ރާއްޖޭގައި އުފަންވެ ދިވެހި ބަހުން ވާހަކަ ދައްކާ ފްރާންސް އާއިލާގެ ކުދިންތައް ފޮނުވާލެވިގެން ނުވާނެކަމަށް ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ ވިދާޅުވީ ރާއްޖޭގައި އުފަންވެ ދިވެހި ބަހުން ވާހަކަ ދައްކާ އެހެން ބަހަކުން ވާހަކަ ދައްކަން ނޭނގޭ ކުދިންތަކެއް، އެ އާއިލާ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ފޮނުވާލެވިގެން ނުވާނެކަމަށާއި، އިލްތިމާސްކުރަނީ ގާނޫނީ ނުކުތާތަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.
އާޒިމާ ވިދާޅުވީ އާއިލާ ފުރުވާލުމުގެ ކުރިއަށް އެ ފަރާތްތަކުން ފާހަގަކޮށްދޭ ގާނޫނީ ނުކުތާތަކަށް ސަރުކާރުން ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އަދި އެ މީހުން މި ވަގުތަށް ފުރުވައިލުން މަޑުޖައްސާލައި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް ވަކާލާތު ކުރުމަށް ވަގުތު ދިނުމަށް ސަރުކާރުގައި އިލްތިމާސް ކުރައްވާނެ ކަމަށެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ފްރާންސްގެ އާއިލާއިން އެދެނީ ރަށްވެހިކަން ނުދެވޭ ނަމަ އެ މީހުން ފުރުވާލުމަށް ކަމަށެވެ. ރަށްވެހިކަމަށް އެދުނު ނަމަވެސް ގަވާއިދާ ހިލާފަށް އުޅުނު އާއިލާއަށް ރަށްވެހިކަން ނުދެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އާޒިމާގެ އިތުރުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުވެސް ވަނީ ސޯޝަލް މީޑިއާގައި އެ އާއިލާއަށް ގުޅޭނެ ގޮތް ހޯދުމަށް އެދިވަޑައިގެންފައެވެ. އަދި މިހާރު ގުޅޭނެ ގޮތް ވެއްޖެ ކަމަށް ވެސް އެމީހުން ވަނީ ވިދާޅުވެފައެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތުއިމިގްރޭޝަން ވޮޗް އަށް ޖުލައި މަހުގެ 18 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.
ޝަމްއާން ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސް ފަރާތް އިމިގްރޭޝަނަށް ހާޒިރު ކުރި ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޕާސްޕޯޓު މުއްދަތު ހަމަވެފައިވާކަމަށާއި، އެހެންކަމުން އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން ދާ ކަމަށްވެސް ޝަމްއާން ވަނީ ވިދާޅުވެފައެވެ.
މި އާއިލާ މިވަގުތު ތިބީ ތ. ވޭމަންޑޫގައެވެ.