އިމިގްރޭޝަން އިން ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންގައި އިއްޔެވެސް 3 ކެފޭއެއް ބަލާ ފާސްކޮށް ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު ހުޅުމާލޭގެ 3 ކެފޭއެއް ބަލާ ފާސްކުރި ކަމަށެވެ. މި ކެފޭތަކުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.
މި އަހަރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވުމުގެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރަން މިނިސްޓްރީން ވަނީ "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގައެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ވަނީ ނަގާފައެވެ.