝަނަލް ކޯޑިނޭޓަރުގެ މަގާމުގެ އިތުރުން ޕްރައިވެޓް ސެކްޓާ އޮފީސް ތަކުގައިވެސް ވަޒީފާ އަދާކޮށްފައެވެ. އަދި ހަމައެހެންމެ އެމްއައި ކޮލެޖުގައި ޕާޓް ޓައިމް ލެކްޗަރާއެއްގެ އިތުރުން ކަލާލޭންޑް އަދި 'ރެޑް ކްރިއެޓިކް' ގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައި ވެއެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ ނާޝިޒް މިހާރު އަދާ ކުރަމުންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ގްރެފިކްސް ޑިޒައިނަރެއްގެ މަގާމެވެ.

ލ. ފޮނަދޫ ސްކޫލް ކުދިންގެ ގްރެޖުއޭޝަންގެ ތެރެއިން ނާޝިޒް

ގްރެފިކް ޑިޒައިނިން އަށް ވަދެވުނީ ކިހިނެއް؟

ނާޝިޒް ކިޔާދިން ގޮތުގައި ގްރެފިކް ޑިޒައިނިން އަކީ ކުރިން އޭނާ އެހާ ޝައުގުވެރިކަން ހުރި ދާއިރާއެއް ނޫނެވެ. ނަމަވެސް ސްކޫލު ދައުރުގައި ހެދި ނަންކޮޅަކީ ގްރެފިކް ޑިޒައިނިންއަށް ފެށި ދަތުރު ކަމަށް އޭނާ ކިޔާދިނެވެ.

"ގްރޭޑް ނުވައެއް ނޫނީ ދިހައެއްގައި، އަޅުގަނޑު މާބޮޑަކަށް ހަނދާނެއް ނެތް، އެ ނަން ކޮޅު ހެދީ އެމެރިކާ ޑޮލަރެއް ނަގާފައި އޭގައި އިންނަ 'ބޯ' ބަދަލު ކޮށްލީ އަޅުގަނޑުގެ ބޮލަށް. އެ ނަންކޮޅު ވެގެންދިޔައީ ވަރަށް ޕޮޕިއުލާ [މަގްބޫލުވި] ނަންކޮޅަކަށް. ދެން އެ ހިސާބުން އިނގިއްޖެ މިއީ ކުރެވިދާނެ ކަމެއްކަން." ނާޝިޒް ކިޔާދިނެވެ. ސަކަރާތަކަށް އެކަން ކުރި ނަމަވެސް އޭނާގެ މަސައްކަތް ބަލައިގަނެ، އޭނާގެ ހުނަރަށް އާންމުން ތައުރީފް ކުރުމަކީ ނާޝިޒް މި ދާއިރާއަށް ލޯބި ޖެހުނު ގޮތެވެ.

ސޯޝަލް މީޑިއާގައި އާންމުން ހޭލުންތެރި ކުރުވުމަށް ވީޑިއޯ ހަދަން ބާރު އެޅީ އަންހެނުން!

މީގެ ތިން އަހަރު ކުރިން 300 އެއްހާ ލައިކްސްއާއެކު ފޭސްބުކް ޕޭޖެއް ގެންގުޅުނު ނަމަވެސް ޓިކްޓޮކް ފަދަ ކުދި ރީލްސް ހެދޭ އަދި އާންމުންގެ މެދުގައި މިހާ މަގްބޫލު ޕްލެޓްފޯމަކަށް ވަދެވުނީ އެކަމަށް އަންހެނުން ބާރު އެޅުމުން ކަމަށް ނާޝިޒް ބުންޏެވެ. އެތައް ފަހަރަކުވެސް އަންހެނުން ދިން މި ހިޔާލަށް އެހާ ޝައުގުވެރިކަމެއް ނުދީ ހުރުމަށްފަހު ޓިކްޓޮކް އަށް އޭނާގެ ފުރަތަމަ ރީލް ދޫކޮށްލީ ނިމިދިޔަ 2024 ވަނަ އަހަރުގެ މެއި މަހުއެވެ. މިފަދަ ޕްލެޓްފޯމަކަށް ވީޑިއޯ ޕޯސްޓު ކުރުމަށް ނާޝިޒް ފަސް ޖެހުނު ކަމަކީ އެ ބަލާނެ މީހަކު ނުވެދާނެ ކަމުގެ ބިރާއެކުއެވެ. ނަމަވެސް އުންމީދު ކުރި ގޮތާ ހިލާފަށް ފުރަތަމަ ވީޑިއޯއަށް ވެސް 36،000 ވިއުސް ލިބުން ވެގެންދިޔައީ މިކަމަށް އިތުރު ހިތްވަރަކާއި ޝައުގެއް އުފެދިގެން ދިޔަ ކަމެއް ކަމަށް ނާޝިޒް ބުންޏެވެ.

