ވޭތުވެ ދިޔަ ދެ ދުވަސް ތެރޭ ގަވާއިދާ ހިލާފަށް އުޅޭ 47 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަން އިން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނުފޫޒު ގަދަކަމަށް "އިމިގްރޭޝަން ވޮޗް" އަށް މައުލޫމާތު ލިބިފައިވާ ދެ ސަރަހައްދެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ މާލޭގެ ލޯކަލް މާރުކޭޓު އަދި ހީނާމާގޭ ޕާކިން ސަރަހައްދެވެ.

އިއްޔެ އިމިގްރޭޝަން ޓަސްކް ފޯހުން ހިންގި ހާއްސަ ރެއިޑު އޮޕަރޭޝަނުގައި 137 ބިދޭސީން ބަލައި ފާސްކޮށްފައި ވެއެވެ. އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދާ 25 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަަށް ގެންގޮސްފައެވެ. މި ރެއިޑު އޮޕަރޭޝަންގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު އަދި ޑެޕިއުޓީ ކޮންޓްރޯލާ، އަހުމަދު އަޝްފާން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ހަމައެއާއެކު މިދިޔަ އަންގާރަ ދުވަހު ވެސް މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި ވަނީ މިފަދަ އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަންގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާ/ފުރާ އުޅަނދުފަހަރު ވެސް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 148 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ 22 ފިރިހެނަކާއި އެއް އަންހެނަކު އެ ދުވަހު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ލޯކަލް މާރުކޭޓު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕްރޭޝަނަށް ފަހު ޝަމްއާން ވިދާޅުވީ، "އިމިގްރޭޝަން ވޮޗް" އަށް ބިދޭސީންނާ ގުޅޭ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި އެ ޝަކުވާތަކަށް ބަލާ ފާހަގަކުރެވޭ ސަރަހައްދުތައް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ލޯކަލް މާރުކޭޓު ސަރަހައްދަކީ ގިނަ ބިދޭސީންތަކެއް ހަރަކާތްތެރިވާ ސަރަހައްދަކަށްވާ އިރު މި ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ރެއިޑު އޮޕްރޭޝަންތަކަކީ ވެސް އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕްރޭޝަންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން މިއަހަރުތެރޭ އަނބުރާ ގައުމަށް ފޮނުވާލާފައިވާ އިރު އަމާޒަކީ އަންނަ އަހަރު މިއަދަދު ދެގުނަ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކުރައްވާނެ ކަމަށާއި މި މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން އަންނަ އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.