"ބިންވެރިޔާ" ސްކީމުގެ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތިިތަކެއް ދިން މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެޗްޑީސީއަށް ވަދެއްޖެއެވެ.
އެޗްޑީސީގެ ލިޔެކިޔުންތަކެއް ފޯޖުކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބުނެފައި ވަނީ މިއަދުއެވެ. އެކަން އެނގިފައިވަނީ ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް ހައުސިން މިނިސްޓްރީގައި އެދުމުން ކަމަށް ވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓުން ދައްކާ ގޮތުން ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ. ދެން ހިމެނެނީ އަބްދުލް މަޖީދު މާހިރު ނަމަކަށް ކިޔާ މީހެކެވެ.
މި ބިންތަކުގައި ފާރު ރޭނުމުގެ ހުއްދަ އަށް އެޗްޑީސީން އެދުނީ މިދިޔަ ޖުލައި މަހު ނަމަވެސް ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކެއް ނޫނެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން މިހާރު ދަނީ އެޗްޑީސީއަށް ވަދެ ތަހުގީގު ހިންގަމުން ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.
ކުރީގެ ސަރުކާރުން "ބިންވެރިޔާގެ" ސްކީމްގެ ދަށުން ހުޅުމާލެ ދެކާއި ތިނެއް އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ވަނީ ދޫކޮށްފައެވެ.