"އެންމެ ފުރަތަމަ ވީޑިއޯ އަކީ އޭރު އަޅުގަނޑު ދިޔައީ އެމްއައި ކޮލެޖުގެ ޕާޓް ޓައިމް ލެކްޗަރާއަކަށް، އޭރަކީ އަނެއްހެން ބުނާނަމަ ކިޔަވާ ދިނުމުގެ ފީލްޑަށް ވަރަށް އާ ދުވަސްވަރެއް. އެހިސާބުން ހިތައް އެރީ މީގެން އެތިކޮޅެއް [ކިޔަވާދިނުމުގައި ބޭނުން ކުރާ ބައެއް ޓޮޕިކްސްތައް] ނަގާފަ ވެއްޖެއޭ އެންމެ ޕީސް [ވީޑިއޯ] އެއް ޕަބްލިކަށް ދޫކޮށްލަން" އެންމެ ފުރަތަމަ ވީޑިއޯ ހެދި ގޮތް ހިއްސާ ކުރަމުން ނާޝިޒް ބުންޏެވެ.

ނާޝިޒްގެ އެންމެ ބޮޑު އުންމީދަކީ އާންމުން ހޭލުންތެރި ކުރުވުމަށް ހަދަމުންދާ މި ވީޑިއޯތައް ގިނަ ބަޔަކަށް ފެންނަ ގޮތަށް ހެދުމެވެ. އެއާއެކު ޓިކްޓޮކްގެ އިތުރުން މި ވީޑިއޯތައް އޭނާ ދަނީ ޔޫޓިއުބް އެކައުންޓުގައި ވެސް ހިއްސާ ކުރަމުންނެވެ. ނަމަވެސް ޒުވާން އުމުރުފުރާގެ މީހުން ޔޫޓިއުބު ބޭނުން ކުރުން މަދުވުމަކީ ނާޝިޒްގެ ކަންބޮޑުވުމެކެވެ. އޭނާ ބުނާ ގޮތުން ނަމަ ރާއްޖޭގައި އާންމު ގޮތެއްގައި މިހާރު ޔޫޓިއުބް ބަލަމުން ދަނީ މެދު އުމުރު މީހުންނެވެ. އަދި އެއީ ނިސްބަތުން ބަލާ ނަމަ ވަރަށް ކުޑަ މިންވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގައި ނާޝިޒް މަސައްކަތް ކުރި ދުވަސް ވަރު އިންޓަވިއުއެއް ދެނީ

މީގެ އިތުރުންވެސް ނާޝިޒް ދަނީ އޮންލައިން ކޯސްތަކާއި އަމިއްލަ ވިޔަފާރީގެ އިތުރުން އެކި ޕްރޮޖެކްޓުތައްވެސް ހިންގަމުން!

ނާޝިޒް ދަނީ އޭނާއަށް ލިބިފައިވާ ހުނަރުގެ އިތުރުން ވެސް އެހެން މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އޭނާ އަށް ލިބިފައިވާ ހުނަރު އެހެން މީހުންނަށް އުގަންނާ ދިނުމަށް ގްރެފިކް ޑިޒައިނިން އާ ގުޅޭ އެކި ކޯސްތައް ހިންގަމުންދެއެވެ. އެ ކޯސްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށް އޭނާ ބުނީ، ކޯހަށް ފުރުސަތު ހުޅުވާ ނުލާ ގިނަ ދުވަސް ފާއިތުވުމުންވެސް ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. ތިމާއަށް އެނގިފައިވާ އެއްޗެއް އެހެން މީހުންނަށް އުނގަންނާ ދިނުމަކީ ލިބޭ އުފަލެއްކަން ފާހަގަކޮށް ނާޝިޒް ބުނީ، ރޯދައިގެ ފަހުން ވެސް ކޯސްތަކަށް ހުޅުވާލާނެ ކަމަށެވެ. އަދި ހަމައެހެންމެ ކޯސްތައް ފުޅާ ކުރުމަކީވެސް އޭނާ މި ދާއިރާގައި ދެކެން ބޭނުންވާ އެއް ދުވަހެވެ.

