ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭ ސިޔާސީ ހުރިހާ ޕާޓީއެއްގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނީ އިދިކޮޅު އެމްޑީޕީގެ ދަފްތަރުގައި ތިބި އެ ޕާޓީގެ 3،000 އަށް ވުރެ ގިނަ މެންބަރުން ވެރިކަންކުރާ ޕީއެންސީ އަށް އޮޅުވާލައިގެން ވެއްދި ކަމަށް އެ ޕާޓީން ބުނެފައި ވަނިކޮށެވެ. މި މައްސަލަ އޭސީސީއަށާއި ފުލުހުންނަށް ހުށަހަޅައި، މި މައްސަލަ ތަހްގީގުކުރުމަށް އެ ދެ މުއައްސަސާއަށް އަމުރު ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ ކިބައިން އެދިފައިވާނެ ކަމަށް، އެމްޑީޕީން މިއަދު ބުންޏެވެ.

އެމްޑީޕީން ބުނީ މި މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނަށާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ އިތުރުން، ޕީއެންސީގެ ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކުރި މީހުންނާއި ފޯމުތައް ފުރުމުގައި ބައިވެރިވި މީހުންގެ މައްޗަށް ތަހްގީގު ހިންގުމަށް ފުލުހުގައި އެދިފައިވާނެ ކަމަށެވެ.

ވަގު ފޯމް މެދުވެރިކޮށް ޕީއެންސީ އަށް މެންބަރުން ވައްދާ މައްސަލައިގައި 'ދަ ޕްރެސް' އިން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭ ސިޔާސީ ޕާޓީއެއްގެ ދަފްތަރުތަކަށް ޝަކުވާ ހުށަހެޅުމަށް އެ ކޮމިޝަންގެ ފަރާތުން ހުޅުވާލާނެ ކަމަށެވެ. ހަސަން ވިދާޅުވީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން:

  • އީފާސް މެދުވެރިކޮށް، ޝަކުވާ ހުށަހަޅާ ފަރާތުގެ ސެލްފީ ނަގައި ޝަކުވާ ހުށަހެޅޭނެ ކަމަށް (މައި ޕޯޓަލް)، (މިހާރު ވެސް އޮންނަ ގޮތް) ނުވަތަ
  • ޕާޓީތަކުގެ ދަފްތަރު އާންމުކުރުމުން އީފާސް ނެތް މީހުންނަށް އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ވެސް އޮންނާނެ ކަމަށް

އޭނާ ވިދާޅުވީ ދެ ގޮތުން ކުރެ އެއް ގޮތަކުން ވެސް ސިޔާސީ ޕާޓީއަކުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި ވަކިވާން ހުށަހެޅޭނެ ކަމަށެވެ.

ވަގު ފޯމްތަކުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ، ޕާޓީތަކަށް މެންބަރުން ވެއްދުމަށް މިހާރު ބޭނުންކުރާ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ޕާޓީތަކުން ހުށަހަޅާ ފޯމުތައް ބަލައިގަތުން މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމައިފައެވެ.

އެކަން އެގޮތަށް ކުރަން ނިންމީ އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ގޮތުންނެވެ. އެހެންކަމުން ޕާޓީތަކުގެ ފޯމުތައް ބަލައިގަތުން ވަގުތީގޮތުން ހުއްޓާލި ނަމަވެސް މައި ޕޯޓަލް މެދުވެރިކޮށް ޕާޓީތަކުން ވަކިވުމުގެ ހިދުމަތް ކުރިއަށް ދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.