މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް ފިލައިގެން އުޅޭ ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަން އިން ބުނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ޓާސްކު ފޯހުން ވަނީ މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އެ ދެ ތަނުގެ ތެރެއިން އެއް ތަނަކީ ބިދޭސީއެއް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކޮށްފައިވާ ތަނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެ ބިދޭސީ މީހާ ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ބުނެއެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.
އަދި މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މީގެ އިތުރުން މާލޭ ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ވަޒީފާ ދޭ ފަރާތުން ހޯމް މިނިސްޓްރީއާ ގުޅިގެން ނިންމުމަށް ވަނީ އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުކޮށްފިނަމަ އެކްސްޕެޓް ސިސްޓަމުން އެ ފަރާތެއް ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރަން މިނިސްޓްރީން ވަނީ "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މިދިޔަ މަހު އޮޕަރޭޝަނެއް ބާއްވައިފަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން އެއް ދުވަސް ތެރޭގައި 1،455 ބިދޭސީންގެ މައުލޫމާތު އެއްކޮށްފައި ވެއެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގައެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ވަނީ ނަގާފައެވެ.