"ބެޗް ފެށުމަށް އަނެއްހެން އެއްވެސް ދަތިކަމެއް ނާދޭ. ގިނަ ފަހަރު ތިބެނީ ހަމަ ހުޅުވާނުލައިގެން. އަޅުގަނޑު މީތި [ކޯސްތައް] ފުޅާ ކުރުމަށް ވިސްނަން. އެކަމަކު ފުޅާ ކުރެވޭނީ މިސާލަކަށް އަޅުގަނޑުގެ ދާއިރާއަކީ މަލްޓި މީޑިއާ ނަމަވެސް ވިސްނުން ހުރީ އެފިލިއޭޓެޑް [އެހެން ދާއިރާތަކުގެ މީހުންނާ ގުޅިގެން] އެކަހަލަ ގޮތަކަށް. މިސާލަކަށް ފޮޓޯގްރަފީގެ ދާއިރާގެ މީހަކަށް ވެއްޖެޔާ އެ މީހަކަށް ބެޗު ފެށޭނެ ގޮތަކަށް އިތުރު ބަޔަކާ ގުޅިގެން މިކަން ކުރުމުގެ ވިސްނުން އެބަހުރި" ނާޝިޒް ބުންޏެވެ.

ކޯސްތަކުގެ އިތުރުން އޭނާ ދަނީ "އީ-ބަކެޓް" ގެ ނަމުގައި އޮންލައިން ވިޔަފާރިއެއް ވެސް ހިންގަމުންނެވެ. ނާޝިޒް ބުނި ގޮތުގައި ވިޔަފާރި ފެށީ ކައިވެނި ކުރަން ފައިސާ އެއްކުރުމަށެވެ. 'އަލީ އެކްސްޕްރެސް' އިން ދެ ދަބަސް ގެނެސްގެން ފެށި އެ ވިޔަފާރި އެއީ ފައިދާ ބޮޑު ވެދާނެ ވިޔަފާރިއެއް ކަމަށް އޭނާ އުންމީދެއް ނުކުރެއެވެ. ނަމަވެސް އެ ދެ ދަބަސް ވިއްކައިގެން ލިބުނު ފައިސާއިން އިތުރު މުދާ ގެނެސް ވިޔަފާރި ފުޅާކޮށް ކައިވެންޏާ ހަމައަށް 85،000 ރުފިޔާ ލިބިގެން ދިޔުމަކީ ނާޝިޒް އެ ވިޔަފާރީގައި ދެމި ހުރުމަށް ލިބުނު އެންމެ ބޮޑު އެއް ހިތްވަރެވެ. މިހާރު އެ ވިޔަފާރިއަކީ ބޫޓާއި އިލެކްޓްރޯނިކް އެކި ސާމާނުގެ އިތުރުން ވޮލެޓާއި އެކި ޒާތް ޒާތުގެ އެއްޗެހި ވިއްކަމުންދާ ކާމިޔާބު ވިޔަފާރިއެކެވެ. އަދި މި ކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އޭނާގެ އަންހެނުންގެ ފަރާތުން ކަމަށް ނާޝިޒް ފާހަގަ ކުރިއެވެ.

ނާޝިޒް ކޮށްފައިވާ ބައެއް މަސައްކަތްތައް

މިކަންކަން ކުރުމުގެ އިތުރުންވެސް ނާޝިޒް ކުރާ ހިތުން ކުރާ އަނެއް ކަމަކީ އެކި ރަށްރަށުގެ އާބަން ޕްރޮޖެކްޓުތައް ނަގައިގެން ޑިޒައިން ކުރުމެވެ. އެގޮތުން ކޮށްފައިވާ ބައެއް މަސައްކަތްތަކަކީ މ. ވޭވަށް، ލ. ހިތަދޫ، މ. މުލަށް، މ. ދިއްގަރުގައި އޭނާ ކޮށްފައިވާ މަސައްކަތްތައް ކަމަށް ނާޝިޒް ބުންޏެވެ. އަދި ހަމައެހެންމެ ފުވައްމުލަކުގެ ސިޓީ ޑިވެލޮޕްމަންޓުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި އާޓް ސްކޫލުގެ ކޮންސެޕްޓު ހެދީވެސް ނާޝިޒް ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކޮވިޑާއެކު ފަރުމަހަށް ދާން ޖެހުމަކީ ނާޝިޒްއަށް މިދާއިރާގައި ކުރިމަތިވި އެންމެ ބޮޑު އަޑި ގުޑަން!

