ގަވައިދާ ހިލާފަށް ރާއްޖޭގެ އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ދަށުން ކ. ހުރާގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފިއެވެ.
ފާއިތުވި އަހަރެއްހާ ދުވަހު އިމިގްރޭޝަންގެ ރެއިޑުތައް ކުރިއަށް ގެންދިޔައީ މާލެ އާއި ހުޅުމާލޭގައި ނަމަވެސް އޮޕަރޭޝަން ފުޅާކޮށް ފުރަތަމަ ފަހަރަށް ރަށްރަށުގައި ރެއިޑްތައް ފަށާފައި ވަނީ ހުސްވި އޮކްޓޯބަރު މަހު ކ. ގުރައިދޫގައެވެ. އިމިގްރޭޝަންގެ 20 އޮފިސަރަކާއި ފުލުހުންގެ ނުވަ އޮފިސަރެއްގެ އިތުރުން ގުރައިދޫ ކައުންސިލުގެ އެހީތެރިކަމާއެކު އެ ރަށުން ވަނީ 39 ބިދޭސީއެއް އަތުލައިގަނެފައެވެ.
ގުރައިދޫގެ އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީއަކު ޗެކްކޮށްފައިވެ އެވެ. ހިފެހެއްޓި 39 ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް، ސްރީ ލަންކާ، ނޭޕާލް އަދި އިންޑިއާ މީހުންނެވެ. އަދި ނައިޖީރިއާގެ މީހަކު ވެސް ހިމެނެ އެވެ.
އެގޮތުން ރަށްރަށުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން އިއްޔެ އިމިގްރޭޝަނުން ވަނީ ކ. ހުރައަށް ގޮސް ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 46 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީން ހިމެނެ އެވެ.