އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ، ކުރީގެ ރައީސް ޑޮނާލްޑް ރޭ ކުރައްވާފައި ވާ އިރު، ރިޔާސީ ބަޔާނުގައި ދުނިޔެއަށް ވަރުގަދަ މެސެޖްތަކެއް ދެއްވައިފިއެވެ.

ހާއްސަ ގޮތެއްގައި އެމެރިކާގެ ރައްޔިތުންނަށް ފާގަތިކަމާއި ރައްކާތެރިކަމާއި އިސްކަން ދޭ ގިނަ ސިޔާސަތުތަކާއެކު އެމެރިކާއިން ބޭރުގެ ސަރަހައްދުތަކަށް ހިންގާނެ މައިގަނޑު ބައެއް ސިޔާސަތުތައް ވެސް ވަނީ ހާމަ ކުރައްވާފައެވެ.

އެގޮތުން މެކްސިކޯ ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ވަންނަ ރެފިއުޖީން ހުއްޓުވުމަށާއި އެމެރިކާގައި ގަވައިދާ ހިލާފަށް ދިރިއުޅޭ އެތައް މިލިއަން ރެފިއުޖީން ބޭރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޓްރަމްޕް ވިދާޅުވީ، މެކްސިކޯ ބޯޑަރު ބަންދު ވީ ކަމަށާއި ގަވައިދާ ހިލާފަށް އެމެރިކާގައި ތިބި އެންމެން ބޭރު ކުރުމުގެ މަސައްކަތްވެސް ފެށުނީ ކަމަށެވެ. އަދި ތާރީހީ ނަޒަރިއްޔާ އަކުން ބައެއް ވާހަކަތައް ހިއްސާ ކުރައްވައި ވިދާޅުވީ، މިހާރު އޮންނަ ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާއަށް ބަދަލު ކުރައްވާނެ ކަމަށާއި، އިހުޒަމާނުގައި އެމެރިކާއިން ބެލެހެއްޓި ޕެނަމާ ކެނަލް މިހާރު ގެއްލިފައި ވުމުން އެތަން ވެސް އަތުލާނެ ކަމަށެވެ.

އެ ކެނެލާ ބެހޭގޮތުން ޓްރަމްޕް އިތުރަށް ވިދާޅުވީ މާ ކުރީ ޒަމާނެއްގައި އެމެރިކާ އާއި ޕެނަމާ އާ ދެމެދު އެކުލަވާލި މުއާހަދާއެއްގެ ދަށުން ޕެނަމާއިން އެ ކަނޑުއޮޅި ބަލަހައްޓާ ގޮތަށް އޮތް ނަމަވެސް އެ ކަނޑުއޮޅީގެ މައްޗަށް ނުފޫޒު ފޯރުވަނީ ޗައިނާއިން ކަމަށާއި، އެ ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ ބޯޓުފަހަރުން ނަގާ ޑިއުޓީއާއި ޓެކްސް ބޮޑުކޮށްފައި ވާ ކަމަށާއި، އެހެން ކަމުން ކުރިން ހަދާފައި އޮންނަ މުއާހަދާއަށް ޕެނަމާއިން އަމަލު ކުރަމުން ނުދާ ކަމަށެވެ.

މީގެ އިތުރުންވެސް ޓްރަމްޕް ވަނީ، އޭނާގެ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ގިނަ ކަންކަން ތަންފީޒު ކުރެއްވުމަށް ގަރާރުތައް ނެރުއްވާފައެވެ. އޭގެ އިތުރުން އެމެރިކާ އަކީ ދުނިޔެއަށް ނަމޫނާއެއް ކަމުގައި ހެދުމަށް ބޭކާރު ހަނގުރާމަތަކަށް ނުވަނުމަށާއި، ހިނގަމުން ދާ ހަނގުރާމަތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމެރިކާ އަކީ އިގްތިސޯދީ އަދި އިޖްތިމާއީ އަދި ޓެކްނޮލިޖީގެ އެންމެ އުހުގައި އޮންނަ އެހެން ބައެއްގެ އަތް ނުފޯރާ ގައުމަކަށް ހައްދަވާނެ ކަމަށާއި، އެގޮތުން ދުނިޔެއިން ބޭރުގައި އޮންނަ 'މާސް' އަށް މިސްރާބު ހުރިކަމަށް ވިދާޅުވިއެވެ.

މާސް އަށް އިންސާނުން ފޮނުވުމަކީ، ޓްރަމްޕްގެ ރިޔާސީ ކެންޕެއިންގެ ތެރޭގައި ޓްރަމްޕްގެ މަދަދުގާރު ބިލިއަނަރު އިލޮން މަސްކް ހާމަ ކުރި ހިޔާލެކެވެ. އެ ހިލާޔާއެކު މަސްކު ހާމަ ކުރި، ގިނަ ހިޔާލުތައް ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ހިމަނަން ރޭ ޓްރަމްޕް ވަނީ އިއުލާން ކުރައްވާފައެވެ.

ރޭ އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުންނާއި އިއްޒަތްތެރިން ބައިވެރިވަވޑައިގެންފައި ވެއެވެ.