ކޮންމެ ދާއިރާއެއްގައި ވެސް އަޑި ގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން ފާހަގަކޮށް ނާޝިޒް ބުނީ ކޮވިޑަކީ ހަޔާތުގެ އިތުރުން މި ދާއިރާގައި ވެސް އޭނާ ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އަޑިގަނޑު ކަމަށެވެ. ގްރެފިކް ޑިޒައިނަރުންނާއި ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވި އެ އަނދަވަޅުގައި ނާޝިޒްވެސް ޖެހި އެންމެ ފަހުން ބަދަލުވީ އުފަން ރަށް ކަމަށްވާ ކ. ދިއްފުށްޓަށެވެ. އަދި އެ ދުވަސްވަރު ކުރިހާ ވެސް މަސައްކަތަކީ ފަރުމަހަށް ދިއުން ކަމަށް އޭނާ ކިޔާދިނެވެ. ބައްޕައަކީ ވެސް މަސްވެރިއެއްކަން ފާހަގަކޮށް ނާޝިޒް ބުނީ އެ ދުވަސްވަރުވެސް އާމްދަނީ ހޯދުމަށް މަސް ވެރިކަން ކުރުމުގެ މަގުފަހި ކޮށްދިނީ ބައްޕަ ކަމަށެވެ.

ހަމަ އެހެންމެ މަސްވެރި ކަމަކީ ކުރިންވެސް ކުރާ ހިތްވާ މަސައްކަތެއް ކަމަށާއި މިހާރު ރަށަކަށް ދެވުނަސް މަހަށް ފުރޭނެ ގޮތެއް އޮތްތޯ ބެލުމަކީ އޭނާގެ އާދައެއް ކަމަށް ނާޝިޒް ބުންޏެވެ.

"ކޮވިޑްގައި ޖޮބްލެސް ވެގެން މަހަށް ދާން ޖެހުނީ، ފަރުމަހަށް ދިޔައީ. އޭރުގައި ރާއްޖޭގެ އިގްތިސޯދަށް ވާނީ ކިހިނެއްކަންވެސް ބުނަން ނޭނގޭ ދަނޑިވަޅެއް އެއީ. އަދި އޭރު ވިސްނިފައި ހުރީވެސް ކުރިއަށް އޮތް 6 ވަރަކަށް އަަހަރުވެސް ހަމަ މިހެން އުޅެން ޖެހިދާނެއޭ. އަދި އެ ކެރިއާ ނިމުނީއޭ" ނާޝިޒް ބުންޏެވެ.

އެ މާޔޫސްކަން މަތީ ހުއްޓާ ނާޝިޒް އަށް މެދުވެރިވީ މާ ރަނގަޅު ގޮތެކެވެ. އޭނާ ބުނި ގޮތުގައި އަނެއްކާވެސް ދިމާވީ 'ރެޑް ކްރިއެޓިކް' ކިޔާ ޕްރިންޓިންގެ ހިދުމަތް ދެމުންދިޔަ ތަނަކަށް ޕްރޮޑަކްޝަންގެ މަގާމަށް މީހަކު ހޯދަމުންދިޔަ ތަނެވެ. އެ ވަޒީފާ ލިބުމާއެކު އަނބުރާ މާލެ އައިސް އެ ތަނުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު އަނެއްކާވެސް ބަދަލުވީ 'ކަލަ ލޭންޑް' އަށް ކަމަށް އޭނާ ކިޔާދިނެވެ. ނާޝިޒް ފާހަގަ ކުރި ގޮތުގައި ކަލަ ލޭންޑަކީ އޭނާ މިހާރު މި މަސައްކަތް ކުރާ ދާއިރާގައި ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދިޔަ ތަނެކެވެ.

ވަރަށް ގިނަ ކުންފުނިތަކެއްގައި މަސައްކަތް ކުރިކަން ފާހަގަކޮށް ނާޝިޒް ބުނީ ކަލަ ލޭންޑް ތަފާތުވާ ސަބަބަކީ ތަފާތު ގޮތް ގޮތަށް ގިނަ މީހުންތަކަކަށް އެ ހިދުމަތް ދިނުމުގެ ފުރުސަތު ލިބިގެންދިޔުމެވެ. އަދި އޭގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އެތައް ގުނައަކަށް އިތުރުވެ މި ދާއިރާއިން ކުރިއަށް ދިއުމަށް އާ ހިތްވަރެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.

ނާޝިޒް 'ދަ ޕްރެސް' އަށް އިންޓަވިއު ދެނީ، އޭނާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސޯޝަލް މީޑިއާ މަނިޓައިޒް ނުކުރެވުން

ދާއިރާގައި ހުރި ގޮންޖެހުންތަކަކީ ކޮބާ؟

ގްރެފިކް ޑިޒައިނަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަކީ ރާއްޖޭގައި ވެސް އިތުރުވަމުންދާ ބައެއްކަން ފާހަގަކޮށް ނާޝިޒް ތަކުރާރުކޮށް އިންޓަވިއުގައި ފާހަގަ ކުރި އެއް ކަމަކީ ދާއިރާގައި ކުރާ ބުރަ މަސައްކަތުގެ އަގު ނުލިބުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން ހަދާ ވީޑިއޯ އިން އެމީހުން އާމްދަނީ ހޯދާއިރު ދިވެހީންނަށް އެ ދޮރުތައް ބަންދު ވެފައި ހުރުމަކީ ނާޝިޒްގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.

