މިވަގުތަށް ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީން އެކަން ހާމަކޮށްފައި ވަނީ ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައެވެ.
އެގޮތުން، މިދިޔަ ޑިސެމްބަރުގެ ކުރިން އެންމެ ފަހުން އީސީގެ ތަފާސް ހިސާބުތައް އާންމުކުރި އިރު ޕީއެންސީގައި 28،000 އެއްހާ މެންބަރުން ތިބި ނަމަވެސް މިވަގުތު އެ ޕާޓީގައި 68،968 މެންބަރުން އެބަ ތިއްބެވެ.
އަދި މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އޮތީ 43،755 މެންބަރުންނާއެކު ލިސްޓުގެ ދެވަނައިގައެވެ. މީގެ ކުރިން އެމްޑީޕީގައި 52،142 މެންބަރުން ތިއްބެވެ. އަދި ތިން ވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ. އަދި އުވައިލުމުގެ މަރުހަލާގައި އޮތް ޕީޕީއެމްގައި މިވަގުތު ވެސް 12،174 މެންބަރުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެހެނިހެން ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް:
- އެމްޑީއޭ: 9،210 - މީގެ ކުރިން ތިބީ 8،200 މެންބަރުން
- އެމްއެންޕީ: 6،050 - މީގެ ކުރިން ތިބީ 7،519 މެންބަރުން
- ޑިމޮކްރެޓްސް: 3،667 - މީގެ ކުރިން ތިބީ 4،300 މެންބަރުން
- އެމްޓީޑީ: 2،359 - މީގެ ކުރިން ތިބީ 3،100 މެންބަރުން
- ޕީއެންއެފް: 2،822
ފާއިތުވި ދުވަސްތަކުގައި މެންބަރުން އިތުރު ކުރުމަށް ޕީއެންސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ދާދިފަހުން ވަނީ އެޕާޓީން ގިނަ އަދަދެއްގެ 'ވަގު ފޯމު' ފުރިކަމަށް އިދިކޮޅުން ތުހުމަތުކޮށް، އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.
ޕީއެންސީއަށް ވަގަށް ވެއްދި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކާއި އާންމު ގިނަ މެންބަރުން ހިމެނެ އެވެ.
މި މައްސަލަ ފެންމަތިވެފައި ވަނިކޮށް ޕީއެންސީގެ ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކެއް ހޯމް މިނިސްޓްރީ އާއި ޑީއެންއާރުގެ މުވައްޒަފުން ފުރަން ތިބި މަންޒަރު ދައްކުވާދޭ ފޮޓޯ ތަކެއްވެސް އާންމުވެފައި ވެއެވެ. އަދި މި މަސައްކަތް ކުރިއަށްދާގޮތް ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާނު ހުންނަ ފޮޓޯއެއް ވެސް އާންމުވެފައިވާއިރު އިދިކޮޅުން ގެންދަނީ މިނިސްޓަރު އިހުސާން މަގާމުން ދުރުކުރުމަށް އެދި އަޑުއުފުލަމުންނެވެ. އެ އަދި ހަމައެހެންމެ އިދިކޮޅު އެމްޑީޕީން ވަނީ ޕީއެންސީން މި ފަހުން ހުށަހެޅި ހުރިހާ ފޯމެއް ބާތިލުކުރަން އީސީއަށް ވެސް ގޮވާލައިފައެވެ.
އޮޅުވާލައިގެން އާންމުން އެކި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، ރަޖިސްޓްރީވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގައި ނަން އޮންނަ މައްސަލައަކީ މީގެ ކުރިންވެސް ދިމާވެފައިވާ މައްސަލަތަކެއްކަން ފާހަގަކޮށްލެވެއެވެ.