ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، މާދަމާ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު އެއް ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އަދި ހަމައެހެންމެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުންވެސް އެ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތް ދިނުމަށް ފަސޭހަވެ ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް ސްޓެލްކޯއިން އެކިއެކި އަޕްގްރޭޑް މަސައްކަތް ކުރުމަށް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލައެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ މަސައްކަތް ނިމުމާއެކު ކަރަންޓު އަނބުރާ ފޯރުކޮށްދެއެވެ. އަދި އެފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.