އަދި ހަމައެހެންމެ ރާއްޖޭގައި ކިތަންމެ މޮޅު ޑިޒައިނަރުން ތިބި ނަމަވެސް ސަރުކާރުންނާއި އާންމުންވެސް މިފަދަ އާޓިސްޓުންނަށް ވަކި ވަކި ފުރުސަތު ނުދިނުމަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ނާޝިޒް ފާހަގަ ކުރިއެވެ. އެގޮތުން ކިތޭ މަތީ ފާހެއް އޮތް މީހެއް ނަމަވެސް ވަޒީފާއެއް ނުވަތަ އެ ރޮނގަކުން ކުރިއަށްދިއުމުގެ ފުރުސަތު ނުލިބި ހުރުމަކީ މިފަދަ ކަންކަމަކަށް މީހުން ހުންނަ ޝައުގު ނެތިދާ ސަބަބެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ނާޝިޒް އެންމެ ދެކެން ބޭނުންވަނީ، ރާއްޖެއިން ބޭރަށް އޭނާގެ މަސައްކަތްތައް ފުޅާ ކުރުން!

ގްރެފިކް ޑިޒައިނިންގެ ދާއިރާއިން ދެވޭ އެންމެ ކުރިއަކަށް ދާން އަތުކުރި އޮޅާލައިގެން ހުރި ނާޝިޒް މިދާއިރާއިން އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ރާއްޖެއިން ބޭރު ގައުމެއްގެ ޕްރޮޖެކްޓެއް ލިބި އޭގެ މަސައްކަތް ކުރެވޭނެ ދުވަހެކެވެ. އެއީ ވަރަށް އުފާވާނެ ދުވަހެއްކަން ފާހަގަކޮށް ނާޝިޒް ބުނީ ދުނިޔޭގެ މަޝްހޫރު އެކި ކުންފުނިތަކާއެކު މަސައްކަތް ކުރަން ލިބުމަކީވެސް ވަރަށް އުންމީދު ކުރާ ދުވަހެއް ކަމަށެވެ.

ދުނިޔޭގެ ކަޅިތައްވެސް އެ ވީޑިއޯއަކަށް ހުއްޓުނު 'ލަމީން ޔަމާލް'ގެ ވީޑިއޯ ހެދުމުގެ ހިޔާލު ނާޝިޒްއަށް ލިބުނީ ނިދަން އޮއްވާ!

ރާއްޖެ އާއި ދުނިޔޭގެ ވެސް ގިނަބައެއްގެ ކަޅި ހުއްޓިގެންދިޔަ، މަގްބޫލު ފުޓްބޯޅަ ކުޅުންތެރިޔާ 'ލަމީން ޔަމާލް'ގެ ވީޑިއޯއަކީ ނާޝިޒް މިހާތަނަށް ކޮންޓެންޓް ކްރިއޭޓް ކުރުމުގެ ދާއިރާއިން އޭނާއަށް ކުރެވުނު އެންމެ ހިތް ހަމަޖެހޭ އެއް މަސައްކަތް ކަމަށް އޭނާ ބުންޏެވެ. ރިއާލް މެޑްރިޑާއި ބާސެލޯނާ ކުޅުން މެޗަށްފަހު ޔަމާލްގެ ހަރަކާތްތައް ދުނިޔޭގެ ޓްރެންޑެކަށް ވެގެން ދިޔަ އެ ވީޑިއޯ ހެދިއިރު އެފްރިކާ ބައްރުގެ މީހުން ދައްކުވައިދިން ސަބަބެއްގެ ގޮތުގައި ނާޝިޒް ފާހަގަ ކުރީ އެ މީހުންނަކީ ވަރަށް ނެށުމަށް ލޯބި ކުރާ ބަޔަކަށް ވުމެވެ.

