އާޓިފިޝަލް ބީޗުގައި އިއްޔެ މާރާމާރީ ހިންގި 3 ބިދޭސީން ޑީޕޯޓުކުރަން ނިންމައިފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން 3 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށެވެ.

މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށްވެސް ޝަމްއާން ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭ 20:30 ހާއިރު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މާރާމާރީގެ މަންޒަރު ރެކޯޑު ކުރި ދިވެއްސަކާ މެދުގައި ވެސް އެ ބިދޭސީން މާރާމާރީ ހިންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ތިން ބިދޭސީ ފިރިހެނުން ކަމަށެވެ. ފުލުހުން މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.