މިއަހަރާއި، އަންނަ އަހަރު އިންޑިއާއިން ބޭރުގެ ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 69 މިލިއަން ޑޮލަރު ދިނުމަށް އެ ގައުމުގެ ބަޖެޓުގައި ހިމަނައިފިއެވެ.

މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ދޭން ކަނޑައަޅާފައި ވަނީ 600 ކްރޯޑު އިންޑިއާ ރުޕީސް (69.3 މިލިއަން އެމެރިކާ ޑޮލަރެ)ވެ.

އިންޑިއާގެ ބަޖެޓުގައި އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމެއްގެ ގޮތުގައި މި ފަހަރު ވެސް ބޫޓާން ހިމަނާފައިވާއިރު، ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމެއްގެ ގޮތުގައި އޮތީ ނޭޕާލެވެ. ރާއްޖެއަކީ ތިންވަނައަށް އިންޑިއާއިން އެންމެ ގިނައިން ހިލޭ އެހީ ދޭ ގައުމެެވެ. މި ތިން ގައުމުގެ އިތުރުން އިންޑިއާއިން އަންނަނީ އަފްއާނިސްތާން، ބޫޓާން، ބަންގްލަދޭޝް، މިޔަންމާ، ލަންކާ، މޮންގޯލިއާ، ސީޝެލްސް އަށް ވެސް އެހީވަމުންނެވެ.

އިންޑިއާއިން 2024-2025 ވަނަ އަހަރު އެންމެ ފުރަތަމަ ރާއްޖެއަށް ދޭ އެހީގެ 72 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށް އަރާނެކަމަށް ލަފާކުރި ނަމަވެސް މިދިޔަ އަހަރު ފާސްކުރި ބަޖެޓުގައި ރާއްޖެއަށް ދިނުމަށް ކަނޑައެޅީ 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ)އެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވީ ނަމަވެސް މިހާރު ދެ ގައުމުގެ ގުޅުން އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.