ނާޝިޒް ތައްޔާރު ކުރި އޭއައި ވީޑިއޯގެ ސްކްރީން ގްރެބެއް، މި ވީޑިއޯއަށް 20.5 މިލިއަން ވިއުސް ލިބުނު

20.5 މިލިއަން ވިއުސް އާއި 1.5 މިލިއަން ލައިކްސް ލިބުނު މި ވީޑިއޯގެ ސަބަބުން ގިނަ ފޮލޯވަރުންވެސް ލިބުނުކަން ފާހަގަކޮށް ނާޝިޒް ބުނީ އެފަދަ އޭއައި ވީޑިއޯތައް އޭގެ ފަހުން ވެސް ހަދާފައި ހުންނާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރަކަށް މިހާތަނަށް ހޯދިފައި ނުވާފަދަ ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށް ނާޝިޒް ބުނީ އެފަދަ ބޮޑު މަގްބޫލު ކަމެއް އެ ވީޑިއޯއަށް ލިބިދާނެ ކަމަށް އެއްވެސް ވަރަކަށް އުންމީދުވެސް ނުކުރާ ކަމަށެވެ.

"އެއީ ބާސެލޯނާ އާއި ރިއާލް މެޑްރިޑް ކުޅުނު މެޗެއް. އެ ސެލެބްރޭޝަންގެ ތެރޭގައި ލަމީން ޔަމާލްގެ ހަރަކާތްތައް ވައިގަ ހިފާލި. އެރޭ ނިދަން އަރާފައި އޮތްވާ އައި ހިޔާލެއް އެއީ ހަމަ. އެ ވީޑިއޯ ނަގާފައި ހެދި ގޮތަކީ އޭއައި ކޮށް ހަދާފަ އަޕްލޯޑް ކޮށްލީ. އަޕްލޯޑް ކޮށްފަ ނިދުމާ ހަމައަށް ލިބުނީ ގާތްގަނޑަކަށް 200 ވިއުސް. ހިތަށް އެރީ ދެން ބައިންދާލާނީއޭ ޑިލީޓް އެއް ނުކުރާނަމޭ. އަނެއް ދުވަހު ހޭލި އިރު ހަމަ ޝޮކްއެއް ލިބުނީ. މޯ ދެން 50،000 ވިއުސް ލިބިފައިން. ދެން އެ ޕޯސްޓު އެ ޓްރެންޑުގެ ދުނިޔޭގެ އެއްވަނަ އަށް އެރި." ހިޔާލި އައި ގޮތް ހިއްސާ ކުރަމުން ނާޝިޒް ކިޔާދިނެވެ.

ޑިޕްލޮމާ ނިންމާލުމަށްފަހު ނާޝިޒް އޭނާގެ ފަހުރުވެރި ސެޓްފިކެޓްއާއި ހަވާލުވަނީ

ކިޔަވާދިން ދަރިވަރަކާއެކު އުފެދުނު ލޯބީގެ ގުޅުން ޒަވާޖީ ހަޔާތައް ބަދުލިވިގޮތް!

ނާޝިޒް ކައިވެނީގެ ގޮތުން ގުޅިގެން އުޅޭނީވެސް އެހާމެ ހުނަރުވެރި ބައިވެރިޔާއަކާއެވެ. އެގޮތުން ށ. މިލަންދޫއަށް އުފަން ޝާނީ އަކީ ވެސް އާޓްގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހެއްގެ އިތުރުން ފޮޓޯ ގްރާފަރެއް ވެސް މެއެވެ. ދެ މީހުން ދިމާވި ގޮތް ހިއްސާ ކުރަމުން ޝާނީ ބުނީ، ފުރަތަމަ ވެސް ނާޝިޒް އާއި ދިމާވީ 2016 ވަނަ އަހަރު އުފަން ރަށުގައި އާޓް ކޯހެއް ކުރިއަށް ދިޔައިރު ކަމަށާއި އޭރު ނާޝިޒް އެރަށަށް ދިޔައީ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސްގައި އުޅުން ދުވަސްވަރު އެތަނުގެ ފަރާތުން ކޯހެއް ނަގާދިނުމަށް ކަމަށެވެ.

އޭރު އެހާ ބޮޑު ސަމާލުކަމެއް ނާޝިޒް އަށް ނުދިން ނަމަވެސް ސްކޫލް ނިންމުމަށްފަހު މާލެ ބަދަލުވެ އެމްއެންޔޫގައި އެންޑްވާންސްޑް ވިޝުއަލް އާޓްސް ކިޔެވި ދުވަސް ވަރު އަނެއްކާވެސް ގްރެފިކްސްގެ ބައި ކިޔަވާ ދިނުމަށް ނާޝިޒް އައުމަކީ ދެ މީހުންގެ ގުޅުމުގެ ފެށުން ކަމަށް ޝާނީ ކިޔާދިނެވެ. އެއީ އެ ދުވަސްވަރުގެ ޓީޗަރު ނަމަވެސް ރަހުމަތްތެރި ގުޅުމެއް އުފެދި ވަރަށް ގިނައިން ވާހަކަ ދެއްކި ކަމަށް ޝާނީ ބުންޏެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިވެ ކައިވެންޏާ ހަމައަށް ދިޔަ ނަމަވެސް ދެމީހުން ރައްޓެހި ވެގެން ނޫޅޭ ކަމަށާއި އުމުރުން އެންމެ 19 އަހަރުގައި ކައިވެންޏާ ހަމައަށް ދާން ނިންމީ ނާޝިޒް އަކީ ހަޔާތުގެ ދަތުރެއް ފަށަން އެންމެ 'ޕާފެކްޓް' މީހާ ކަމަށް އަމިއްލަ އަށް ގަބޫލު ކުރެވިގެން ކަމަށް އޭނާ ކިޔާދިނެވެ.

