އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައިގެންފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ޑީއާރުއައި އިން ވަނީ ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި އެ މީހުންގެ ދަބަސް ބަލާފާސްކުރިއިރު އެއިން 12 ދަޅުގެ ހަޝިޝް އޮއިލް ފެނިފައިވާއިރު މިތަކެތީގެ މަގުމަތީ އަގަކީ ކިލޯއަކަށް 1.8 މިލިއަން ރުފިޔާއެވެ. އެހެންވެ، އަތުލައިގަތް ހަޝިޝް އޮއިލްގެ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރު، 33 އަހަރު، 56 އަހަރު، އަދި 30 އަހަރުގެ މީހެއްކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. އެގޮތުން 56 އަހަ މީހާއަކީ ޔޮޓެއްގައި ކްރޫ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. 30 އަހަރުގެ މީހާއަކީ މަރުކަޒީ އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްއަށް މަސައްކަތް ކުރާ މީހަކަށްވާއިރު، މަސްތުވާތަކެތި އެތެރެކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ސެކިއުރިޓީ ޗެކްޕޮއިންޓްތަކުގައި ދޮގު ކްލިއަރެންސް ރިޕޯޓް ފޯރުކޮށްދިން ކަމުގެ ތުހުމަތު އޭނާއަށް ވަނީ ކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޕާން ވިދާޅުވީ މި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ހޯދުމަށް އިދާރާތަކަށް ރަސްމީކޮށް ހުށަހަޅާފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.