ހުޅުމާލެ ފޭސް 2 ގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ދެ ހައި ވޯލްޓޭޖް އެޗްވީ ޓްރާންސްފޯމަރަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ މިކަމުގެ ސަބަބުން ކަރަންޓު ނެޓްވޯކަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، މި އަމަލު ހިންގި ފަރާތްތަކުން ވަނީ ގޭޓުތަކާއި ތަޅުތައް ހަލާކުކޮށް އެޗްވީ ސިސްޓަމަށް ގެއްލުން ދީފައިކަމަށެވެ.

ފަހުމީ ވިދާޅުވީ މި އަމަލު ހިންގި ފަރާތަކުން ވަނީ އެޗްވީ ސްވިޗުތައް ހަރުދަނާކަމާއެކު ނިއްވާލާފައި ކަމަށާއި މިކަމުން ދޭހަވަނީ މި އަމަލު ހިންގި ފަރާތަކަށް ޓްރާންސްފޯމަރު ސިސްޓަމްތަކާއި އެތަކެތި މަސައްކަތް ކުރާ ގޮތުގެ ޓެކްނިކަލް މައުލޫމާތު ރަނގަޅަށް އިނގޭ ކަމަށެވެ. ފަހުމީ އިތުރަށް ވިދާޅުވީ މިފަދަ މުހިންމު ވަސީލަތްތަކަށް ގެއްލުން ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި މީގެ ސަބަބުން ކަރަންޓު ޖެހުމާއި ބޮޑެތި އަނިޔާތަކާއި، އަދި މަރުވުމުގެ ނުރައްކާތެރި ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވާކަމަށެވެ.

ފަހުމީ ވިދާޅުވީ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގާފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. ފަހުމީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކުރަމުން ދާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހު ވަނީ ހުޅުމާލެ ފޭސް 2 ގައި ބަހައްޓާފައި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައެވެ. ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ސްޓެލްކޯ އިން އޭރު ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

މާލޭގެ އެކިއެކި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ފަހަކުން މި ވަނީ ބޮޑުވެފައެވެ. މިކަމުގެ ސަބަބުން އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވާއިރު އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެސް ވަނީ ކުރިމަތިވެފައެވެ.