"ފުރަތަމަ ދެމީހުން ފްރެންޑްސްވީ. ދެން ވާހަކަ ދައްކަ ދައްކާފައި އަނެއްހެން ރައްޓެއްސެން ނުވަން. ވަކި ހިސާބަކަށް ދިޔައިމި ދެން އިނގިއްޖެ [އޯކޭ ހީއިޒް މައި ލައިފް ޕާޓްނާކަން] ރައްޓެހިވާން ނުވެސް އަހާ މެރީ ކުރީ ކޮވިޑަށްފަހު 2022 ވަނަ އަަހަރު. އޭރު ޝާނީއަށް ވާނީ 19 އަަހަރު" ޝާނީ ކިޔާދިނެވެ.

ނާޝިޒް އާއި އޭނާގެ އަންހެނުން ޝާނީ، ޝާނީއަކީވެސް ހުނަރުން ފުރިގެންވާ ބައިވެރިއެއް

ފާޑު ކިޔުންތެރިންނަށް ނާޝިޒް ބުނީ "ކީޕް ކޮމެންޓިންގް"!

ކޮންމެ ކަމެއްގައި ވެސް ފާޑު ކިޔުން ހުންނާނެކަން ފާހަގަކޮށް ނާޝިޒް ބުނީ ބައެއް ފަހަރު ވަރަށް ހިތް މަރުވާ ކަހަލަ ކޮމެންޓުތައް ވެސް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެކަން ކަމަށް މާބޮޑު ސަމާލު ކަމެއް ނުދީ އަޅާ ނުލިޔަސް އެފަދަ ކޮމެންޓުތައް އެހެން މީހުންނަށްވެސް ފެންނާނެ ގޮތަށް ބަހައްޓާ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފަދަ ކޮމެންޓުތަކަކީ ގިނަ ފަހަރަށް އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ނާޝިޒް ފާހަގަކުރިއެވެ.

"ހުރިހާ ކޮމެންޓުތަކެއްވެސް ހަމަ ހުންނާނެ އެންމެންނަށްވެސް ފެންނަން. ޑިލީޓެއް ނުކުރަން. ދެން ހޭޓާސްއަށް ހަމަ ބުނެލާނީ ކީޕް ކޮމެންޓިންގް [ހަމަ ކޮމެންޓު ކުރަމުން ގެންދާށެވެ.]" ފާޑު ކިޔުންތަކާ ގުޅިގެން ނާޝިޒް ބުންޏެވެ.

މިހާ ހިސާބަށް އައުމުގެ ހުރިހާވެސް އުންމީދާއި ހިތްވަރަކީ މައިންބަފައިން އަދި ބޮޑުދައިތަ

ނާޝިޒް ބުނި ގޮތުގައި އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށް މަންމަ އާއި ބައްޕަގެ ފަރާތުން އޭނާއަށް ލިބެމުންދިޔައީ ހުއްޓުމެއް ނެތް އަޅާލުމާއި ލޯތްބެވެ. ދިރިއުޅުމުގައި ދިމާވި އެންމެ ބޮޑު އަޑި ގުޑަންގަނޑުގައި ވެސް ނާޝިޒްގެ އަތުގައި ހިފާ ކޮޅަށް ޖެހުމަށް އެ ދެ މީހުން ވެދިން ގުރުބާނީ އޭނާ ފާހަގަ ކުރީ ޝުކުރުވެރިކަމާއެކުއެވެ.

އަދި އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު ވެސް އެންމެ އިސްކަމެއް ދިނީ މަންމަ އާއި ބައްޕަ ކައިރިއަށް ގެނައުމަށް ކަމަށް ނާޝިޒް ބުންޏެވެ. އަދި އެ ދެ މީހުން ކައިރީގައި ތިބުމަކީ އަބަދުވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ނާޝިޒް ފާހަގަ ކުރިއެވެ.

އަދި ސްކޫލް ހަޔާތް ނިންމާލުމަށްފަހު މާލެ ބަދަލުވި ފަހުން ދިރިއުޅެމުންދިޔައީ ފަރީޝާއްތަ ކައިރިކަން ފާހަގަކޮށް ނާޝިޒް ބުނީ ބޮޑުދައިތަގެ ފަރާތުން ލިބުނު އެހީ އަކީ މިހާ ހިސާބަށް ވާސިލްވެވުނު އެއް ސަބަބެވެ. "ޑިޕްލޮމާ ކިޔެވި ދުވަސްވަރު ފަރީޝާއްތަގެ ފަރާތުން ވަރަށް ހިތްވަރު ލިބުނު، އަސްލު މާލޭގައި އުޅެން އަދި ގިނަ ބަޔަކާ އެއްކޮށް އުޅެން ދަސްކޮށްދިން މީހަކީ އެއީ. އަދި މިހާރުވެސް ވަރަށް ސަޕޯޓް ލިބޭ" ނާޝިޒް އޭނާގެ ފަރީޝައްތަ އަށް ތައުރީފްގެ ބަސްތައް އޮއްސާލަމުން ބުންޏެވެ.

ނާޝިޒް އޭނާގެ އަންހެނުން، މަންމަ އާއި ބައްޕަ އަދި އާއިލާގެ ބައެއް މީހުންނާއެކު

ތައުލީމީ ދާއިރާގައި އެންމެ ބޮޑު 'ރޯލް މޮޑެލް' އަކީ މާމަ، އެއީ ހަމަ އެއްވަނަ

މާމަ އާއި ކާފައަކީ އުފަން ރަށުގައި ތައުލީމީ ދާއިރާގެ ބިންގާ އަޅާދިން ފަރާތްކަން ފާހަގަކޮށް ނާޝިޒް ބުނީ، އެ ދެ މީހުންނަކީ ރަށުގައި އަންހެނުންގެ ކޮމިޓީ ކުރިއެރުވި ފަރާތްވެސް މެއެވެ. އަދި މާމަ އަބަދުވެސް ފާހަގަކޮށްލެވެނީ މުޖްތަމައުއަށް އެކި އެކި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއްކަމަށް އޭނާ ބުންޏެވެ.

މާމަ އާއި ކާފަ ދުނިޔޭގައި މިހާރު ނެތް ނަމަވެސް އެ ދެ މީހުން މި މުޖްތަމައުއަށް ކޮށްދިން ބުރަ މަސައްކަތާ މެދު ނާޝިޒް ވަރަށް އުފާ ކުރެއެވެ. އަދި ކިޔަވާ ދިނުމުގެ ކަންކަން ނާޝިޒް ކުރިއަށް ގެންދަނީ މާމަ މިސާލަކަށް ބަލައިގެން ކަމަށް އޭނާ ބުންޏެވެ. "ރަށުގައި ތައުލީމީ ބިންގާ އަޅާ ދިނީ މާމައާއި ކާފަ. އޭރު އެ ދެ މީހުން ރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީވެސް ކުރިއެރުވީ. މާމަ ނިޔާވީ 2023 ވަނަ އަހަރު، ކައިރީގައި ނެތީމަ ވަރަށް ދެރަވޭ" އެ ދެ މީހުންގެ ހަނދާންތައް އާ ކުރަމުން ނާޝިޒް ބުންޏެވެ.

ނާޝިޒް އާއި އޭނާގެ މާމަ، މާމައާއި މެދު އޭނާ ވަރަށް ފަހުރުވެރިވޭ

މީގެ އިތުރުންވެސް ހުރިހާ ކަމެއްގައި ވެސް އަންހެނުންގެ ކިބައިން ލިބެމުންދާ އެހީތެރިކަން ނާޝިޒް ތަކުރާރުކޮށް އިންޓަވިއުގައި ފާހަގަ ކުރިއެވެ. އެއީ އެންމެ ބޮޑު 'ސަޕޯޓް ސިސްޓަމް' ކަމަށާއި ކުރާ ކުދި ބޮޑު ހުރިހާ ކަމެއްގައި ވެސް އަންހެނުން ދޭ ހިތްވަރާއި އެހީތެރިކަން އޭނާ ފާހަގަކުރީ ޝުކުުރުވެރިވަމުންނެވެ. އަދި މަންމަ އާއި ބައްޕައަކީވެސް މިހާރު އާދެވިފައި ހުރި ކާމިޔާބީގެ ބޮޑު ހިއްސާ އެއް ކަމަށާއި އެ މީހުންނަކީ ވެސް މިހާ ހިސާބަށް ވާސިލް ވެވުމުގެ އެހީތެރިން ކަމަށް ނާޝިޒް ބުންޏެވެ.